Advertisement

ރަޝިއާ އިން އޭއެފްސީއާ ގުޅުނަސް ސައުދީގެ ޝަކުވާއެއް ނޯންނާނެ

2 ފެބުރުވަރީ 2023 - 09:55 0


ރަޝިއާ އިން އޭއެފްސީއާ ގުޅުނަސް ސައުދީގެ ޝަކުވާއެއް ނޯންނާނެ

2 ފެބުރުވަރީ 2023 - 09:55 0

މަނަމާ، ބަހްރޭން (ފެބްރުއަރީ 2) - ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަކިވެ، ރަޝިއާ ފުޓްބޯޅަ ޔޫނިއަން، އޭޝިއާގެ މައި ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީއާ ގުޅުނު ނަމަވެސް ކަންބޮޑުވުމެއް ނެތް ކަަމަށް ސައުދީ އަރަބިއްޔާގެ ކުޅިވަރާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.

މިދިޔަ އަހަރު ރަޝިއާ އިން ޔޫކްރެއިނަށް އަރަަައި, ކުރަން ފެށި ހަނގުރާމައިގެ ސަބަބުން، ޔުއެފާ އިން އަންނަނީ ރަޝިއާ އަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ޔުއެފާ އިން އަޅާ ފިޔަވަޅުތަކާ ހެދި، ރަޝިއާގެ ގައުމީ ފުޓްބޯޅަ ޓީމާއި ރަޝިއާގެ ކްލަބްތަކަށް ގިނަ ގެއްލުންތަކެއް ވަމުންދާތީވެ، ދުރުރާސްތާ ވިސްނުމަކަށް ބަލައި، ރަޝިއާ އިން ޔުއެފާ އިން ވަކިވެ، އޭޝިއާއާ ގުޅުމުގެ ޝައުގުވެރިކަން ހުރި ކަމަށް، މިދިޔަ ޑިސެމްބަރު މަހު ރަޝިއާ އޮފިޝަލުން ވާހަކަ ދެއްކި އެވެ.

ދާދި ފަހުން، ރަޝިއާގެ ފުޓްބޯޅަ ޔޫނިއަންގެ ރައީސް އަލެކްސަންޑަ ޑްޔުކޯފް ވެސް ވަނީ އޭއެފްސީއާ ގުޅުމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އެ މީހުން ކުރިއަށްދާން ވިސްނާ މަގު ޗާޓަށް ބަލާއިރު، ރަނގަޅު ނިންމުމެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެ ބަހްރޭންގެ މަނަމާގައި ބޭއްވި އޭއެފްސީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން، ސައުދީ އަރަބިއްޔާގެ ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް-ފައިސަލް ވިދާޅުވީ ރަޝިއާ އިން އޭއެފްސީއާ ގުޅުމަކުން މައްސަލަ ޖައްސަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"މިކަމުގައި ފީފާ އާއި އޭއެފްސީގެ އިއުތިރާޒެއް ނެތި، މިއީ ކުރެވޭނެ ކަމެއްގެ ގޮތުގައި ދެކޭނަމަ މިކަން ކުރަންވީ. އެއީ މިކަން ވެއްޖެނަމަ މިއީ އޭޝިއާ ފުޓްބޯޅަ އަށް ވެސް ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމެއް،" ޕްރިންސް އަބްދުލް އަޒީޒް ވިދާޅުވި އެވެ.

ރަޝިއާ އިން އޭއެފްސީއާ ގުޅިއްޖެނަމަ، އޭޝިއާ ފުޓްބޯޅައިގެ ވޯލްޑް ކަޕް ކޮލިފައިންގެ ފޯރިގަދަވާނެ އެވެ. މީގެ އިތުރުން، ރަޝިއާގެ ކްލަބްތައް އޭޝިއާގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި ކުޅެން ފަށައިފިނަމަ، ޔޫރަޕްގެ ވަރުގަދަ ލީގުތަކާއި އޭޝިއާގެ ލީގުތައް ފައިތިލަ ހަމަކުރަން ކުރާ މަސައްކަތުގައި އޭޝިއާ އަށް ކުރިއަށް ފިޔަވަޅެއް އެޅޭނެ އެވެ.