14 ފެބުރުވަރީ 2023 - 17:00 0
އަހުމަދު އާއިދު
14 ފެބުރުވަރީ 2023 - 17:00 0
މިދިޔަ މަހުގެ ދެވަނަ ދުވަހު ވ. އަތޮޅު ވެމްޕަރު ފަޅުތެރެއިން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އޭގެ ހަތަރު ދުވަސް ކުރިން ގެއްލުނު މުހައްމަދު ލިޓަންގެ ހަށިގަނޑުކަން ކަށަވަރު ނުވި ނަމަވެސް، އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކުރާ މުހައްމަދު ނިޒާމުގެ މައްޗަށް ދައުލަތުން ދައުވާ ކުރަން ނިންމައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ލިޓަންގެ މަރުގެ މައްސަލަ މިހާރު އެ އޮފީހުން ވަނީ ބަލައިގަނެފަ އެވެ. އަދި އެ މައްސަލައިގައި ނިޒާމްގެ މައްޗަށް ކުރާނެ ދައުވާއެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަން،35، އަދި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް ގެއްލިގެން ހޯދަން ފެށީ ޑިސެމްބަރު 228، 2022 ގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެންމެ ފަހުން އެ ދެ މީހުން ފެނިފައިވަނީ ތެޔޮބޯޓެއްގައި ވިލިމާލޭ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށްވެ އެވެ.
އޭގެ ފަހުން ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
އޭގެ ފަހުން މާލޭ ގެސްޓްހައުސް އަކުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި އެވެ. އަދިވެސް ނިޒާމް ބަންދުގައި ހުރި އިރު އޭނާ ހައްޔަރުކުރީ ލިޓަންގެ މަރުގެ މައްސަލައިގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ލިޓަންގެ ހަށިގަނޑު ކަމަށް ބެެލެވޭ ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ފުލުހުން ކުރާ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު ވަޅުލާފައިވާ ކަމަށް ފުލުހުން އެންގީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް މި މައްސަލައިގައި އިތުރު މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އިންކާރުކޮށްފަ އެވެ. އެގޮތުން ތަކުރާރުކޮށް ގުޅުމުން ވެސް ފުލުހުން ބުނީ މިއީ ކުރިއަށްދާ ތަހުގީގެއްކަމުން އިތުރަށް މައުލޫމާތު ދެވެން ނެތް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން "އަދަދު" އިން އެއްކުރި މައުލޫމާތުގެ ތެރޭގައި ހޯދުނު ނިޒާމްގެ ކުށުގެ ރެކޯޑު ދައްކާ ގޮތުން އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުމުގެ ގިނަ ރެކޯޑުތަކެއް ހުރި މީހެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment