Advertisement

ޕެޑްރީގެ ގޯލުން މޮޅުވެ ބާސެލޯނާ އަށް އެއް ވަނައިގައި ބޮޑު ލީޑެއް

13 ފެބުރުވަރީ 2023 - 09:26 0

ބާސެލޯނާ އަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނުމަށް ފަހު ޕެޑްރީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޕެޑްރީގެ ގޯލުން މޮޅުވެ ބާސެލޯނާ އަށް އެއް ވަނައިގައި ބޮޑު ލީޑެއް

13 ފެބުރުވަރީ 2023 - 09:26 0

މެޑްރިޑް (ފެބްރުއަރީ 13) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް ދަނޑުގައި ޕެޑްރީ ގޮންޒާލޭޒް ޖެހި ގޯލުން 1-0 އިން މޮޅުވެ، ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ 21 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 20 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ 20 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ހަަތަރު ވަނައިގައި އޮތީ ރޭ މެމްފިސް ޑިޕާއިގެ ގޯލުން 1-0 އިން ސެލްޓަ ވިގޯ އަތުން މޮޅުވި އެތުލެޓިކޯ މެޑްރިޑް އެވެ. އެތުލެޓިކޯ އިން ވަނީ 21 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދޭން ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ވިޔަރެއާލްގެ ކީޕަރު ޕެޕޭ ރެއިނާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ލެވަންޑޯސްކީ ދިން ބޯޅައަކުން ވިޔަރެއާލް އޭރިއާތެެރެއިން ޕެޑްރީ ވަނީ މެޗުގެ ހަމައެކަނި ގޯލު ޖަހައިފަ އެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ޕެޑްރީ ކާމިޔާބުކުރި ހަތަރު ވަނަ ގޯލެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ވިޔަރެއާލް އޭރިއާތެރެއިން ލެވަންޑޯސްކީ ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ރެއިނާ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިޔަރެއާލަށް ނަތީޖާ ހަަަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ އަލެކްސް މޮރާލޭސް ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ، ޖެހި ޝޮޓް އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ބާސެލޯނާގެ ރަފީނިއާ އަށް ދެ ވަނަ ހާފުގައި ގޯލު ޖަހަން ލިބުނު ފުރުސަތުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. ފަހުން ލެވަންޑޯސްކީގެ ހަމަލާއެއް ކީޕަރު ރެއިނާ ވަނީ މަތަކޮށްފަ އެވެ.

ވިޔަރެއާލުން ލަނޑެއް ޖަހައި އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވެ، ބާސެލޯނާ ވަނީ މެޗުން މޮޅުވެފަ އެވެ. މިއީ މި ފަހަރުގެ ލީގުގައި ބާސެލޯނާ އިން ކުޅުނު 21 މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ، ނިމުނު 16 ވަނަ މެޗެވެ.

މިއީ، ލީގުގައި ބާސެލޯނާ އިން ޖެހިޖެހިގެން ހޯދި ހަ ވަނަ މޮޅެވެ. ޒަވީ ބުނީ ރަނގަޅު ލީޑެއްގައި އެއް ވަނައިގައި އޮތް ނަމަވެސް އެއްވެސް ކަމެއް އަދި ޔަގީންނުވާ ކަމަށާއި ލީގު ނިމޭއިރު، އެއް ވަނަ މަގާމުގައި އޮންނަންް ބޭނުންނަމަ އަދި ވަރަށް ގިނަ ޕޮއިންޓް ބޭނުންވާނެ ކަމަށެވެ.