Advertisement

މާސޭ އިން ޕީއެސްޖީ ފްރެންޗް ކަޕުން ކަޓުވާލައިފި

9 ފެބުރުވަރީ 2023 - 09:31 0

މާސޭގެ ސަންޗޭޒް (ވ) ޕީއެސްޖީގެ މާކީނިއޯސް ކައިރިން ބޯޅަ ހިފައިގެންދަނީ.


މާސޭ އިން ޕީއެސްޖީ ފްރެންޗް ކަޕުން ކަޓުވާލައިފި

9 ފެބުރުވަރީ 2023 - 09:31 0

ޕެރިސް (ފެބްރުއަރީ 9) - ފްރެންޗް ކަޕްގެ ގަދަ 16 ބުރުގައި ރޭ މާސޭ އަތުން 2-1 އިން ބަލިވެ، ޕީއެސްޖީ މުބާރާތުން ކަޓައިފި އެވެ.

ސާދަ ފަހަރު މި މުބާރާތުގެ ތަށި ހޯދާފައިވާ ޕީއެސްޖީ މި ވަނީ ޖެހިޖެހިގެން ދެ އަހަރު ގަދަ 16 ބުރުން ކަޓައިފަ އެވެ. މިދިޔަ އަހަރު ޕީއެސްޖީ ކެޓީ ނީސް އަތުން ބަލިވުމުންނެވެ.

އަނެއްކޮޅުން، ރޭގެ މެޗުގައި މާސޭ އިން ޕީއެސްޖީ ބަލިކުރިއިރު، މިއީ 14 އަހަރު ތެރޭ މާސޭގެ ދަނޑު ސްޓޭޑް ވެލޮޑްރޯމްގައި އެ ޓީމަށް ޕީއެސްޖީ އަތުން ލިބުނު ފުރަތަމަ މޮޅެވެ.

ރޭގެ މެޗުގައި މާސޭ އިން ލީޑުނެގީ 30 ވަނަ މިނިޓްގައި އަލެކްސިސް ސަންޗޭޒް ވައްދާލި ޕެނަލްޓީންނެވެ. މިއީ މާސޭ އަށް ކުޅޭ ތުރުކީގެ ފޯވާޑް، ޗެންގިޒް އުންޑެއާ އަށް އޭރިއާތެރެއިން ޕީއެސްޖީގެ ސާޖިއޯ ރާމޯސް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، ސަންޗޭޒް ވަނީ ސީޒަނުގައި އޭނާގެ 11 ވަނަ ގޯލު ޖަހައިފަ އެވެ.

ލިބުނު ހިލޭ ޖެހުމަކުން ލިއޮނަލް މެސީ ޕީއެސްޖީ އަށް އެއްވަރުކުރުމާ ގާތަށް ޖެހިލިއިރު، ނޭމާ ވެސް ވަނީ ރަނގަޅު ޝޮޓެއް ފޮނުވާލައިފަ އެވެ. ނޭމާ ޖެހި ބޯޅަ ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްޖީން ވަނީ ސާޖިއޯ ރާމޯސް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. މިއީ ނޭމާ ނެގި ކޯނަރަކުން ރާމޯސް ބޮލުން ޖެހި ގޯލެކެވެ.

މާސޭ އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ޔޫކްރެއިންގެ މިޑްފީލްޑަރު، ރުސްލާން މަލިނޯސްކީ އެވެ. މިއީ މެޗުގެ 56 ވަނަ މިނިޓްގައި، ޕީއެސްޖީގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިގެން އުޅުނު ބޯޅައެއް އޭރިއާ ރޮނގުމަތިން މަލިނޯސްކީ އަށް ލިބުމުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން، މަލިނޯސްކީ ޖެހި ގޯލެކެވެ.

އަނިޔާއާ ހެދި ރޭގެ މެޗުގައި ޕީއެސްޖީގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭ ނުކުޅެ އެވެ.

ފްރެންޗް ކަޕްގައި ރޭ ލިޔޯން އަތުން ލިލް ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ޓޮލޫސް އަތުން ބަލިވެ، ރެއިމްސް ވަނީ ކަޓައިފަ އެވެ.

މާސޭ އިން ކުއާޓާ ފައިނަލަށް ދަތުުރުކުރިއިރު، އެ ޓީމުން ވަނީ މި މުބާރާތް 11 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، 1989 ވަނަ އަހަރުގެ ފަހުން މި މުބާރާތުގެ ތަށީގައި އަތްލެވިފައިނުވެ އެވެ.