Advertisement

ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗަކަށް ޓެޑެސްކޯ ހަމަޖައްސައިފި

8 ފެބުރުވަރީ 2023 - 14:30 0

ޒުވާން ކޯޗު ޓެޑެސްކޯ: އޭނާ ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ބެލްޖިއަމާ ހަވާލުވެފައި.


ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗަކަށް ޓެޑެސްކޯ ހަމަޖައްސައިފި

8 ފެބުރުވަރީ 2023 - 14:30 0

ބްރުސެލްސް، ބެލްޖިއަމް (ފެބްރުއަރީ 8) - ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗަކަށް ޖަރުމަނު ކްލަބްތަކުގައި ކޯޗިން މަސައްކަތްތަކެއް ކޮށްފައިވާ ޒުވާން ކޯޗު، ޑޮމެނީކޯ ޓެޑެސްކޯ ހަމަޖައްސައިފި އެވެ.

ޖަރުމަނު ލީގުގައި ޝާލްކާ އާއި އާރްބީ ލައިޕްޒިގަށް ކުރިން ކޯޗުކޮށްދިން ޓެޑެސްކޯ، 37، ބެލްޖިއަމް ކޯޗަކަށް ސޮއިކުރީ 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ.

ބެލްޖިއަމްގެ ކޯޗުގެ މަގާމު ހުސްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރުގައި ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމުން އޭރު ކޯޗަކަށް ހުރި ސްޕެއިންގެ ރޮބާޓޯ މާޓީނޭޒް އަމިއްލަ އަށް މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ހަ އަހަރު ދުވަހު، ބެލްޖިއަމް ކޯޗުކަން ކުރި މާޓީނޭޒް ވަނީ ޕޯޗުގަލްއާ ހަވާލުވެފަ އެވެ. ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އެ ޓީމުން ވަކިކުރުމުން ވަނީ ޕޮލެންޑާ ހަވާލުވެފަ އެވެ.

މީގެ ހަ އަހަރު ކުރިން ރަސްމީކޮށް ޕްރޮފެޝަނަލް ކޯޗިންގެ ވަޒީފާ އަށް ފުލް ޓައިމްކޮށް ނުކުތް ޓެޑެސްކޯ، ބެލްޖިއަމާ ހަވާލުވުމަށް ފަހު ބުނީ އެ ފަދަ ގައުމެއްގެ ކޯޗަކަށް ހުރުމަކީ ފަހުރެއްގެ ގޮތުގައި ދެކޭއިރު، ބޮޑު ޒިންމާއެއް ވެސް ބޮލުގައި އެޅިފައިވާ ކަމެއް ކަމަށެވެ.

"ވަރަށް ޔަގީންކަމާ އެކު މި ވަޒީފާ އަށް މި އައީ. އަހަންނަށް ވަރަށް ރަނގަޅަށް މި ޓީމު ގޮވައިގެން ކުރިއަށްދެވިދާނެކަން، ދެކެވުނު ވާހަކަތަކުން އެބަ ޔަގީންވޭ، އަހަރެން މި ހުރީ މިކަން ކުރަން ވަރަށް މޯޓިވޭޓްވެފައި،" މިދިޔަ ސެޕްޓެމްބަރު މަހު، އާރްބީ ލައިޕްޒިގުގެ ކޯޗުކަމުން ވަކިކުރި، ޓެޑެސްކޯ ބުންޏެވެ.

އިޓަލީ އަށް އުފަން ނަމަވެސް ޓެޑެސްކޯ އަކީ ޖަރުމަނުގެ ރަށްވެއްސެކެވެ. ޓެޑެސްކޯގެ އިރުޝާދުގެ ދަށުން، ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗަކީ ޔޫރޯ ކޮލިފައިންގައި އަންނަ މާޗް މަހު 24 ވަނަ ދުވަހު، ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗެވެ.