Advertisement

އަމޮރިމްގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް އެއް ވަނައިގައި ބޮޑު ލީޑެއް

about 8 hours 0


އަމޮރިމްގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް އެއް ވަނައިގައި ބޮޑު ލީޑެއް

about 8 hours 0

ލަންޑަން (ނޮވެމްބަރު 24) - އާ ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި، 1-1 އިން އިޕްސްވިޗު ޓައުންއާ އެއްވަރުވިއިރު، ރަށުންބޭރުގައި 3-2 އިން ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ލިވަޕޫލުން ވަނީ ނަގައިފަ އެވެ. ލިވަޕޫލުން އެއް ވަނައިގައި އޮތީ، 12 މެޗުން 31 ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 12 މެޗުން ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. އަންނަ ހަފްތާގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅޭނީ ސިޓީއާ އެވެ.

ލިވަޕޫލުން ލީޑުނެގީ ސައުތެމްޓަން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސައުތެމްޓަން އިން އެއްވަރުކުރީ ޕެނަލްޓީއެއްގައި ލިބުނު ފުރުސަތަކުންނެވެ. އެ ގޮތުން، ސައުތެމްޓަންގެ ސްޓުއާޓް އާމްސްޓްރޯންގް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ މަތަކުރުމުން، ރީބައުންސުން ލިބުނު ފުރުސަތުގައި އާމްސްޓްރޯންގް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކައުންޓަ އެޓޭކުގައި ތަނަވަސްކުރި ފުރުސަތެއްގައި، މެޗުގެ 56 ވަނަ މިނިޓްގައި މަޓެއުސް ފެނާންޑޭޒް ވަނީ ލަނޑު ޖަހައި ސައުތެމްޓަން އަށް ލީޑުނަގައިދީފަ އެވެ.

ލިވަޕޫލުން އެއްވަރުކުރީ ރަޔާން ގްރަވެންބާކް ދިން ބޯޅައަކުން މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މި ލަނޑު ސަލާހު ޖެހީ، ސައުތެމްޓަންގެ ކީޕަރު އަލެކްސް މެކްއާތީ ހެދި ގޯހަކުންނެވެ. ލިވަޕޫލް މޮޅުވީ ސަލާހު ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ލިބުނީ، ސައުތެމްޓަންގެ ޔޫގީ ސުގަވާރާ އަތުގައި ބޯޅަ ޖެހުމުންނެވެ.

އަމޮރިމް ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ، ޔުނައިޓެޑުން ކުޅުނު މެޗުގައި އެ ޓީމުން ވަނީ 80 ވަރަކަށް ސިކުންތު ތެރޭގައި ލީޑުނަގައިފަ އެވެ. އަމަދު ޑިއާލޯ ދިން ބޯޅައަކުން މި ލަނޑު ޖެހީ މާކަސް ރަޝްފޯޑް އެވެ.

އަމިއްލަ ދަނޑުގައި އިޕްސްވިޗުން ކުރި ގިނަ އެޓޭކްތަކެއް މި މެޗުގައި ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު، މެޗުގެ 43 ވަނަ މިނިޓްގައި އިޕްސްވިޗުގެ އޮމާރު ހަޗިންސަން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

ޔުނައިޓެޑުން ދެ ވަނަ ހާފުގައި ކުރިއަށް ޖެހިގެން ގޯލެއް ޖަހައި މޮޅުވެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑަށް ވަނީ 12 މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ 12 ވަނައިގަ އެވެ.