4 ފެބުރުވަރީ 2023 - 08:19 0
ޗެލްސީގެ އެންޒޯ (ކ) ފުލަމްގެ އަންޑްރެއަސް ކައިރިން ބޯޅަ ހިފައިގެންދަނީ.
4 ފެބުރުވަރީ 2023 - 08:19 0
ލަންޑަން (ފެބްރުއަރީ 4) - އިނގިރޭސި ރެކޯޑް ޓްރާންސްފާއެެއްގައި މި ފަހަރު ޗެލްސީން ގެނައި، އެންޒޯ ފެނާންޑޭޒް، އެ ޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ޗެލްސީން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ޖެނުއަރީ ޓްރާންސްފާގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން އެއް ބިިލިއަން ޑޮލަރު ހަރަދުކުރިއިރު، އެންމެ ބޮޑު އިންވެސްޓެއް ކުރީ ޗެލްސީންނެވެ. ޗެލްސީން ޖެނުއަރީ ޓްރާންސްފާގައި ގަތް އަށް ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިއަކު ރޭގެ މެޗުގައި ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަވަނީ ފުރަތަމަ ފަހަރަށް ޗެލްސީ ޖޯޒީގައި ފެނިގެންދިޔަ، ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެންޒޯ އެވެ.
ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުލަމް އަށް ލީޑުނަގައިދޭން އަންޑްރެއަސް ޕްރެއިރާ އޭރިއާބޭރުން ޖެހި ބާރު ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. ފުލަމްގެ ވިލިއަމް އާއި އަލެކްސަންޑަ މިޓްރޮވިޗަށް ޗެލްސީ އޭރިއާތެރެއިން ލިބުނު ފުރުސަތު ބޭނުމެއް ނުކުރެވުނެވެ.
ފުރަތަަމަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދޭން ކައި ހަވާޓްޒް އަށް ހުސް ފުރުސަތެއް ލިބުނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަވާޓްޒް އަށް ލިބުނު ހުސް ފުރުސަތުން ފުލަމްގެ ކީޕަރު ބާން ލޭނޯ ބޯމަތިން އޮއްސާލަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ޖެނުއަރީގައި ޗެލްސީން އަގުބޮޑުކޮށް ގެނައި، ޔޫކްރެއިންގެ ވިންގް، މިކައިލޯ މުޑްރިކް އަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީ ފުރަތަމަ ހާފަށް ފަހު ވަނީ ބަދަލުކޮށްފަ އެެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ފުރަތަމަ ފަހަރަށް ޗެލްސީ ޖޯޒީގައި ފެނިގެންދިޔަ، އިނގިރޭސި ވިންގް، ނޯނީ މަޑުއޭކޭ އެވެ. އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ޗެލްސީ އަށް ދެ ވަނަ ހާފުގައި ގޯލެއް ޖަަހައިދޭން އޭރިއޭބޭރުން އެންޒޯ ޖެހި ބޯޅައެއް ދަނޑިކައިރިން ދިޔައިރު، ބަދަލަކަށް ކުޅެން އެރި ޗެލްސީގެ އައިވަރީ ކޯސްޓް ފޯވާޑް ޑާޓްރޯ ފޮފާނާ، ފުލަމްގެ ކީޕަރު ލެނޯ ކައިރިން ނައްޓާފައި ޖެހި ބޯޅަ ގޯލު ރޮނގުކައިރިން ސަލާމަތްކުރީ ފުލަމްގެ ކެޕްޓަން، ޓިމް ރީމް އެެވެ.
މި ނަތީޖާއާ އެކު ޗެލްސީ ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 21 މެޗުން 30 ޕޮއިންޓާ އެކު އެވެ. ފުލަމް އޮތީ 22 މެޗުން 32 ޕޮއިންޓް ހޯދައިގެން ހަ ވަނައިގަ އެވެ. ޗެލްސީ އަށް ރޭ މޮޅެއް ނުލިބުމުން ގަދަ ހަތަރަކަށް ވަންނަން އަނެއްކާ ވެސް ޗެލެންޖް ބޮޑުވީ އެވެ. ހަތަރު ވަނައިގައި އޮތް ޔުނައިޓެޑާއި ޗެލްސީއާ ދެމެދު އޮތް ފަރަގު، މި ހަފްތާ ނިމޭއިރު، 12 ޕޮއިންޓަށް ވުމުގެ ފުރުސަތު ބޮޑެވެ.
Comment