Advertisement

ބާސްކެޓްގެ ދެވަނަ ޑިވިޝަނުން ދިނީ "ވަރުހުރި" އުއްމީދީ މެސެޖެއް

8 ޑިސެންބަރު 2023 - 09:26 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޓަލޮންސްގެ ބައެއް ކުޅުންތެރިން، މި ޓީމްގެ އެވަރެޖް އުމުރަކީ 17 އަހަރު - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ބާސްކެޓްގެ ދެވަނަ ޑިވިޝަނުން ދިނީ "ވަރުހުރި" އުއްމީދީ މެސެޖެއް

8 ޑިސެންބަރު 2023 - 09:26 0

ކޮންމެ ކުޅިވަރެއްގެވެސް ކުރިމަގު ވަޒަންކޮށްލަން އޮތް އެންމެ ބޮޑު ހެއްކަކީ މަތީ ފެންވަރުގައި ވާދަކުރަން ތިބި ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމާއި ގާބިލްކަމެވެ. އުންމީދީ ތަރިންގެ ހިތްވަރާއި، ކުރިއެރުމެވެ. ޒުވާން ކުޅުންތެރިންގެ ޅަ އުމުރުގައި ހޯދާ ކާމިޔާބީތަކަކީ ކޮންމެ ކުޅިވަރެއްގެވެސް މުސްތަގުބަލާ ގުޅިފައިވާ މުހިންމު ހަތިޔާރެކެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ނިމުނު ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ކުރިމަގު ކުރަހާލަން ބޭނުންވާ މީހަކަށް މަންޒަރު ސާފުކޮށްދިން މުބާރާތެކެވެ. އެ މުބާރާތަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމާއި ފަންވަރު އާދަޔާ ހިލާފަށް ކުރިއަރާފައިވާ މިންވަރު ދައްކައިދިން މުބާރާތެކެވެ.

ދެ ވަނަ ޑިވިޝަންގައި ވާދަކުރީ ހަތް ޓީމެވެ. އޭގެ ތެރެއިން މުބާރާތުގެ ގަދަ ތިން ޓީމުގެ އެވަރެޖު އުމުރު އުޅެނީ 19 އަހަރުން ދަށުގަ އެވެ. އެއް ވަނަ ހޯދި ޓަލޮންސް ބީސީގެ އެވަރެޖު އުމުރަކީ 17 އަހަރެވެ. ދެ ވަނަ ހޯދި ރޯޔަލްސް ބީސީގެ އެވްރެޖު އުމުރަކީ 19 އަހަރެވެ. އަނެއްކޮޅުން، ތިން ވަނަ ހޯދީ ސްޓިންގާސްގެ އުމުރަކީވެސް 19 އަހަރެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޒުވާން ކުޅުންތެރިންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާއަށް ބެލިޔަސް، އެންމެ ގިނަ އެސިސްޓްކުރި ކުޅުންތެރިޔާ އަށް ބެލި ކަމުގައި ވިޔަސް ނުވަތަ އެންމެ ގިނަ ރީބައުންޑް ނެގި ކުުޅުންތެރިޔާ އަށް ބެލިޔަސް ތިބީ 18 އަހަރުން ދަށުގެ ކުދިންނެވެ.

އެމްބީއޭގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް އެހެން ކުޅިވަރުތަކަށް މިސާލެއް!

މަތީ ފަންތީގައި ވާދަކުރާ ޒުވާން ކުޅުންތެރިން ބާސްކެޓުން ފާހަގަ މިވީ އިހަށް ދުވަހު ކުރެވުނު މަސައްކަތަކުން ނޫނެވެ. މިއީ މިދިޔަ ހަ ވަރަކަށް އަހަރު ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކުރެވުނު ބުރަ މަސައްކަތުގެ ނަތިޖާ އެވެ. އެ ގޮތުން ބާސްކެޓްބޯޅައިގެ ގިނަ އެކަޑެމީތަކަކުން ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވައިދީ ތަމްރީންތައް ދެމުން އަންނައިރު، އެކަޑެމީތަކުގައި ތިބި ކޯޗުންނަކީ ވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރަމުން އަންނަ ކޯޗުންނެވެ.

އެކަޑެމީތަކާ ގާތުން ކުރަމުން އަންނަ މަސައްކަތް ފެށެނީ މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭގެ) ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާ ހިސާބުންނެވެ. އެ ގޮތުން ގިނަ ކަންތައްތަކެއްކޮށް މިދިޔަ ފަސް ވަރަކަށް އަހަރު ރަނގަޅު ކުރިއެރުމެއް އެމްބީއޭ އިން ވަނީ ހޯދައިފަ އެވެ.

އޭގެ ތެރޭގައި ގިނަ އުމުރުފުރާތަކެއްގެ އަންހެން އަދި ފިރިހެން ގައުމީ ޓީމްތަކުގެ ޕްރެކްޓިސްތައް މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމާއި، ސަރަހައްދީ ލެވެލެގެ ޖޫނިއާ މުބާރާތްތަކުގަިއ ގައުމީ ޓީމްތަކުން ވާދަކުރާ މިންވަރު އިތުރު ކުރުމާއި، ކުރިއަރަމުން އަންނަ ޓީމްތަކަށް ގިނަ މެޗުތައް ލިބޭ ގޮތަށް މުބާރާތްތަކުގެ ފޯމެޓްތައް ބަދަލުކުރުން ހިމެނެ އެވެ.

ޖޫނިއާ އަންހެން ޓީމްތައް ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ތިން ކޯޗުންނަކީ ގުރައިޝް އަފްރާހު (ގުރޭ)، ހަސަން މުހައްމަދު ދީދީ އާއި މޫސާ އަލީ އެވެ. މި ދެ ކޯޗުންގެ އިތުރުން ގައުމީ ޓީމާ އެކު ވެސް މަސައްކަތްކޮށްފައިވާ އިލްޔާސް އިބްރާހިމް (އިއްލެ) އަކީވެސް މި މަސައްކަތުގެ މުހިންމު ބައިވެރިއެކެވެ.

މި ކޯޗުންގެ ތެރެއިން ހަސަން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދުބާއީގައި ހުންނަ އެންބީއޭ ސްކޫލުގަ އެވެ.

ދެ ވަނަ ޑިވިޝަންގައި ޒުވާން ކުޅުންތެރިން ހިމެނޭ ޓީމްތަކުގެ ކާމިޔާބީގެ އެންމެ މުހިންމު އެއް ބަޔަކީ އެ ކުލަބުތަކުގެ ކޯޗުންނެވެ. މިގޮތުން އެ ޓީމްތަކުގެ ކޯޗުންނަށް ބަލާއިރު، ގިނަ ދުވަސްތަކެއް ވަންދެން އެ ކުޅުންތެރިންނާ އެކު އެކަޑަމީތަކުން ފެށިގެން ތަމްރީން ދެމުން އަންނަ ކޯޗުން ފާހަގަވެ އެވެ.

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޓަލޮންސް އަކީ ފުރަތަމަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ރެޕްޓާސް ބީސީގެ ކުޑައިގެ ދަށުން ތަމްރީންވަމުން އަންނަ ޓީމެކެވެ. އެ ޓީމްގައި ތިބި ގިނަ ކުޅުންތެރިންނަކީ ރެޕްޓާސް ޓީމްގެ ސީނިއާ ކުޅުންތެރިންނާ އެކު ތަމްރީން ވަމުން އަންނަ ކުދިންނެވެ.

ދެ ވަނަ ހޯދި ރޯޔަލްސް އަކީ ރާއްޖޭގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ޓީމްގެ ޒުވާން ޓީމެވެ. ކިންގްސް ބީސީގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ތެރެއިން ފުރޭނިގެން އަންނަ ޒުވާން ތަރިން މި ޓީމުން ފާހަގަވި އެވެ.

ތިން ވަނަ ހޯދި ސްޓިންގާސްގެ ކޯޗަކީ އެކްޓިވް ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޓިންގާސްއަށް ކުޅުނު ގިނަ ކުޅުންތެރިންނަކީ ސްޓިންގާސްގެ ދެ ކޯޗުން ކަމަށްވާ މުހައްމަދު ނަސީރު (މޮއްޑެ) އާއި ހުސައިން ޒަމީލް (ޒަމްބެ) އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސްޓާސް ބާސްކެޓްބޯޅަ އެކަޑެމީ އިން ތަމްރީންވި ކުދިންނެވެ.

ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި އެކަޑެމީތަކުގެ މަސައްކަތްތަކުގެ ސަބަބުން ޒުވާން ކުޅުންތެރިން ހޯދަމުން އަންނަ ކުރިއެރުން ފެނުމަކީ މި ކުޅިވަރުގެ ކުރިމަގަށް ކުރެވޭ އުއްމީދުތައް މަތިވާކަމެކެވެ. ރާއްޖޭގެ ބާސްކެޓް އާ މިސްރާބަކަށް ގޮސް، އާ ކާމިޔާބީތަކެއް ހޯދަން ބަލާއިރު ލިބޭނެ ބޮޑު ހިތްވަރެކެވެ.