Advertisement

ހަދި ހަސަން ރަސްގެފާނު ގާ ސަންދޯކަށް ލާންޖެހުނީ ކީއްވެ؟

3 ފެބުރުވަރީ 2023 - 07:58 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ހަދި ހަސަން ރަސްގެފާނުގެ ގާ ސަންދޯއް


ހަދި ހަސަން ރަސްގެފާނު ގާ ސަންދޯކަށް ލާންޖެހުނީ ކީއްވެ؟

3 ފެބުރުވަރީ 2023 - 07:58 0

އެއީ މީލާދީން 1456 ވަނަ އަހަރެވެ. ދިވެހި ތަޚުތު އޭރު ފުރުއްވަމުން ގެންދެވި އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ) ސިރީ ރާދަވީރު މަހާރަދުންނެވެ. އެއީ އެ ރަދުންގެ ދެވަނަ ދައުރެވެ. ރަދުންނަށް އާދަޔާ ޚިލާފު އާލާސްކަންފުޅަކާ ކުރިމަތިލާން ޖެހިވަޑައިގެންފިއެވެ. ރަދުންގެ ހަށިކޮޅުން މާ ވަރުގަދަ ހޫނެއް އަރަނީއެވެ. ހިޔަލަކުން، ރޯޅިއަކުން، ފެނަކުން، ފިންޏަކުން ލިބިވަޑައިގެންނެވި ތަސައްލީއެއް ނެތެވެ. ގަނޑުވަރުގެ ދާންމަތި ވެޔޮކޮޅުގައި ބާއްވައިގެން ރަދުންގެ ހަށިކޮޅަށް ފެންފުރާންފެށުމުންވެސް ލުޔެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެންމެ ފަހުން އެކަމެއްގައި އެ ރަދުން އަވަހާރަވީއެވެ. އަވަހާރަވުމަކުންވެސް ވީ އަވައްޖެއް ނެތެވެ. ރަދުންގެ ސަންދޯއް އުފުލަން ނުކެރޭ ވަރަށް ރަދުންގެ ހަށިކޮޅުން ހޫނުއަރަމުންދިޔައެވެ. ލަކުޑި ސަންދޯކަކަށް ލާއިރަށް އެ ސަންދޯކެއްވެސް އަނދާކަމަށްވެއެވެ. އެންމެ ފަހުން ޙައްލެއްކަމުގައި ފެނުނީ ގާ ސަންދޯކަކަށް ރަދުންގެ ހަށިކޮޅުވަޑުވައިގެން ގެންގޮސް ވަޅުލުމެވެ.

މިއީ ވަރަށް އާދަޔާ ޚިލާފު ވާހަކައެކެވެ. އެހެންނަމަވެސް ތުންތުންމަތިންނާއި ފަތްފުއްތަކުންވެސް ފެންނާން އޮތް ރިވާޔަތެކެވެ. މީގައި ތެދު ޙަޤީޤަތް އެކުލެވިގެންވާ މިންވަރާ މެދު އެކި މުއައްރިޚުން ޚިލާފުވެއެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިއީ އެ ރަދުން ތަންފީޒުކުރެއްވި ޙުކުމެއްގެ ސަބަބުން މާތް ރަސްކަލާނގެ ލެއްވި މުސީބާތެކެވެ. ތާރީޚުގެ ފަތްފުއްތަކަށް ނަޒަރު ހިންގާލަމާ ހިންގަވާށެވެ.

އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ) ސިރީ ރާދަވީރު މަހާރަދުން ނުވަތަ ހަދި (ޙާޖީ) ޙަސަން ރަސްގެފާނަކީ މީލާދީން 1426 ވަނަ އަހަރުން 1453 ވަނަ އަހަރަށް، އަދި 1454 ވަނަ އަހަރުން 1456 ވަނަ އަހަރަށް ދިވެހި ރަސްކަން ކުރެއްވި ރަސްކަލެކެވެ. ބައްޕާފުޅަކީ އައްސުލްޠާން އަބޫބަކުރު (އެއްވަނަ) ސިރީ ބޮވަނަ ސުންދަރަ މަހާރަދުންނެވެ. މަންމާފުޅަކީ ބުޅައުމާވާކިލެގެ (ހިއްރަތުމާވާކިލެގެ)އެވެ. "ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން" މި ފޮތުގައި އެ ޒަމާން ސިފަކުރައްވަމުން މަޝްހޫރު މުއައްރިޚު ނަސީމާ މުޙައްމަދު ލިޔުއްވާފައިވެއެވެ.

"އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ)ގެ މި ރަސްކަމުގައި ފަނޑިޔާރުކަމުގައި ހުންނެވީ އަލްޤާޟީ ޙަސަން ޝީރާޒީއެވެ. މީނާއަކީ ފާރިސްކަރައިގެ ޝީރާޒުގެ ބޭފުޅެކެވެ. އެ ދުވަސްވަރަކީ ޝީރާޒުގެ ޢިލްމުވެރީންވެސް އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ޢިލްމު ފެތުރުއްވެވި ޒަމާނެވެ. މި ނޫންގޮތެއްގައި ނަމަ، މީނާއަކީ ޝީރާޒު ވަންހައިގެ ބޭފުޅެއްކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ރިވާވެގެން އައިސްފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި، މި ޝީރާޒީ ފަނޑިޔާރުކަލޭގެފާނާ އެ މަޤާމު ހަވާލުކުރެއްވީ، "ރަސްކަމުގެ ބޮޑުންނާއި، ސާހިބުންނާއި، ލަސްކަރީން" ޤަބޫލުވީމައެވެ. މަދީނާގެ މަޝްހޫރު ފަޤީޙު ސުލައިމާން ރާއްޖޭއި އުޅުއްވީ މި ރަދުންގެ ރަސްކަމުގައި ކަމަށް ބުނެވެއެވެ."

ކޮންމެއަކަސް، 25 އަހަރު ވެރިކަން ކުރެއްވުމަށްފަހު ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާންވެގެން ރަދުން ފުރާވަޑައިގަތީ މި ރަސްގެފާނުންގެ ތުއްޕުޅު ދަރިކަލުން އަދި ވެރިކަންވެސް ރަށުގެ ކުރިއަށްތިއްބެވި ބޭފުޅުންނާ ހަވާލުކުރައްވާފައިކަމަށް "ދިވެހި ތާރީޚަށް އައު އަލިކަމެއް" މި ފޮތުގައި ބުނެފައިވެއެވެ. މި ދަނޑިވަޅުގައި ރާއްޖޭގައި އޭރު ހުންނެވި ޢަރަތްބެއް ކަމުގައިވާ ސައްޔިދު މުޙައްމަދު ކިޔާ ބޭކަލަކު ވެރިކަން އަތުލައިގެންފިއެވެ. އެހެންނަމަވެސް، ދެ ޙައްޖު ވެވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެން ޚާޖީ ޙަސަން ރަސްގެފާނު އަނެއްކާވެސް ތަޚުތައް އިސްވެއްޖެއެވެ. ސައްޔިދު މުހައްމަދު ރަސްގެފާނު ވެރިކަމުން ދުރުކުރެއްވުމަށްފަހުގައެވެ.

ހަދި ޙަސަން ރަސްގެފާނު ރާއްޖެއަށް އެނުބުރި ވަޑައިގެންނެވީ މުދާވެރި، ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އަރިހުގައި 70 އަޅުން ގެންނެވިއެވެ. އެއީ ކުރިން ގެންގުޅުއްވި ނޯކަރުންގެ ބަދަލުގައެވެ. މި މީހުން ވެގެންދިޔައީ ރަސްގެފާނުގެ މާ އަރިސް ބަޔަކަށެވެ. ރައްޔިތުންގެ ތެރޭގައި ނުފޫޒު ގަދަ، ރަދުންގެ އަރިހުގައި ބަސްވިކޭ ބަޔަކުކަމުގައެވެ. އެ އަޅުންނާ ދިވެހި ރައްޔިތުންނާ ދެމެދު ދެބަސްވުންތައް ހިނގާ ކޮންމެ ފަހަރަކުމެ، ރަދުން ހުންނަވަނީ އަޅުންގެ ކޮޅުގައެވެ. މިހެން އުޅެނިކޮށް އެތަނުން މީހަކު ދިވެއްސަކު މަރާލައިފިއެވެ. މުޙައްމަދު އިބްރާހިމް ލުޠުފީ "އައްސުލްޠާން ހަދި ހަސަން ރަސްގެފާނުގެ 70 އަޅުން" މި މަޢުޟޫއަށް ލިޔުއްވި ލިޔުއްވުމެއްގައި މި ވާހަކަ ކިޔުއްވައިދެއްވަނީ މި ފަދައިންނެވެ.

"ބުނެވޭ ގޮތުގައި ރަދުންގެ އޮޑިކޮޅެއް ބާލަން މާލޭގެ ރައްޔިތުންނަށް ގޮވައިގެން ނެރެ އޮޑިކޮޅު ބާލަން ތައްޔާރުވަމުންދިޔައިރު، މާލޭގެ ޒުވާނަކު ރަދުންގެ އަޅުންނާ ދިމާއަށް ބުނިކަމަށް ވަނީ "ރަދުންގެ ބަތާކައިގެން ތިބި މީހުން ތިޔަތިބީއެވެ. އޮޑިކޮޅު ބާލަންޖެހޭނީ އެބައިމީހުންނަށެވެ." މިހެން އެ ޒުވާނާ ބުނުމުން ރަދުންނާއި އަޅުންނާއި ދިވެހިންނާ ދެމެދު ހިސާބަކަށް ޒުވާބުކުރެވި ދެކޮޅުވެރިކަން ފެށުނުތަނާ އޮޑިކޮޅު ބޭލުމުގެ މަސައްކަތް ހިނގައިގެންފިއެވެ. އުފެދުނު ހަމަނުޖެހުމަށް ވަގުތީ ހުއްޓުމެއް އައިސްފައިވަނިކޮށް ބާލަމުން ދިޔަ އޮޑިކޮޅު ފެނުގައި ޖެހިގެންދިޔަ ވަގުތު އަޅުންގެ ބަޔަކު އައިސް، އެބައިމީހުންނާ ޒުވާބުކުރި ދިވެހިމީހާ ނަގައިގެން ގެންގޮސް، މޫދަށް ފައިބައިގެން ގޮސްގޮސް ހުރި އޮޑިކޮޅުގެ ދިރުނބާކޮޅު ފަށަން ދަށަށް ކަނދުގަނޑެއްކަމަށް އެ ދިވެހިމީހާ ބާއްވައިފިއެވެ. އޮޑިކޮޅު ފުންވެގެން ދިޔައިރު ދިވެހިމީހާ އޮތީ ޗިސްވެ މަރުވެފައެވެ."

ތުންތުން މަތީން މި ހާދިސާ ކިޔައިދޭ އިރު، އޮޑިދަށުކޮށް ޗިސްކޮށްލީ މާބަނޑު އަންހެނެކޭވެސް ކިޔައި އުޅޭ ކަމަށްވެއެވެ. އެހެންނަމަވެސް ތާރީޚު ފޮތްތަކުގައި އޮންނަނީ މީހެއް ކަމަށެވެ. މިންތި ބަޔާންކޮށްފައެއް ނުވެއެވެ.

ކޮންމެއަކަސް، މި މައްސަލަ ފަނޑިޔާރުމަނިކުފާނާ ހަމައަށް ގެންދިއުމުން، އޭރު ފަނޑިޔާރަކަށް ހުންނެވި އަލްޤާޟީ ޙަސަން ޝީރާޒީ ޙުކުމް އިއްވެވީ "އިސްލާމީ ޝަރީޢަތުގައިވާގޮތަށް" ކަން ކުރުމަށެވެ. އެހެންނަމަވެސް ރަދުންނަކަށް މި ގޮތެއް ކަމަކުނުދިޔައެވެ. މި ޙުކުމު އިއްވެވުމުން އަލްޤާޟީ ޙަސަން ޝީރާޒީ ގެ ގައިގައި ކަފަބަނދެ، ތެލުން ތެންމާ ފޯކުރުމަށްފަހު، އަލިފާންރޯކޮށް އަންދާލީއެވެ. އޭރު މަދީނާގެ މަޝްހޫރު ފަޤީޙު ސުލައިމާން ރާއްޖޭގައި ހުންނެވިއެވެ. އަދި އެކަމަށް ވަރަށް އިޢުތިރާޒުކުރެއްވިއެވެ. އެހެންނަމަވެސް ރަދުން އެ ނަޞޭޙަތަށް ދެއްވީ ބީރު ކަންފަތެކެވެ. ފަނޑިޔާރު މަނިކުފާނު ގައިގައި ރޯކޮށްލުމުން ދުވެވަޑައިގެން ގޮސް ވެއްޓުނު ތަނުގައި އެ މަނިކުފާނު ވަޅުލިއެވެ. އަދި އެތަނަކީ، ފަހުން އިރުވައި މާލޫދު ކިޔާ، ބޮޑު ދުންދޭ ޒިޔާރަތްތަކުގެ ތެރެއިން ޒިޔާރަތެއްކަމުގައި ކަނޑައެޅިއެވެ.

ރަދުންނަށް، އެ ބުނާ އާދަޔާ ޚިލާފު "ހޫނު ބަލި" ތަހައްމަލުކުރައްވަން ޖެހިވަޑައިގެންނެވީ ފަނޑިޔާރު ކަލޭގެފާނު އަނދާދިޔުމާއެކުއެކީގައެވެ. ހަދި ޙަސަން ރަސްގެފާނު ގާ ސަންދޯކަށް ލާންޖެހުނީވެސް، ކުރިން ދެންނެވި ފަދައިން، މި ހޫނެއްގެ ސަބަބުންނެވެ.

ތާރީޚުގައި ޙާޖީގެ ބަދަލުގައި "ހަދި" ބޭނުންކުރުމަކީ މާކުރިންވެސް ކުރަމުންދިޔަ ކަމެއްކަމުގައި މުއައްރިޚުން ބުނެއެވެ. އެހެން ނަމަވެސް ހަދި ރަސްގެފާނުގެ ނަންފުޅުގެ ކުރިއަށް މި އޮންނަ "ހަދި" އަކީވެސް، މި މައްސަލައިގައި ނުރުހިފައި ތިބި ދިވެހިން، އެފަދަ ނުބައި ވެރިއެއްގެ ނަމުގެ ކުރިއަށް "ޙާޖީ" އެ ލަޤަބު ބޭނުން ނުކުރާންވެގެން ކީ އެއްޗެއްކަމަށް ބައެއް ރިވާޔަތްތަކުގައިވެއެވެ. ބުރާރު މުޙައްމަދު ފުޅު ކިޔުއްވި ގޮތާ ހަވާލާދެއްވައި "ލޫކަސް" ޝައްމޫން ޖަލީލު ލިޔުއްވާފައިވެއެވެ.

"ދެން އާލާސްކަންފުޅު ދެތިންމަސްދުވަހަށް ދެމި އެ އާލާސްކަންފުޅުގައި ހަސަން ރަސްގެފާނު އަވަހާރަވެއްޖެޔޭ. އެރަސްގެފާނު ކުރެއްވި ކަންތަކާމެދު ތިބި މީހުން ނުގަބޫލުގާ "ހ" ކުރުކޮށްފާ "ޖ" (ޖީމު) ވީ ތަނަށް ދާލުލައިގެން އޭގެފަހުގައި ހަދި ހަސަން ރަސްގެފާނޭ ކިޔައެވެ. ދެބައިލަސްކަރީންނަށް ބެރުޖަހާ ދެބައިލަސްކަރީން އެއްކުރައްވާ ދެން ހަދި ހަސަން ރަސްގެފާނު ހިނަވާ ކަފުންކުރައްވާ ސަންދޯކުއަޅުއްވައިފިއެވެ."

ގާ ސަންދޯކަކީވެސް ހަމައެކަނި ޙަސަން ރަސްގެފާނަށް ޚާއްޞަ އެއްޗެއް ނޫނެވެ. ގާ ސަންދޯކުގެ އާދަކާދަ އާއި ތާރީޚަކީ އަދި ވަކި މަޒުމޫނަކަށް ފުދޭނެއެވެ. މާލެ ނޫން، އައްޑު އަތޮޅު މަރަދޫ އަދި ފުވައްމުލައް ފަދަ ތަންތަނުންވެސް ގާ ސަންދޯއް ފެނިފައި ހުރިކަމަށްވެއެވެ. އެހެންނަމަވެސް ގާ ސަންދޯކުގެ ތާރީޚާ ހަދި ހަސަން ރަސްގެފާނާ ޚާއްޞަ ގުޅުމެއް އޮންނަ ކަމާ ދެކޮޅުހެދޭކަށް ނެތެވެ. 2003 ވަނަ އަހަރުގެ ޑިސެންބަރު މަހު ޝާއިޢުކުރި "ފަތްތޫރަ" މަޖައްލާގެ 279 ވަނަ ޢަދަދުގައި "ގާ ސަންދޯކުގެ ޙަޤީޤަތް" މި މަޢުޟޫޢަށް، ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވި މަޒުމޫނެއްގައިވެއެވެ.

"ރަސްގެފާނު ވިދާޅުވިޔޯލައެވެ. ނަރަކަ ތިޔަ ބުނާހާ ހޫނިއްޔާ ބޮޑު ދަގަނޑު ގަނޑެއް ދޮންކޮށްފައި މަގޭ ފައިގައި ޖައްސާށެވެ. ޖެއްސީމާ ދިލަނަގާން ފަށައިފިއެވެ. ދެން ދަރިކަލުންނަށް ރަސްކަން ދެއްވައިފިއެވެ. މިކަމުން ދިލަމަޑުވިޔޯލައެވެ. ޢިއްޒަތުގައި ދަރިކަލުން ވަޑައިގަންނަވާތަން ބައްލަވަން ހުންނަވާފައި "މިއީ ދަރިޔަކަށްވެސް ދީގެން ހުރެވޭ ވަރު ކަމެއް ނޫނެވެ."އަނެއްކާވެސް ރަސްކަމަށް އިސްވެއްޖެއެވެ. ހަމައިސްވުމާއެކު ދިލަނަފަން ފަށައިފިއެވެ."

ވުޒާރަތުއްދާޚިލިއްޔާގެ ތާރީޚު ކޮމެޓީން ގާ ސަންދޯއް އިތުރަށް ބެލިބެލުމުން ފެނުނީ ދޮންވެލި އަޅައި ފުރާފައިވަނިކޮށްކަމަށް ޢަބްދުލްޙަކީމް ލިޔުއްވާފައިވެއެވެ. އަދި އެ ވެލިތައް ނެގުމުން ސަންދޯކުގެ ވަރަށް އަޑީގައި، ރީއްޗަށް ކުނިފިލިފާލައި ތިބި ދެމީހުން "ހަށަމަށް އަތްނާރުވާ" އޮތް ކަމުގައި ލިޔުއްވާފައިވެއެވެ.

ހަދި ހަސަން ރަސްގެފާނުގެ ވެރިކަމުގެ ތާރީޚުގައި އެންމެ މަޝްހޫރު ވާހަކައަކީ މިއީއެވެ. މި ވާހަކައާ ގުޅުވައިގެން މިސާލުބަސްވެސް ޖަހައި އުޅެއެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ތާރީޚުގައިވެސް ރައީސެއްގެ މައްޗަށް، ޢަދުލު އިންސާފުގެ ނިޒާމާ "ތޮޅުމުގެ" ތުހުމަތު ކުރެވޭ ދަނޑިވަޅުގައި އެއީ "ހަދި ހަސަން ރަސްގެފާނު" ހެދުން ކަމުގައި ބުނެއުޅެއެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ނުލަފާ އަނިޔާވެރި ވެރިން ސިފަކުރަންވެސް، ހަދި ހަސަން މަނިކުފާނާއި އެ ރަދުންގެ ވެރިކަމުން މިސާލު ނަގަމުންދެއެވެ.