25 ނޮވެންބަރު 2023 - 08:52 0
25 ނޮވެންބަރު 2023 - 08:52 0
ޖުމްލަ، 1300 އަށް ވުރެ ގިނަ ކުދިންނާ އެކު މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ މިނީ ބާސްކެޓްބޯޅަ ފެސްޓިވަލް ފަށައިފި އެވެ.
މި މަހުގެ 24 އިން ފެށިގެން ޑިސެމްބަރު ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލްގައި ވާދަކުރަނީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ފަހަކާ ދެމެދުގެ ކުދިންނެވެ. މިގޮތުން މި މުބާރާތުގައި ހަ އެކަޑެމީއަކުން ޖުމްލަ 123 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ.
މުބާރާތުގައި އެންމެ ގިނަ ޓީމް ވާދަކުރަނީ 11 އަހަރުން ދަށުގެ ބައިގަ އެވެ. މި ބައިގައި 27 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. އަށް އަހަރުން ދަށުގެ ބައިގައި 20 ޓީމް ވާދަކުރާއިރު، ނުވަ އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ 26 ޓީމަކުންނެވެ. 10 އަހަރުން ދަށުގެ ބައިގައި 24 ޓީމަކުން ވާދަކުރާއިރު، 12 އަހަރުން ދަށުގެ ބައިގައި 26 ޓީމަކުން ވާދަކުރެ އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މިދިޔަ އަހަރުވެސް މިނީ ބާސްކެޓްބޯޅަ ފެސްޓިވަލެއް ބޭއްވި އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ފެސްޓިވަލްގައި މާލޭގެ 12 ސްކޫލަކުން 1300 އާ ގާތްކުރާ އަދަދަކަށް ކުދިން ވާދަކުރި އެވެ.
އެމްބީއޭގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ މިދިޔަ އަހަރުގެ ފެސްޓިވަލްގެ ކާމިޔާބާއިއެކު މިއަހަރު ގިނަ ސްކޫލްތަކުން ދުރާލާ ތައްޔާރުވެފައިވާކަމަށެވެ. އަދި މިދިޔަ އަހަރު ފެނުނު ކުޅުމަށްވުރެ ކުޅުންތެރިންގެ ފެންވަރުވެސް ރަނގަޅުކަން އޭނާ ފާހަގަކުރި އެވެ.
މިދިޔަ އަހަރުގެ މުބާރާތަށްފަހު ޓީމްތަކުގެ ކޯޗުން ފާހަގަކުރިކަމަކީވެސް ކޮންމެ އަހަރަކު މި ފެސްޓިވަލް ބޭއްވުމުގެ މުހިންމުކަމެވެ. އެހެންކަމުން މިއަހަރުވެސް މި ފެސްޓިވަލް އެމްބީއޭ އިން ބޭއްވީ އަހަރުގެ މުހިންމު ހަރަކާތެއްގެ ގޮތުގައި ބަލައިގެންނެވެ.
Comment