15 ފެބުރުވަރީ 2023 - 10:49 0
އައިޝަތު ނުޒުހާ
މާފުށީ ޖަލު ގައިދީއެއް؛ ހަރުކަށި ފިކުރު ކޮންޓްރޯލް ކުރުމަށް ހައި ސެކިއުރިޓީ ވިންގެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން މިއަދު ވިދާޅުވި--
15 ފެބުރުވަރީ 2023 - 10:49 0
ޖަލުގައި ހަރުކަށި ފިކުރު މީހުންގެ ހާލަތު ކޮންޓްރޯލް ކުރުމަށް ހައި ސެކިއުރިޓީ ވިންގެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ޖަލުތަކުގައި ހަރުކަށި ފިކުރު އޮތް މިންވަރާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.
"ހަނގުރާމަވެރި ހަރުކަށި ފިކުރުގެ އައްޑާއެއް ގޮތަށް ޖަލު ބައްޓަން ވެފައިވާ ވާހަކަ، އެކަންކަމާ ގުޅޭ ގޮތުން ކޮން ކަހަލަ ފިޔަވަޅުތަކެއްތޯ އެޅެމުން ދަނީ،" އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޖަލުގައި ހަރުކަށި ފިކުރު މޫލާފައިވާ ކަން މި ސަރުކާރު ވެރިކަމަށް އައިރު ވެސް ފާހަގަކުރެވުނު ކަމަށާއި އެކަމާ ދެކޮޅަށް އެތައް ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.
މިގޮތުން، މީގެ ކުރިން ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުން ނޯންނަަ ކަން ފާހަގަކުރައްވައި އިމްރާން އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރުގެ ފަރާތްތައް ދެނެގަނެ، އެސެސް ކޮށް، އެހެން ގައިދީންނާ ވަކި ކުރުމުގެ ކަންކަން ކުރެވެން އޮތް މިންވަރަށް ކުރަމުން އަންނަ ކަމަށެވެ.
"ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި ޑިވޮލޮޕްކުރުމަށް ޓަކައި އެ މަސައްކަތް ފެށިގެން ދަނީ ކުރިއަށް، އަޅުގަނޑު އުންމީދު ކުރަނީ މި އަހަރުގެ ޖޫން/ޖުލައި ހިސާބުގައި އެ ވިންގު ނިންމާލެވޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.
އެ ފެސިލިޓީ ގާއިމް ކުރަނީ ސިންގަޕޫރުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައިގެން، މާލީ ތަނަވަސް ކަން ހުރި މިންވަރަށް ބަލައިގެން އެކަށީގެންވާ ގޮތަކަށް ކަމަށެވެ.
ހަރުކަށި ފިކުރު މީހުންގެ ސަބަބުން ޖަލު އޮތް ހާލަތު ސިފަ ކުރައްވައި އިމްރާން ވިދާޅުވީ އެ މީހުންގެ ސަބަބުން ޖަލުގެ ނިޒާމަށް ބުރޫ އަރާ އެތައް ކަމެއް އެބަހުރި ކަމަށެވެ.
"އެފަދަ ފަރާތްތަކުގެ ސަބަބުން ޖަލުގެ މުޅި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތައް [އެބަހުރި]، މިއަދުވެސް އިނގޭތޯ ރޭގައި ވެސް އަޅުގަނޑުމެން ހޭލާ ތިބެން ޖެހޭ ފަދަ އެތައް ހާދިސާތަކެއް ދިމާވި،" އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައި އިމްރާން ވިދާޅުވި އެވެ.
Comment