Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހަކާ މެދު ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެއްްޖެ

5 ފެބުރުވަރީ 2023 - 12:15 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގެ ސްކްރީންޝޮޓެއް


ނުކުޅެދުންތެރިކަން ހުންނަ މީހަކާ މެދު ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެއްްޖެ

5 ފެބުރުވަރީ 2023 - 12:15 1

ނުކުޅެދުންތެރިކަން ހުންނަ މީހަކާ މެދު ފުލުހުން އަމަލުކުރާ ގޮތް ފެންނަ ވީޑިއޯއަކާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.

މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ ދެ ފުލުހަކާއި އާންމުންގެ މީހަކު ތިބެގެން އަންހެނަކު ކުރިޔަށް ހިނގިޔަ ނުދީ ހުއްޓުވާ މަންޒަރެވެ. އެ ވީޑިއޯއިން ފުލުހަކު އަންހެން މީހާގެ ދެކޮނޑުގައި އަތް އަޅާ ދެ ފަހަރެއްގެ މަތިން ކޮއްޕާލާ މަންޒަރު ފެނެ އެވެ. އަދި އަންހެން މީހާ މަގުމަތީގައި އޮށޯންނަ މަންޒަރު ވެސް ފެނެ އެވެ.

އެ ވީޑިއޯ ހިއްސާކުރި ފަރާތުން ވަނީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓުކުރި މީހަކު ވަނީ އަންހެނެއްގެ ގަޔަށް އެގޮތަށްް ފިރިހެން ފުލުހުން އަތް ލުމުން އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަމަށް އަންހެން ފުލުހުން ނުތިބޭތޯ ސުވާލު އުފައްދާފައި ވެއެވެ.

"ފިރިހެން ޕޮލިސްއަކަށް ވެހުރެ އަންހެނުން ގައިގަ އަތްލުން އެއީ އޮންނަކަމެއްބާ. އަންހެނުންނާ ޑީލްކުރަން ތިބޭނީ އަންހެން ފުލުހުން. ފިރިހެނުންނެއް ނޫން," ކޮމެންޓުކުރި އެކަކު ބުނެފައި ވެއެވެ.

އެ ވީޑިއޯއިން އަނިޔާކުރާ މަންޒަރު ނުފެނުނު ނަމަވެސް, އަންހެނެއްގެ ގަޔަށް އެގޮތަށް ދެ ފިރިހެން ފުލުހަކު އަތްލުން ކުއްވެރިކޮށްފައި ވެއެވެ. އަދި އެ އަންހެން މީހާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށްވާއިރު، އެގޮތަށް އޭނާއާ މެދު އަމަލުކުރުން ވެސް ކުއްވެރިކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ ވީޑިއޯއިން ފެންނަނީ ރ. ދުވާފަރުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ގެއަށް ވެއްދުމަށް ފުލުހުން އެހީތެރިވާ މަންޒަރު ކަމަަށެވެ.

އެ ވީޑިއޯ ޝެއާކުރި މީހުންގެ އަދަދު 91 އަަށް އަރާއިރު، ގިނަ މީހުން ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ.