މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ ހަސަން އަލީ.
އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެރަށު ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަ ކަމަށް ކައުންސިލުން ބުނެފި އެވެ.
އެރަށު ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް "އަދަދު"އަށް ވިދާޅުވީ ހަސަންފުޅު ހޯދުމަށްޓަކައި މުޅި ރަށް ބެލިއްޖެ ކަމަށެވެ. އަދި ކައިރި ރަށްރަށާއި، ފަޅުތަކަށްް ފީނައިގެން ވެސް ހަސަންފުޅު ހޯދުމަށްް މަސައްކަތް ކުރެވިއްޖެ ކަމަށާއި، ނަމަވެސް މިހާތަނަށް އޭނާގެ ހިލަމެއް ވެފައި ނުވާ ކަމަށެވެ.
"މުޅި ރަށް ބެލިއްޖެ، ކައިރި ފަޅު ރަށްްތަކާ ފަޅު ރަށްރަށާ އަދި ގޮސްފާނެހެން ހީވާ ރަށްތައްވެސް ބެލިއްޖެ. އަދި ހަބަރެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ.
ހަސަންފުޅު ގެއްލުނުތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާއަށް މީހެއްގެ ފަރާތުން ކަމެއް ކުރިމަތިވެދާނެ ކަމަށް އާއިލާއަށް އަދި ރަށުގެ ރައްޔިތުންނަށް ވެސް އަދިވެސް ގަބޫލު ނުކުރެވޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އާއިލާއަށް ވެސް އަދި ރަށުގެ ރައްޔިތުންނަށް ވެސް އެނގޭ ކަމަކީ މީހަކާ ހަސަންފުޅާ ދެމެދު ހަމަނުޖެހުމެއް ހިނގައިގެން ކަމެއް ނުހިނގާނެ ކަން. އެންމެންނާވެސް ވަރަށް ގުޅޭ މިޒާޖު ރަނގަޅު މީހެއް އެއީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ 7:30 ހާއިރު އެވެ. ވީނުވީއެއް ނޭނގި ގެއްލުނު ހަސަންފުޅުގެ މިޒާޖުންވެސް އެއްވެސް ކަމެއް ފާހަގަނުކުރެވޭ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ހަސަންފުޅު ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މަސައްކަތްް ކޯސްޓުގާޑުން ހުއްޓާލީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
Comment