Advertisement

ހަމްޕު އާއި ދާދު ވެސް މާޒިޔާގެ ކޮންޓްރެކްޓް އާ ކޮށްފި

4 ފެބުރުވަރީ 2023 - 15:55 0

ހަމްޕު (ކ) އާއި ދާދު (ވ) މާޒިޔާގެ ކޮންޓްރެކްޓް އާ ކުރުމަށް ފަހު.--- ފޮޓޯ: މާޒިޔާ


ހަމްޕު އާއި ދާދު ވެސް މާޒިޔާގެ ކޮންޓްރެކްޓް އާ ކޮށްފި

4 ފެބުރުވަރީ 2023 - 15:55 0

ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ، ހަސަން ނާއިޒު (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފި އެެވެ.

މާޒިޔާ އިން މިހާތަނަށް ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ނުވަ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާ ކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ.

އެ ގޮތުން، ދާދު އާއި ހަމްޕުގެ އިތުރުން މިހާތަނަށް ކޮންޓްރެކްޓް އާ ކުރިކަން މާޒިޔާ އިން ހާމަކުރި ކުޅުންތެރިންނަކީ ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޕު، އޭނާގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާގޮތުގައި މާޒިޔާއާ އެކު އޭނާ ސޮއިކޮށްފައިވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ރާއްޖޭގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، 2015 ވަނަ އަހަރު ހޯދި ހަމްޕު، މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ހަމްޕު މީގެ ކުރިން ކުޅެފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށެވެ. ހަމްޕު އަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ޓީސީ ސްޕޯޓްސް ކްލަބާ އެކު 2014 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ދާދު ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޖެހިގެން އައި ސީޒަނުގައި ޓީސީން ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ދާދު އެވެ.

ރާއްޖޭގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި، ދާދު ޓީސީއާ އެކު 2017 ވަނަ އަހަރު ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު، އޭނާ މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ދާދު ވަނީ 2018 ވަނަ އަހަރު ސާފްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، ޓީމުގެ ފޯވާޑް ލައިން ބަލަހައްޓައިފަ އެވެ.

މާޒިޔާ އިން ކޮންޓްރެކްޓް އާ ކުރި ހަތަރު ކުޅުންތެރިއަކު ފޮޓޯ އަށް ހުއްޓިލައިގެން: (ކ.ވ) އައިސަމް، އިރޭ، ޗިކީ އަދި ސަމުއްޓެ،--- ފޮޓޯ: މާޒިޔާ


މާޒިޔާއާ އެކު ކޮންޓްރެކްޓް ހެދި ކީޕަރު ޗިކީ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އެ ޓީމަށް ކުޅެމުންނެވެ.

މާޒިޔާގެ ކޮންޓްރެކްޓްގައި ހުރެ، ލޯން އުސޫލުން ޗިކީ ވަނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ އެކި ޓީމުތަކަށް ކުޅެފަ އެވެ. އެ ގޮތުން، ޗިކީ ވަނީ 2018 ވަނަ އަހަރު، ދެ ވަނަ ޑިވިޝަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެ، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދޭން އެހީވެފަ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އިން އެފްއޭ ކަޕް ކާމިޔާބުކުރިއިރު، ގޯލަށް ކުޅުނީ ޗިކީ އެވެ. ފާއިތުވި އަހަރުތަކުގައި މާޒިޔާ އިން ބޭނުން ޖެހުނު އެކި ފަހަރުތަކުގައި ޗިކީ ވަނީ އެ ޓީމުގެ ގޯލުގައި މޮޅަށް ކުޅެފަ އެވެ.

މާޒިޔާގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ހުރި އިރޭ އެ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ރާއްޖޭގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އިރޭ އަކީ މީގެ ކުރިން ކްލަބް ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިއެކެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބާ އެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ސަމުއްޓެ، މާޒިޔާއާ ގުޅުނީ 2016 ވަނަ އަހަރު އެވެ. އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުތަކުގައި ޓީމުގެ ކެޕްޓަންކަން ކުރީ ސަމުއްޓެ އެވެ.

ކުރިން ކްލަބް އީގަލްސް އާއި ޓީސީ އަށް ކުޅުނު އައިސަމް މާޒިޔާ އަށް އެންމެ ފުރަތަމަ ބަދަލުވީ 2019 ވަނަ އަހަރު އެވެ. ގައުމީ ސީނިއާ ޓީމަށް ވެސް ގަވާއިދުން ކުޅެމުން އަންނަ އައިސަމް އަކީ މީގެ ކުރިން އުމުރުފުރާ ގައުމީ ޓީމުތަކުން ވެސް ފެނިގެންދިޔަ ކުޅުންތެރިއެކެވެ.