Advertisement

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަގްވާމީ ބިލިއާޑް މުބާރާތެއް!

6 ފެބުރުވަރީ 2023 - 11:51 0

2021 ވަނަ އަހަރުގެ ދުނިޔޭގެ ބިލިއާޑް ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝަން (ވ)އާ އެކު ރާއްޖޭގެ ކުޅުންތެރިން ބޭއްވި ސެޝަންގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަގްވާމީ ބިލިއާޑް މުބާރާތެއް!

6 ފެބުރުވަރީ 2023 - 11:51 0

ނައިން ބޯލް އޭޝިއަން ޓުއާގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އޭޝިއަން ޕޫލް ޕްރޮމޯޝަންސް އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށްގެންދާ 9 ބޯލް އޭޝިއަން ޓުއާ އަކީ އޭޝިއާގެ އެކި ގައުމުތަކުގައި ލީގު އުސޫލުން ކުރިއަށްދާ މުބާރާތެކެވެ. ސިންގަޕޫރު، އިންޑޮނީޝިއާ، ތައިލެންޑް، ޗައިނީސް ޓައިޕޭ، ވިއެޓްނާމް، ފިލިޕީންސް އަދި ޗައިނާ ފަދަ ގައުމުތަކުގައި އަހަރު ތެރޭގައި ކުރިއަށްދާ އޯޕަން މުބާރާތްތަކުން އެންމެ މަތިން ޕޮއިންޓް ލިބޭ ކުޅުންތެރިއަކަށް އޭޝިއާގެ އެއް ވަނަ 9 ބޯލް ކުޅުންތެރިޔާގެ އެވޯޑު ލިބޭނެ އެވެ.

މިއީ 9 ބޯލް އޭޝިއަން ޓުއާގެ މުބާރާތެއް ސާކް ސަރަހައްދުގެ ގައުމެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. "މޯލްޑިވްސް އޯޕަން" ރާއްޖޭގައި މިއަހަރު މި މުބާރާތް އޮންނާނީ އޭޕްރީލް 22-26 އަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާޗު މަހުގެ އެއް ވަނަ ދުވަހު ހުޅުވާލާނެ އެވެ.

އެ ގޮތުން، 9 ބޯލް އޭޝިއަން ޓުއާގައި އޭޝިއާ ސަރަހައްދުގެ 64 ކުޅުންތެރިއަކަށް ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރެއިން 16 ޖާގަ ލިބޭނީ ރާއްޖޭގެ ކުޅުންތެރިންނަށެވެ. 16 ޖާގަ ލިބޭނީ އޭޝިއާގެ ރޭންކިންގެ އެންމެ މަތީގައި އުޅޭ 16 ކުޅުންތެރިންނަށެވެ. ބާކީ 32 ޖާގަ ލިބޭނީ ބާކީ އެތުލީޓުންގެ ތެރެއިން ކޮލިފައިން ކުޅެ އެ ޖާގަތަކަށް ހޮވޭ ކުޅުންތެރިންނަށެވެ.

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ބިލިއާޑް މުބާރާތުގެ ޕޯސްޓަރު.


ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމް ލިބޭއިރު، ގަދަ 32 ގެ ވަނަތައް ލިބޭ ކުޅުންތެރިންނަށްވެސް ފައިސާގެ އިނާމް ލިބޭނެ އެވެ.

މި މުުބާރާތާ ގުޅޭގޮތުން މެޗްރޫމް މަލްޓި ސްޕޯޓްގެ މެނޭޖިން ޑިރެކްޓަރު އެމިލީ ފްރޭޒާ ވިދާޅުވީ ރާއްޖެ ކަހަލަ ގައުމެއްގައި މި އަހަރުގެ ޓުއާގެ ފުރަތަމަ މުބާރާތް ބޭއްވުމަކީ ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ އޭޝިއާގެ ކުދި ގައުމުތަކަށް މި ކުޅިވަރު ފުޅާކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

"ރާއްޖޭގައި ޕޫލް ބިލިއާޑްގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ ފެށުން މިއީ. ހުރިހާ އެންމެން ތިބީ ރާއްޖެ ދިއުމަށް ކެތްމަދުވެފައި. ވަރަށް ފޯރިގަދަ އުފާވެރި މުބާރާތަކަށް މި މުބާރާތް ވާނެ" އެމިލީ ވިދާޅުވި އެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ރައީސް އަހުމަދު ނާސިފް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމަކީ ރާއްޖޭގެ މުޅި ޕޫލް އާއިލާއިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، ތާރީޚީ މުބާރާތަށް އޭޝިއާގެ ހުރިހާ ކުޅުންތެރިންނަށް ދައުވަތު ދޭނެ ކަމަށެވެ.

"ދިވެހި ރާއްޖެގައި ބާއްވާ މި ތާރީހީ މުބާރާތަށް އަންނަ އެންމެންނަށް މަރުހަބާ ކިޔަން ތައްޔާރަށް މިތިބީ، މިއީ ސަރުކާރާއި މުޅި ޕޫލް އާއިލާ އިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ، މިއީ ބޮޑު ޝަރަފެއް ދިވެހި ރާއްޖެ އަށް ލިބުނު" ނާސިފް ވިދާޅުވި އެވެ.

ބިލިއާޑް އިންޓަނޭޝަނަލް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ލިބިގެންދިޔަ އެންމެ ބޮޑު ފަސޭހަ އަކީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު މާލޭގައި ހުޅުވި މަތީ ފެންވަރުގެ ބިލިއާޑް ފެސިލިޓީ އެވެ.