Advertisement

ރާއްޖޭގެ ބާސްކެޓްބޯޅަ މެޗުތަކުގެ ތަފާސްހިސާބުތައް މިހާރު ވަގުތުން ބަލާލެވޭނެ!

13 ފެބުރުވަރީ 2023 - 09:37 0

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ މުބާރާތުގައި ރެޑްވިންގްސް އާއި ޓީރެކްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގެ ބާސްކެޓްބޯޅަ މެޗުތަކުގެ ތަފާސްހިސާބުތައް މިހާރު ވަގުތުން ބަލާލެވޭނެ!

13 ފެބުރުވަރީ 2023 - 09:37 0

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ އިދާރީ ކަންތައްތަކާއި މުބާރާތްތަކާ ގުޅޭ ހުރިހާ ކަމެއް ޑިޖިޓަލްކޮށްފި އެވެ.

އެމްބީއޭގެ ރައީސްގެ މަގާމަށް އަހުމަދު އާދަމް (އެޑަމް) އިންތިހާބުވުމާ އެކު އޭނާ އެންމެ ފުރަތަމަ ފެށި މަސައްކަތަކީ އެސޯސިއޭޝަންގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަން ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމެވެ. އެ ގޮތުން އެސޯސިއޭޝަންގެ އިދާރީ ބަޔަށް މުވައްޒަފުން އިތުރުކޮށް މުބާރާތްތަކުގެ ކަންތައްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފެށި އެވެ.

އެމްބީއޭ އިން މިހާރު ވަނީ ބާސްކެޓްބޯޅަ މުބާރާތްތަކުގެ ސްޓެޓިކްސް އާއި ނަތީޖާތައް ވަގުތުން ގެނެސްދިނުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ "އެންބީއެން23" އާ އެކު ޕާޓްނާޝިޕް ހަދައިފަ އެވެ.

"އެންބީއެން23"ގެ އެޕްލިކޭޝަން ކަމަށްވާ "ސްވިޝް" މެދުވެރިކޮށް މިހާރު ކޯޗުންނާއި، ކުޅުންތެރިންނާއި، ސަޕޯޓަރުންނަށް މުބާރާތްތަކުގެ ސްކޯތަކާއި، ތަފާސް ހިސާބުތަކުގެ އިތުރުން ނަތީޖާތައް ބޭނުން ގަޑިއަކު ބަލާލެވޭނެ އެވެ.

އެމްބީއޭގެ ރައީސް އެޑަމް ވިދާޅުވީ ގިނަ ބަޔަކު މި ކުޅިވަރުގައި ބައިވެރިވެ ރާއްޖޭގެ ބާސްކެޓްބޯޅަ ފުޅާކުރުމަށް ކުރާ މަސައްކަތުގައި މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މަސައްކަތާ އެކު މުބާރާތްތަކުގެ ފޯރިގަދަވެ، ކޯޗުންނާއި ކުޅުންތެރިންނަށް މެޗުތަކުގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ކުރަންވީ ކަންކަން ފާހަގަކޮށް ނަތީޖާތައް ރަނގަޅު ކުރުމަށް ފުރުސަތު ލިބޭނެ ކަމަށް އެޑަމް ފާހަގަކުރެއްވި އެވެ.

މެޗުތަކުގެ ވީޑިއޯތައް ބަލައިގެން އެނަލިސިސް ހެދުމުގެ އިތުރުން މިހާރު މެޗުތައް ކުރިއަށްދާއިރު ތަފާސް ހިސާބުތައް ބަލައިގެން ކަންކަން ރަނގަޅު ކުރަން ގިނަ ފުރުސަތުތަކެއް ލިބޭނެކަމަށް ވެސް އެޑަމް ދެކިލައްވަ އެވެ.

އެމްބީއޭ އިން އިންތިޒާމްކުރާ މުބާރާތްތަކުގެ ތަފްސީލްތައް ލިބޭ "ސްވިޝް" އެޕްލިކޭޝަން މިހާރު ގޫގަލް ޕްލޭ ސްޓޯރުންނާއި، އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.

މި އަހަރު ބާސްކެޓްގެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިހުރިއިރު، އަހަރު ފެށީ މިހާރު ކުރިއަށްދާ ޖޫނިއާ ޗެމްޕިއަންޝިޕާ އެކުގަ އެވެ. މުބާރާތުގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުޅުން މިހާރު ކުރިއަށްދާއިރު، 15 އަހަރުން ދަށާ 13 އަހަރުން ދަށުގެ ކުޅުން އަންނަ މަހު ފަށާނެ އެވެ. އޭގެ ފަހުން ކުލަބު މުބާރާތްތައް ފެށުމަށް އެމްބީއޭ އިން އަންނަނީ ތައްޔާރު ވަމުންނެވެ.