Advertisement

ތަރައްގީގެ ފައިދާގެ މިސާލު ރައީސް ނެންގެވީ ފުޅަދޫ ބިމުގެ އަގުން

6 ފެބުރުވަރީ 2023 - 09:57 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހު ބ. ފުޅަދޫގައި؛ ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ފައިދާ އެ ރަށުގެ ބިމުގެ އަގަށް އައި ބަދަލުން ނަންގަވާފައި-- ފޮޓޯ: ރައީސް އޮފީސް


ތަރައްގީގެ ފައިދާގެ މިސާލު ރައީސް ނެންގެވީ ފުޅަދޫ ބިމުގެ އަގުން

6 ފެބުރުވަރީ 2023 - 09:57 1

"ސަރުކާރުން އަމާޒު ހިފާފައި މިވަނީ ގުޅުން ބޮޑު، ދިރުންހުރި، އެތެރޭގެ އިގްތިސޯދެއް އުފެއްދުމަށް،"

ރައްޔިތުންގެ މަޖިލީހުގެ ދައުރު މި އަހަރަށް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އެއް ކަމަކީ އިޖްތިމާއީ، އިގްތިސޯދީ އަދި އުމްރާނީ ބޮޑު ބަދަލަކަށްޓަކައި ކުރަން ޖެހޭ ކަންކަން މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެ ބަދަލު ގެނައުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަ ވުމެވެ.

"މި ދާގޮތަށް ގޮސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ މުޅިން ނިމޭނެ، މިއާއެކުއެކީ ލަފާ ފުރުމުގެ ދަތިކަން ވެސް މުޅިރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫއު އެ ދަނީ ހިނގަމުން، މަސައްކަތްތައް ނިމެމުން. ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ އެ ރަށަކާ އެކަށޭނަ މިންވަރަށް އެދަނީ ތަރައްގީކުރެވެމުން،" މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ކަމަކީ ވެސް އިގްތިސޯދު އެތައް ގުނައަކުން ބިނާ ކުރެވޭ ބިންގާއެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ. މިސާލު ނެންގެވީ ބ. ފުޅަދޫގެ ބިމުގެ ކުލީގެ އަގަށް އައި ބަދަލުންނެވެ.

"ބަނދަރާއި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ކުރިން ބ.ފުޅަދޫގައި 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7000 ރުފިޔާ، ބަނދަރު ނިމި، ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު މިއަދު ހަމަ އެބިމުގެ އަގަކީ 15000 ރުފިޔާ،" ރައީސް ކިޔައިދެއްވި އެވެ.

މިހާރު ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތައް ނިމުމާއެކު ރަށްރަށުގެ ބިމުގެ އަގު އަރާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިގްތިސޯދީ ހަރަކާތްތަކުގެ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަލި އަޅުވާލައްވަމުން ރައީސް ވަނީ މިހާތަނަށް 76 ރަށެއްގައި ޒަމާނީ އިންޖީނުގެ އެޅި، ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރު ސެޓު އަލުން ގާއިމް ކުރެވިފައިވާ ކަން ފާހަގަކުރައްވާފަ އެވެ.

މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމު ކުރުމަށް ސަރުކާރުން ފަށާފައިވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު ކުރިއަށް ދެ އަހަރު ތެރޭގައި ނިންމޭލެވެނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"މަޝްރޫއު ފުރިހަމަ ވުމުން މުޅި ރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ، ތެލުގެ ހަރަދު ކުޑަވެއްޖެނަމަ ކަރަންޓުގެ އަގު ކުޑަވާނެ، ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ އެ ފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ،" ރައީސް ވިދާޅުވި އެވެ.