Advertisement

ސަންޗޯގެ ގޯލުން ޔުނައިޓެޑް ސަލާމަތްވެއްޖެ

9 ފެބުރުވަރީ 2023 - 09:11 0

ލީޑްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ސަންޗޯ އުފާފާޅުކުރަނީ.


ސަންޗޯގެ ގޯލުން ޔުނައިޓެޑް ސަލާމަތްވެއްޖެ

9 ފެބުރުވަރީ 2023 - 09:11 0

މެންޗެސްޓާ (ފެބްރުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް ކޮޅަށް ޖޭޑަން ސަންޗޯ ޖެހި ގޯލުން 2-2 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މި މެޗުން މޮޅުވެގެން ޔުނައިޓެޑަށް ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރަން ފުރުސަތު އޮތް ނަމަވެސް، އެއްވަރުުވުމުން އެކަން ކުރެވޭ ގޮތެއްނުވި އެވެ. ޔުނައިޓެޑް ލީގުގެ ތިން ވަނައިގައި އޮތީ 22 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 21 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް އާސެނަލްގެ އޮތީ 20 މެޗުން 50 ޕޮއިންޓެވެ.

ޔުނައިޓެޑްގެ އޯލްޓް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 54 ސިކުންތު ތެރޭގައި ލީޑްސް އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ އެ ޓީމަށް ކުޅޭ އިޓަލީގެ ފޯވާޑް، ވިލްފްރިއެޑް ނިއޯންޓޯ އެވެ. ޔުނައިޓެޑްގެ ހާފުގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް، އޭރިއާ ރޮނގުމަތިން ނިއޯންޓޯ ޖެހި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދޭން އަލެހަންދްރޯ ގާނާޗޯ އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަތައް ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި އަލަށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޭ ކުުޅުނު މާސެލް ސަބިޓްޒާ ޖެހި ޝޮޓެއް ލީޑްސްގެ ކީޕަރު އިލާން މެލިއޭ ވަނީ މަތަކޮށްފަ އެވެ.

ލީޑްސް އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ އޭރިއާތެރެއިން ލީޑްސްގެ ކްރައިސެންސިއޯ ސަމާވިލް ނެގި ހުރަހެއް ޔުނައިޓެޑްގެ ރަފައެލް ވަރާން ފައިގައި ޖެހިގައި ބައިކޮޅަށް ވަން ގޯލެކެވެ.

ލީޑްސް އިން ދެ ގޯލުގެ ލީޑެއް ނެގުމާ އެކު ޔުނައިޓެޑުން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. ފަކުންޑޯ ޕެލެސްޓްރީ އާއި ސަންޗޯ ކުޅެން އެރުވި އެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަަމަކުރީ އަށް މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، މެޗުގެ 62 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ފުރަތަަމަ ލަނޑު ޖެހީ ޕެލެސްޓްރީ ބައިވެރިވެގެން ކުރި އެޓޭކެއްގައި ޑިއޯގޯ ޑަލޯ ނެގި ހުރަހަކުން މާކަސް ރަޝްފޯޑް ބޮލުންނެވެ. އޭގެ ފަހުން، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އޭރިއާތެރެއިން ޖެހި ބޯޅައެއް ބްލޮކްވިއިރު، 70 ވަނަ މިނިޓްގައި ސަންޗޯ ވަނީ ލީޑްސް އޭރިއާތެރެއިން ކީޕަރު މެލިއޭ އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ސަންޗޯ ޖެހި ފުރަތަމަ ލަނޑެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ ސަންޗޯ ފޯމު ގެއްލިފައިވާތީ، ޔުނައިޓެޑުން އޭނާ ޓީމުން ބާކީކޮށް، ވަކިން ޓްރެއިންކުރަން ވެސް މިދިޔަ މަސްތަކުގައި ވަނީ ބަހައްޓައިފަ އެވެ.

ލީޑްސް އަށް އަލުން ލީޑުނަގައިދޭން ބްރެންޑެން އާރޮންސަން ޖެހި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޔުނައިޓެޑް މޮޅުކޮށްދޭން ވަރާން ބޮލުން ޖެހި ބޯޅަ ހުއްޓުވީ ކީޕަރު މެލިއޭ އެވެ.

ރޭގެ މެޗު އެއްވަރުވުމުން، ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް 13 މެޗަށް ފަހު ނިމުން އައީ އެވެ. އަނެއްކޮޅުން، ރޭގެ މެޗުގައި ލީޑްސް އިން ކުޅުނީ ހެޑް ކޯޗެއް ނެތި އެވެ.

ލީޑްސްގެ ކޯޗުކަމުން ޖެސީ މާޝް ވަކިކުރުމުން، ރޭގެ މެޗުގައި އެ ޓީމަށް އިރުޝާދުދިނީ ވަގުތީ ކޯޗު މައިކަލް ސްކުބާލާ އެެވެ. އޭނާ އަކީ ކުރިން އިންގްލެންޑްގެ ގައުމީ ފުޓްސަލް ކޯޗެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ލީޑްސް އޮތީ 21 މެޗުން 19 ޕޮއިންޓް ހަމަކޮށް 16 ވަނައިގަ އެވެ.