Advertisement

ސާފް ޗެމްޕިއަންޝިޕް އަންނަ ޖޫން މަހު އޮންނާނީ އިންޑިއާގައި

15 ފެބުރުވަރީ 2023 - 01:11 0

އިންޑިއާ އިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ސާފް ޗެމްޕިއަންޝިޕް އަންނަ ޖޫން މަހު އޮންނާނީ އިންޑިއާގައި

15 ފެބުރުވަރީ 2023 - 01:11 0

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ނޭޕާލުން ބިޑުކުރި ނަމަވެސް ސްޕޮންސަރުންގެ އެދުމުގެ މަތިން އެ ފުރުސަތު އިންޑިއާ އަށް ދީފި އެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މި އަހަރުގެ ޖޫން މަހު ބާއްވަން ކުރިން ނިންމާފައި އޮތީ ނޭޕާލްގަ އެވެ. އެއީ މުބާރާތް ބާއްވަން ބިޑުކުރީ ނޭޕާލާއި ސްރީ ލަންކާ އިން އެކަނި ކަމަށްވެފައި، ސްރީ ލަންކާ މި ވަގުތު ސަސްޕެންޝަނެއްގައި އޮތުމުން ނޭޕާލަށް މުބާރާތް ބާއްވަން އެ ފުރުސަތު ލިބޭތީ އެވެ.

ޖޫން މަހުގެ 20 އިން ޖުލައި 02 އަށް ނޭޕާލްގައި ބާއްވަން ނިމިފައި އޮތް މުބާރާތް އިންޑިއާ އަށް ބަދަލުކުރީ މިއަދު ކުރިއަށްދިޔަ ސާފްގެ އެކްސްކޯ ބައްދަލުވުމުގަ އެވެ. މުބާރާތުގެ ކޮމާޝަލް އަދި މާކެޓިން ރައިޓްސް ގަތް ސްޕޯޓްސް ޕާޓްނަރު، އިންޓަނޭޝަނަލުން ވަނީ މުބާރާތް އިންޑިއާގައި ބާއްވަން ބާރު އަޅައިފަ އެވެ. އަދި މިއީ މި ވަގުތު ގައުމުތަކުގެ ހާލަތަށް ބަލާއިރު ސްޕޮންސަރުންނަށް ވެސް އެންމެ ފައިދާ ކުރާނެ ގޮތްކަމަށް ބަލައި މުބާރާތް ބާއްވަން އިންޑިއާ އަށް ފުރުސަތުދޭން ސާފުން ނިންމީ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ މާކެޓިން ރައިޓްސް ގަތުމަށް ބިޑް ކުރުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މުބާރާތުގެ ކޮމާޝަލް އަދި މާކެޓިން ރައިޓްސް އަށް ވިއްކާލީ 2029އާ ހަމައަށެވެ.

މި އަހަރު އިންޑިއާގައި މުބާރާތް ބާއްވާނެ ސްޓޭޓެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް އަންނަ މަހު އެކަން ފައިނަލް ކުރާނެކަމަށް ބެލެވެ އެވެ.

އިންޑިއާ އިން މި ފަހަރު ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިކުރާނީ އެޓީމްގެ ޒުވާން ޓީމްކަމަށް ބެލެވެ އެވެ. އެ ގައުމުގެ ކުޅިވަރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން މި ގޮތަށް ނިންމީ ގައުމީ ޓީމްގެ ސީނިއާ ކުޅުންތެރިންގެ ލަފާގެ މަތިންނެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕަކީ އިންޑިއާގެ ޒުވާން ޓީމަށް ރަނގަޅު ތަޖުރިބާތަކެއް ލިބޭނެ މުބާރާތެއް ކަމަށް މީގެ ކުރިން ބުނެފަ އެވެ. ޗެތުރީ ދެކޭ ގޮތުގައި 23 އަހަރުން ދަށުގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ މެޗުތަކުން ގަވާއިދުން ފުރުސަތު ނުލިބޭ ކުޅުންތެރިން ލައިގެން ހަދާ ޓީމެއް ގޮވައިގެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރެވިދާނެ އެވެ.

ސާފް ޗެމްޕިއަންޝިޕް އަށް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާގައި މުބާރާތުގެ މެޗުތައް ކުޅޭއިރު މި ފަހަރު ފުރަތަމަ ފަހަރަށް ޕާކިސްތާނުން އިންޑިއާ އަށް ޓީމް ފޮނުވާނެ ކަމަށް ބެލެވެ އެވެ. ދެ ގައުމުގެ ސިޔާސީ މަސްރަހުގެ ސަބަބުން އާންމުކޮށް އެއް ގައުމުގައި ބާއްވާ މުބާރާތްތަކަށް އަނެއް ގައުމުގެ ޓީމްތައް ދަތުރު ނުކުރެ އެވެ.

އިންޑިއާގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވި ފަހަރު 2015 ގައި ވެސް ޕާކިސްތާން ބައިވެރިއެއް ނުވެ އެވެ. ނަމަވެސް 2021 ފެށިގެން ދެ ގައުމުގެ ގައުމީ ޓީމުތަކުން މުބާރާތްތަކުގައި ވާދަކުރަން އަނެއް ގައުމަށް އަންނަން ފަށާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ މުބާރާތް އޮތީ 2021ގައި ރާއްޖޭގަ އެވެ. އެ ފަހަރު ފައިނަލުގައި ނޭޕާލް ބަލިކޮށް ތަށި ހޯދީ އިންޑިއާ އެވެ. މުބާރާތުގެ ތަށި އިންޑިއާގެ އިތުރުން ދެން ހޯދާފައިވަނީ ދިވެހިރާއްޖެ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީ ލަންކާ އެވެ. މީގެ ތެރެއިން ރާއްޖެއިން ދެ ފަހަރު ތަށި ހޯދި އެވެ.