Advertisement

ނިޒާމްބެ އަށް އަންހެން ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ އިސް މަގާމެއް

10 ފެބުރުވަރީ 2023 - 09:40 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ނިޒާމްބެ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ނިޒާމްބެ އަށް އަންހެން ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ އިސް މަގާމެއް

10 ފެބުރުވަރީ 2023 - 09:40 0

ރާއްޖޭގެ މަތީ ފަންތީގެ ފުޓްބޯޅައިގެ ކޯޗިންގެ ތަޖުރިބާ ބޮޑު، ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ)، އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ މަސައްކަތުގެ އިސް ޒިންމާއާ ހަވާލުވެއްޖެ އެވެ.

މި ވަގުތު ގައުމީ އަންހެން ގައުމީ ޓީމުގައި ހެޑް ކޯޗެއް ނެތުމުން އެ ޒިންމާ އުފުލަމުން އަންނަނީ ވެސް ނިޒާމްބެ އެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މި މަހު ޕްރެކްޓިސް ފަށައިގެން ކުރިއަށް މި ދަނީ އޭޕްރީލް 3-11 އަށް ކުރިއަށްގެންދަން ނިންމާފައިވާ، ޕެރިސް 2024 އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގެ ކޮލިފައިން އަށެވެ. ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ޓީމާއި އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝް އެއް ގްރޫޕެއްގަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް، (ޖަވާ)، "އަދަދު" އަށް ވިދާޅުވީ އަންހެން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ އިސް ފަރާތަކަށް މިހާރު ހަމަޖައްސާފައިވަނީ ނިޒާމްބެ ކަމަށެވެ.

އެ ގޮތުން، ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ކަންކަމުގައި ޕްލޭން ހެދުމާއި އެހެނިހެން ހުރިހާ ކަންކަމުގައި އެފްއޭއެމްގެ ޓެކްނިކަލް ޓީމާ ގުޅިގެން ނިޒާމްބެ މަސައްކަތް ކުރާނެ ކަމަށް ވެސް ޖަވާ ވަނީ ވިދާޅުވެފަ އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ އެއްކޮށް ހަވާލުވީތޯ "އަދަދު" އިން ކުރި ސުވާލުގެ ޖަވާބުގައި ނިޒާމްބެ ބުނީ އޭނާއާ އެފްއޭއެމް އިން ހަވާލުކުރި މަސައްކަތަކީ އަންހެން ފުޓްބޯޅައިގެ ކަންކަން ޑިވެލޮޕްކުރުމުގެ ކަންކަން ކުރުން ކަމަށާއި އެކަަމަކު، މި ވަގުތު ހާލަތުގެ ގޮތުން ޓީމުގެ ހެޑް ކޯޗަކަށް މަސައްކަތް ކުރަމުން އަންނަނީ ކަމަށެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ނިޒާމްބެ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ވިސްނުމަކީ އެހެން ހެޑް ކޯޗަކު (ގައުމީ އަންހެން ޓީމަށް) ގެނެސް އެ މަގާމު ހަވާލުކޮށްފައި، މީގެ ދެން ރަނގަޅު ކުރެވޭނެ ކަންކަމަށް ފޯކަސް ކުރުން،" ކުރިއަށް އޮޮތް ސީޒަނަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހަަމަޖައްސާފައިވާ ނިޒާމްބެ ބުންޏެވެ.

ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ނިޒާމްބެ ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި 16 އަހަރުން ދަށުގެ ޓީމުގެ ވެސް ހެޑް ކޯޗުގެ ޒިންމާ އުފުލައިފަ އެވެ.

ފަނަރަ އަށް ވުރެ ގިނަ އަހަރު ކޯޗިންގެ ތަޖުރިބާ ހާސިލްކޮށްފައިވާ ނިޒާމްބެ ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަކަށް ވަނީ ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ލ. ކަލައިދޫ، ވިޔަންސާ، ޓީސީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. ކޯޗިންގައި ނިޒާމްބެ ވަނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބް، ސައިފް ސްޕޯޓިން އަށް ވެސް އިރުޝާދުދީފަ އެވެ.

އަންހެން ފުޓްބޯޅަ ކުރިއެރުވުމުގައި ރާއްޖެ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގަވާއިދުން މުބާރާތްތައް ނުބޭއްވުމެވެ. އެގޮތުން އަންހެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކޮންމެ އަހަރަކު ޔަގީންކަމާ އެކު ގައުމީ ފެންވަރުގައި ކުޅެލަން ލިބެނީ ފުޓްސަލް މުބާރާތްތަކުގަ އެވެ. އަންހެން ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ނުބާއްވައި، ހަމައެކަނި ގައުމީ ޓީމުގެ މެޗުތައް ކުޅެން ޖެހުމުން ނަތީޖާ ނެރުމުގައި ގިނަ މައްސަލަތައް ދިމާވެ އެވެ.