Advertisement

މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ ކުރިއަރުވަން ހާއްސަ އެކަޑަމީއެއް ފަށައިފި

12 ފެބުރުވަރީ 2023 - 14:45 0

ބައޯނިކް އިން ށ. މާއުނގޫދޫގައި އެކެޑަމީ ފެށުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ޒަޔާން ފޮޓޯގްރަފީ


މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ ކުރިއަރުވަން ހާއްސަ އެކަޑަމީއެއް ފަށައިފި

12 ފެބުރުވަރީ 2023 - 14:45 0

ރަނގަޅު ފެންވަރުގެ ކުޅިވަރު ކުޅުންތެރިން ތަމްރީން ކުރުމުގެ ބޭނުމުގައި ށ. މާއުނގޫދޫ ބައޯނިކް ކްލަބުން އެ ރަށުގައި ފުޓުބޯޅަ އާއި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ހާއްސަ އެކަޑަމީ އެއް ފަށައިފި އެވެ.

ބައޯނިކް ކްލަބަކީ 2006 ވަނަ އަހަރުން ފެށިގެން މާއުނގޫދޫ ގައި ހަރަކާތްތެރި ވަމުން އަންނަ ކްލަބެކެވެ.

މާއުނގޫދޫ ފުޓްސަލް ދަނޑުގައި މިދިޔަ ހުކުރު ދުވަހު ހަވީރު އެކަޑަމީގެ ކަންކަން ފެށުމަށް ބޭއްވި އިވެންޓްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެކަޑަމީ ކޯޗު އިބްރާހިމް ޝާފިއު (ޝާއްކޮ) އާއި ހޭންޑްބޯލް ޓްރެއިނަރު މުހައްމަދު އަސްލަމް ވަނީ ބައިވެރިވެފަ އެވެ.

މި އެކެޑަމީގެ ވިސްނުމަކީ، ދެ ޖިންސުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ވީހާ ވެސް ރަނގަޅު ފެންވަރެއްގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ ކުޅުންތެރިން ޑިވެލޮޕް ކުރުމެވެ. މިއީ، ބައޯނިކް ކްލަބް އިސްވެ، މާއުނގޫދޫގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ފެށި އެކަޑަމީ އެކެވެ.

ބައޯނިކް އިން ށ. މާއުނގޫދޫގައި އެކެޑަމީ ފެށުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ޒަޔާން ފޮޓޯގްރަފީ


އެ ގޮތުން، މި ވަގުތުގެ އިންތިޒާމްތައް ހުރި ގޮތަށް ބަލާއިރު، އަންހެން ކުދިންނަށް ހޭންޑްބޯލް ހާއްސަ ކުރެވިފައިވާއިރު، ފިރިހެން ކުދިން ގޮވައިގެން ބޮޑަށް ފޯކަސް ކުރަނީ ފުޓުބޯޅަ އަށެވެ.

ހޭންޑްބޯލް ޓްރެއިނަރު އަސްލަމް ބުނީ، ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވީނަމަވެސް އެ ކުޅިވަރަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮތީ ރިވެތި އަހުލާގު އާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމް ކޮށްގެން ކަމަށެވެ. އެ ގޮތުން ތަމްރީނުތައް ކުރިއަށްދާ ވަގުތު ތަކުގައި ކޯޗުން ކިޔައިދޭ ކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައޯނިކް ކްލަބުގެ ރައީސް އުބައިދުﷲ މުހައްމަދު ބުނީ، މި ފެށި އެކަޑަމީ އަކީ މީގެ އެތަކެއް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ވުން ކަމަށެވެ. އަދި މިއީ އެކުވެރިކަމާ އެކު އެކީގައި މަސައްކަތްކުރާ ޓީމެއްގެ ބުރަ މަސައްކަތްކަން ފާހަގަކޮށް، އުބައިދުﷲ އެކަޑަމީގައި އުޅޭ ކުދިިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

ބައޯނިކް ކްލަބުގެ އެކަޑަމީގައި މިހާތަނަށް 94 ކުދިން ރެޖިސްޓްރީ ވެފައިވާއިރު، ފުޓުބޯޅަ އެކަޑަމީގައި 58 ކުދިން އަދި ހޭންޑްބޯޅައިގައި 36 ކުދިން ވަނީ ހިމެނެ އެވެ. މީގެ އިތުރުން އެކަޑަމީ އަށް އިތުރު ކުދިން ވެއްދުމަށް އެ ކްލަބުން ދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.