Advertisement

ހަރުކަށި ފިކުރުގެ މީހުން ތިބޭ ހާއްސަ ޔުނިޓުގައި ރޭ ހަމަނުޖެހުން ހިންގައި ކެމެރާތަކަށް ގެއްލުން ދީފި

15 ފެބުރުވަރީ 2023 - 11:39 0

ނިމާ ހަސަން

ނިމާ ހަސަން

މާފުށީ ޖަލު- ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހަމަނުޖެހުން ހިންގާ، ތަކެއްޗަށް ގެއްލުން ދީފައިވޭ


ހަރުކަށި ފިކުރުގެ މީހުން ތިބޭ ހާއްސަ ޔުނިޓުގައި ރޭ ހަމަނުޖެހުން ހިންގައި ކެމެރާތަކަށް ގެއްލުން ދީފި

15 ފެބުރުވަރީ 2023 - 11:39 0

ޖަލުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހަރުކަށި ފިކުރު ފަތުރާ ގައިދީން ބޭތިއްބުމަށް މާފުށީ ޖަލުގައި ހެދި ސްޕެޝަލް މެނޭޖްމަންޓު ޔުނިޓު (އެސްއެމްޔޫ) ގައި ހަމަނުޖެހުން ހިންގައި އެ ޔުނިޓުގައި ހުރި ކެމެރާތަކަށް ރޭގެ ވަގުތެއްގައި ގެއްލުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރު މީހުންގެ ސަބަބުން ޖަލުގެ ނިޒާމަށް ބުރޫ އަރާ އެތައް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން، ރޭގައި ޖަލުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން ހޭލާ ތިބެން ޖެހުނު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ޖަލުގައި ހިންގި ހަމަނުޖެހުމާ ގުޅެ އިތުރު ތަފްސީލެއް އިމްރާން ނުދެއްވަ އެވެ.

އިމްރާންގެ ވާހަކަތަކާ ގުޅިގެން "އަދަދު" އިން އެއްކުރި މައުލޫމާތުތަކުން ކަށަވަރު ވެފައިވާ ގޮތުގައި އެ ޔުނިޓުގައި ރޭ ހިނގި ހަމަނުޖެހުންތަކުގައި، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށާއި، ގައިދީން އުޅޭ ނޫޅޭ ގޮތް ބެލުމަށާއި ސެކިއުރިޓީ ސަބަބުތަކަށް ހަރުކޮށްފައިވާ ކެމެރާތަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް އެއްވެސް ގައީދީއަކު އެކަހެރި ކޮށްފައި ނުވާ ކަމަށާއި ފުލުހުންގެ އެހީތެރިކަމާއި ނުލައި ކަރެކްޝަންގެ އޮފިސަރުން ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވާކަން ވެސް ވަނީ "އަދަދު" އަށް އެނގިފަ އެވެ.

މި ހާދިސާގެ ތަފްސީލްތައް ހިއްސާ ނުކުރެއްވި ނަމަވެސް، މިފަދަ ސަބަބުތަކާ ހެދި ޖަލުގައި ހަރުކަށި ފިކުރު މީހުންގެ ހާލަތު ކޮންޓްރޯލް ކުރުމަށް ހައި ސެކިއުރިޓީ ވިންގެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަދު މަޖިލީހުގައި އިމްރާން ވިދާޅުވެފައިވެ އެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ހަރުކަށި ފިކުރު މޫލާފައިވާ ކަން މި ސަރުކާރު ވެރިކަމަށް އައިރު ވެސް ފާހަގަކުރެވުނު ކަމަށާއި އެކަމާ ދެކޮޅަށް އެތައް ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން، މީގެ ކުރިން ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުން ނޯންނަަ ކަން ފާހަގަކުރައްވައި އިމްރާން އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރުގެ ފަރާތްތައް ދެނެގަނެ، އެސެސް ކޮށް، އެހެން ގައިދީންނާ ވަކި ކުރުމުގެ ކަންކަން ކުރެވެން އޮތް މިންވަރަށް ކުރަމުން އަންނަ ކަމަށެވެ.

"ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި ޑިވޮލޮޕްކުރުމަށް ޓަކައި އެ މަސައްކަތް ފެށިގެން ދަނީ ކުރިއަށް، އަޅުގަނޑު އުންމީދު ކުރަނީ މި އަހަރުގެ ޖޫން/ޖުލައި ހިސާބުގައި އެ ވިންގު ނިންމާލެވޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އެ ފެސިލިޓީ ގާއިމް ކުރަނީ ސިންގަޕޫރުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައިގެން، މާލީ ތަނަވަސް ކަން ހުރި މިންވަރަށް ބަލައިގެން އެކަށީގެންވާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ ގައިދީންނަށް ހާއްސަ ޔުނިޓުގެ އިތުރުން ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ ގޮތުގެ ނުވަތަ ރެޑިކަލައިޒޭޝަން ޕްރޮސެސްގެ ދިރާސާއެއް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ.