2 ފެބުރުވަރީ 2023 - 08:19 1
ނާޒިމް ހަސަން
ކ. ތުލުސްދޫ: ޓޫރިސްޓް މަރުވި މައްސަލާގައި ކައްޕި ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު
2 ފެބުރުވަރީ 2023 - 08:19 1
ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅެނިކޮށް، ޑިންގީއަކުން ޖެހި ޓޫރިސްޓަކު މަރުވި މައްސަލާގައި އެ ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާގައި މަރުވެފައިވަނީ ޕޮލެންޑްއަށް ނިސްބަތްވާ 52 އަހަރުގެ ފިރިހެނެކެވެ. އޭނާ މޫދަށް އެރި އުޅުނީ ތުލުސްދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ކުޑަވިގިލި ކައިރީ އޮންނަ ކަނޑުއޮޅިއާ ދިމާއަށެވެ.
މި އެކްސިޑެންޓްގައި އޭނާގެ އެއް އަތް ބުރިވެ، ބަނޑު ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސް ގޮހޮރު ނުކުމެފައިވާ ކަމަށް އެނގިފައިވެ އެވެ. އޭނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ, ޓޫރިސްޓްގެ މަރުގެ މައްސަލާގައި ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ, 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ގޭބަންދުގައި ބަހައްޓަން 10 ދުވަސް ދީފަ އެވެ.
އެމީހާއަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާ ހިނގީ, އެނގިފައިވާ ގޮތުގައި ކަނޑުއޮޅިއާ ދިމާލުން ކޯމަސް އައިނެއް ދާން ފެށުމުން, ޓޫރިސްޓް އޭގެ ފޮޓޯ ނަގަން ބޭރަށް ނުކުތް ވަގުތެވެ. އޭނާގެ ގައިމަތިން ޑިންގީ ގޮސްފައިވާއިރު, އިންޖީނުގައި ޖެހި ޓޫރިސްޓަށް ފުން ޒަހަމްތަކެއް ލިބުނީ އެވެ.
އެކަން ހިނގުމާ އެކު އެންމެ ފުރަތަމަ ޓޫރިސްޓަށް އެހީވުމަށް ވެސް ދިޔައީ ޑިންގީ ކަމަށްވެ އެވެ. އެކަން ހިނގިއިރު މޫދަށް އެރި އާއި ގޮނޑުދޮށުގައި ގިނަ އަދަދެއްގެ މީހުން ތިއްބެވެ. ކަނޑުއޮޅިއަށް ނުކުތުމަކީ މަނާ ކަމަކަށްވާއިރު, އެކަން ޓޫރިސްޓަށް އެންގި ކަމަށް އޭނާ ހުރި ގެސްޓްހައުސްއިން މައުލޫމާތު ދީފައިވެ އެވެ.
ހާދިސާއަށްފަހު ޓޫރިސްޓްގެ ހަށިގަނޑު ވަނީ ގައުމަށް ގެންދިޔުމަށް ބޭނުންވާތީ މާލެ ގެނެސްފަ އެވެ. އެ ޓޫރިސްޓާ އެކު ރާއްޖެ އައި އޭނާގެ އަނބިމީހާގެ ހާލަތު ގޯސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
Comment