Advertisement

ހާއްސަ ދެ ކަމަކާ ގުޅުވައިގެން ދެކުނު އެމެރިކާ އިން 2030 ގެ ވޯލްޑް ކަޕަށް ބިޑްކޮށްފި

8 ފެބުރުވަރީ 2023 - 08:43 0

2016 ވަނަ އަހަރު ބޭއްވި ފުޓްބޯޅައިގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން ޕެލޭ (ކ) އާއި މަރަޑޯނާ.


ހާއްސަ ދެ ކަމަކާ ގުޅުވައިގެން ދެކުނު އެމެރިކާ އިން 2030 ގެ ވޯލްޑް ކަޕަށް ބިޑްކޮށްފި

8 ފެބުރުވަރީ 2023 - 08:43 0

ބީނޯޒް އެރީޒް، އާޖެންޓީނާ (ފެބްރުއަރީ 8) - ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ، ކޮންމެބޯލްއާ ގުޅިގެން ޕެރަގުއޭ، އުރުގުއޭ، އާޖެންޓީނާ އަދި ޗިލީ، ހިމެނޭ ގޮތަށް ހަތަރު ގައުމުން 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ޖޮއިންޓް ބިޑްކުރިއިރު، އެ ބިޑް ކާމިޔާބު ކުރަން ހާއްސަ ދެ ކަމަކާ ގުޅުވައިފި އެވެ.

ކޮންމެބޯލްއާ ގުޅިގެން ހަތަރު ގައުމުން ބައިވެރިވެގެން ވޯލްޑް ކަޕް ބާއްވަން ބިޑްކުރިއިރު، ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް ވަނީ އެ ބައްރުގައި ވޯލްޑް ކަޕް ބާއްވަން ދޭން ޖެހޭ ސަބަބުތަކެއް ވެސް ކިޔައިދެއްވައިފަ އެވެ.

އެ ގޮތުން، ޑޮމިންގޭޒް ވިދާޅުވީ އެންމެ ފުރަތަމަ ފީފާ ވޯލްޑް ކަޕެއް ބޭއްވީ 1930 ވަނަ އަހަރު އުރުގުއޭގައި ކަމަށާއި އެ މުބާރާތަށް 100 އަހަރު ފުރުން ފާހަގަކުރާ އަހަރުގައި ވޯލްޑް ކަޕް އޮންނަން ޖެހޭނީ އެ ބައްރުގައި ކަމަށެވެ.

މީގެ އިތުރުން، ފީފާ އިން ފުޓްބޯޅައިގެ ވަރުގަދަ ސަހުސިއްޔަތުންގެ ގޮތުގައި ބަލައިގެންފައިވާ ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ މަރަޑޯނާގެ ހަނދާނުގައި ވެސް 2030 ގެ ވޯލްޑް ކަޕް ދެކުނު އެމެރިކާގައި ބޭއްވުން މުހިންމު ކަމަށް ޑޮމިންގޭޒް ވަނީ ވިދާޅުވެފަ އެވެ. ޕެލޭ އާއި މަރަޑޯނާ ވަނީ މަރުވެފަ އެވެ.

"އަހަރެން ވަރަށް އުންމީދުގައި މި ހުރީ ފީފާ އިން މި ކަންކަމަށް ބަލާފައި އަހަރެމެންނަށް މި ފުރުސަތު ދޭނެ ކަމަށް،" ޑޮމިންގޭޒް ވިދާޅުވި އެވެ.

ދެކުނު އެމެރިކާގެ މި ގައުމުތަކުގެ މި ބިޑްގެ އިތުރުން އެހެން ދެ ބިޑެއް ވޯލްޑް ކަޕަށް އޮތީ ލިބިފަ އެވެ.

އެ ގޮތުން، ސައުދީ އަރަބިއްޔާ އިސްވެ، އެ ގައުމާއި ގްރީސް އަދި މިސްރު ގުޅިގެން، ތިން ބައްރުގެ ގައުމުތައް ބައިވެރިވެގެން ހޯސްޓް ކުރާ ފުރަތަމަ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރަން މަސައްކަތް ކުރަމުން އަންނައިރު، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ އެހީތެރިކަމާ އެކު ޕޯޗުގަލް އާއި ސްޕެއިން އަދި ޔޫކްރެއިން ވެސް 2030 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ބިޑްކުރާނެ އެވެ.

ފީފާ އިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދިނީ އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާ އަށެވެ. މިއީ 48 ގައުމުުގެ މެދުގައި ކުޅެވޭނެ ފުރަތަމަ ވޯލްޑް ކަޕް އެވެ.

ފީފާ ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ މުބާރާތް، 1930 ގައި އުރުގުއޭގައި ބޭއްވިއިރު، އޭރު ކުޅުނީ 13 ގައުމުގެ މެދުގަ އެވެ. އެންމެ ފަހުން، ގަތަރުގައި މިދިޔަ ނޮވެމްބަރާއި ޑިސެމްބަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި 32 ގައުމު ވާދަކުރި އެވެ.