Advertisement

ޕަރްވޭޒް މުޝައްރަފުގެ ހަށިކޮޅު ޕާކިސްތާނަށް ގެންގޮސް ވަޅުލައިފި

8 ފެބުރުވަރީ 2023 - 05:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު - ފޮޓޯ: ފައިލް


ޕަރްވޭޒް މުޝައްރަފުގެ ހަށިކޮޅު ޕާކިސްތާނަށް ގެންގޮސް ވަޅުލައިފި

8 ފެބުރުވަރީ 2023 - 05:52 0

އާދިއްތަ ދުވަހު ދުބާއީގައި އަވަހާރަވި ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފުގެ ހަށިކޮޅު ޕާކިސްތާނަށް ގެންގޮސް ވަޅުލައިފި އެވެ.

މުޝައްރަފުގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ އުފަން ރަށް ކަރާޗީގަ އެވެ.

ދުބާއީގައި ހުންނަ އެމެރިކަން ހޮސްޕިޓަލްގައި އާދިއްތަ ދުވަހު ހެނދުނު އަވަހާރަވި މުޝައްރަފުގެ ޖަނާޒާގައި ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ގައުމުގެ ބޮޑުވަޒީރު، ރައީސް އަދި މިހާރު އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިނުގަންނަވަ އެވެ.

މުޝައްރަފު ވެރިކަމަށް ވަޑައިގަތީ 1999 ވަނަ އަހަރު ބަގާވާތަކުން އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރެއްވުމަށް ފަހު އެވެ. މުޝައްރަފުގެ މައްޗަށް ހިޔާނާތުގެ ހުކުމްކުރީ 2019 ވަނަ އަހަރު އެވެ.

ނަމަވެސް މުޝައްރަފު ދުބާއީގައި ދިރިއުޅުއްވަމުން ގެންދަވާތާ މިހާރު ވަނީ ހަތް އަހަރުވެފަ އެވެ. އޭނާ ދުބާއީއަށް ދިރިއުޅުން ބަދަލުކުރެއްވީ ހިޔާނާތުގެ ދައުވާ ހިނގަމުންދަނިކޮށް ހާއްސަ ޝަރުތެއްގެ ދަށުން ބޭސްފަރުވާ އަށެވެ.

މުޝައްރަފަކީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމެރިކާއިން ޕާކިސްތާނުގައި ޓެރަރިޒަމާ ދެކޮޅަށް ކުރި މަސައްކަތުގައި އެންމެ ބޮޑަށް އެއްބާރުލުން ދެއްވި އެއް ލީޑަރެވެ. މި މަސައްކަތުގެ ސަބަބުން އެ ގައުމުގައި ހަރަކާތްތެރިވި ޓެރަރިސްޓު ޖަމާއަތްތަކުން ވަނީ މުޝައްރަފު އަވަހާރަ ކޮށްލުމަށް އެކިފަހަރުމަތިން މަސައްކަތް ކޮށްފަ އެވެ.