4 ފެބުރުވަރީ 2023 - 17:09 0
ރައްޔާން މުހައްމަދު
ް ފޭސްބުކް އަދި ގޫގުލް ފަހަތަށް ޖައްސާލާ، އެންމެ އަވަހަށް 100 މިލިއަން ޔޫޒާސް ހަމަކުރި އެޕްގެ މަގާމު ޗެޓްޖީޕީޓީ އަށް ވަނީ ލިބިފަ
4 ފެބުރުވަރީ 2023 - 17:09 0
މަޤުބޫލު އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓްޖީޕީޓީ އިން ދެ މަސް ތެރޭ 100 މިލިއަމް ޔޫޒާސް ހަމަކޮށް އައު ރިކޯޑެއް ގާއިމުކޮށްފަ އެވެ.
މިކަމުގެ ސަބަބުން ފޭސްބުކް އަދި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަށް ފަހަތަށް ޖައްސާލާ، އެންމެ އަވަހަށް 100 މިލިއަން ޔޫޒާސް ހަމަކުރި އެޕްގެ މަގާމު ޗެޓްޖީޕީޓީ އަށް ވަނީ ލިބިފަ އެވެ.
ފޭސްބުކަށް 100 މިލިއަން ޔޫޒާސް ހަމަކުރަން ހަތަރު އަހަރު ނެގިއިރު، ސްނެޕްޗެޓަށް ތިން އަހަރު އަދި އިންސްޓަގްރާމަށް 2 އަހަރު ނެގި އެވެ. މީގެ ކުރިން މި ރިކޯޑު އޮތް ގޫގުލް އަށް ވެސް 100 މިލިއަން ޔޫޒާސް ހަމަކުރަން އަހަރެއްހާ ދުވަސް ނެގި އެވެ.
އޯޕެން އޭއައި އިން ނެރުނު ޗެޓްބޮޓުން ދަނީ މިދިޔަ ދެމަސް ތެރޭ އިންޓަނެގުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ. ޗެޓްޖީޕީޓީ ފުރަތަމަ ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގަ އެވެ.
އެހެން ޗެޓްބޮޓްތަކާއި ޗެޓްޖީޕީޓީއާ އެންމެ ބޮޑު ތަފާތެއް ކަމަށް މީހުން ފާހަގަކޮށްފައިވަނީ އޭގެ "ހިއުމަން ލައިކް ރެސްޕޮންސް" ނުވަތަ އެހެން އިންސާނެއް ދޭ ފަދަ ޖަވާބުތައް ދިނުން ކަމަށެވެ. އެންމެ އާދައިގެ ކުދި ކުދި ސުވާލުތަކުން ފެށިގެން ބޮޑެތި އުދަނގޫ ސުވާލުތަކަށް ވެސް ވަރަށް ފުރިހަމަ ޖަވާބުތަކެއް ޗެޓްޖީޕީޓީ އިން ދެމުންދާކަން މީހުން ވަނީ ފާހަގަކޮށްފަ އެވެ.
ޗެޓްޖީޕީޓީގެ އިތުރުވަމުން އަންނަ މަގުބޫލުކަމުގެ ސަބަބުން މައިކްރޯސޮފްޓް ވެސް ވަނީ އެ ކުންފުނީގެ މައިކްރޯސޮފްޓް ޓީމްސް އެޕް ތެރެއަށް ޗެޓްޖީޕީޓީ ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފަ އެވެ.
އެގޮތުން، މައިކްރޯސޮފްޓް ޓީމްސް ޕްރިމިއަމް ބޭނުންކުރާ ފަރާތަތަކަށް ވަރަށް އަވަހަށް އެ ފީޗާ ލިބޭނެ ކަމަސް އެ ކުނފުނިން ބުނެއެވެ. މިކަމުގެ ސަބަބުން އެ އެޕްލިކޭޝަންގައި ހިންގާ މީޓިންތަކާއި އެހެން ކަންކަމަށް ވެސް ވަރަށް ބޮޑެތި ލުއި ތަކެއް ލިބިގެން ދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޗެޓްޖީޕީޓީގެ ސަބަބުން ލިބޭ ފައިދާތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ބަހުސް ވެސް ކުރަމުންނެވެ. އެގޮތުން ބައެއް ތައުލީމީ އިންސްޓިޓިއުޓްތަކުން ދަނީ ޗެޓްޖީޕީޓީގެ ސަބަބުން ދަރިވަރުންނަށް ހަވާލުކުރެވޭ ޕްރޮޖެކްޓްތައް މަސައްކަތެއް ނުކޮށް ނިންމާލެވޭނެ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޗެޓްބޮޓުތަކަށް މީހުންގެ ސަމާލުކަން ލިބެމުންދާ މިވަގުތުގައި ގޫގުލް އަދި ފޭސްބުކް ފަދަ ކުންފުނިތަކުން ވެސް އަންނަނީ އެފަދަ ފީޗާއެއް އެކުންފުނި ތަކުގެ ޕްލެޓްފޯމްއަށް އިންޓަގްރޭޓް ކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. އެގޮތުން، ގޫގުލް އިން އެކުންފުނިން ވެސް ޗެޓް ބޮޓެއް ވަރަށް އަވަހަށް ނެރޭނެ ކަން އިއުލާންކޮށްފަ އެވެ. އަދި ފޭސްބުކް ހިންގާ މެޓަ ކުންފުނިން ވަނީ ޗެޓްބޮޓަށް ބޭނުންވާ ކޮންޓެންޓް ހޯދުމަށް ބަޒްފީޑް ނިއުސް އާ އެކީ 10 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.
ޗެޓްޖީޕީޓީ ލޯންޗްކޮށްފައިވަނީ ހިލޭ ބޭނުންކުރެވޭ ޕްލެޓްފޯމްއެއްގެ ގޮތުގަ އެވެ. ނަމަވެސް ދާދި ފަހުން އެ އޯޕެން އޭއައި އިން ވަނީ ޗެޓްޖީޕީޓީގެ ސަބްސްކްރިޕޝަން ޕްލޭންއެއް ތައާރަފުކޮށްފަ އެވެ. ހިލޭ ބޭނުންކުރެވޭ ޗެޓްޖީޕީޓީއަށް ވުރެ އަވަސް ވާނެކަމަށް އެކުންފުނިން ބުނާ ޕްރިމިއަމް ވާޝަން އަށް ދައްކަން ޖެހެނީ މަހަކު 20 ޑޮލަރެވެ.
Comment