about 6 hours 0
about 6 hours 0
ލަންޑަން (ނޮވެމްބަރު 22) - ޗެލްސީގެ ކެޕްޓަން، ރީސް ޖޭމްސްގެ ކެރިއަރުގައި މިހާތަނަށް އަނިޔާގެ މައްސަލަތަކާ ހެދި ގެއްލުނު މެޗުތަކުގެ ޖުމްލަ އަދަދު 100 މެޗަށް ވުރެ އިތުރުވެއްޖެ އެވެ.
ޖޭމްސް، 24، އަށް އެންމެ ފަހުން ދިމާވި ފަލަމަސްގަނޑުގެ އަނިޔާއާ ހެދި އަނެއްކާ ވެސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އިއުލާނުކޮށްފަ އެވެ. ޖޭމްސް ވެސް ވަނީ އަނިޔާ އިން ރަނގަޅުވެގެން، އަނެއްކާ ވެސް ޓީމަށް އެނބުރި އަންނަން މަސައްކަތްތައް ފަށާފައިވާ ކަމަށް ބުނެފަ އެވެ.
މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގައި މިހާތަނަށް ވެސް ޖޭމްސް އަށް ވަނީ 11 މެޗު ގެއްލިފަ އެވެ. އަނެއްކާ މި ދިމާވި އަނިޔާއާ ހެދި އޭނާ އަށް ގެއްލޭނެ މެޗުގެ ޖުމްލަ އަދަދު ޔަގީނެއް ނޫނެވެ.
ޖޭމްސްގެ ކެރިއަރުގައި މިހާތަނަށް އޭނާ އަށް އަނިޔާގެ ސަބަބުން 10 މެޗަށް ވުރެ އިތުރަށް މެޗު ނުގެއްލި ފުރިހަމަ ކުރެވުނީ އެންމެ ސީޒަނެކެވެ. އެއީ، 2020/21 ވަނަ ސީޒަނުގައި، ފްރޭންކް ލަމްޕާޑާއި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނުއިރު އެވެ. އެ ސީޒަނުގައި ވެސް އޭނާ އަށް އަނިޔާއާ ހެދި ނުވަ މެޗު ގެއްލުނެވެ.
މިއީ، ޗެލްސީގައި ޖޭމްސްގެ ހަ ވަނަ ފުލް ސީޒަނެވެެ. މިހާތަނަށް މި މުއްދަތުގައި އަނިޔާގެ ސަބަބުން އޭނާ އަށް ގެއްލުނު މެޗުތަކުގެ އަދަދު ވަނީ 129 އަށް އަރައިފަ އެވެ. އެއީ، 20 އިންޖަރީ އަށް 682 ދުވަހެވެ.
ޗެލްސީއާ އެކު، ޖޭމްސްގެ ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ސީޒަނަށް ފަހު، ޗެލްސީން ޖޭމްސް ވިއްކާލުމުގެ ފުރުސަތު ބޮޑެވެ.
Comment