Advertisement

ފިނޭންސްގެ ހުއްދަނެތި އާ މަގާމުތައް ނުއުފައްދަން އަންގައިފި

1 ފެބުރުވަރީ 2023 - 12:15 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ފިނޭންސްގެ ހުއްދަނެތި އާ މަގާމުތައް ނުއުފައްދަން އަންގައިފި

1 ފެބުރުވަރީ 2023 - 12:15 0

ފިނޭންސް މިނިސްޓަރީގެ ހުއްދަނެތި އާ މަގާމުތައް ނުއުފައްދަން ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާންގައި ވަނީ މި އަހަރުގެ ބަޖެޓު ތަންފީޒުކުރަން ހަރަދުތައް މިހާރަށްވުރެ ރަނގަޅަށް ހަމަޖެއްސުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކުން މަސައްކަތް ކުރުމަށް އަންގާ ކަމަށެވެ.

މާލިއްޔަތާ ބެހޭ ސާކިއުލާގައިވާ ގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއަށް އަމަލުކުރަން ޖެހެ އެވެ.

ފިނޭންސުން ބުނީ ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު، އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި ބަޖެޓްގައި ހިމަނާފައި އޮތަސް، މިހާރު ދޭން ފަށާފައި ނުވާ އާ އެއްވެސް އެލަވަންސެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އަހަރު ތެރޭގައި ނުދެވޭނެ ކަމަށެވެ.

ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް ވެސް އަންގާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި، ރާއްޖޭން ބޭރަށް ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް އަންގާފައިވެ އެވެ. އަދި ކުރާ ދަތުރުތަކުގެ ތެރެއިން ވައިގެ މަގުން ކުރާ 35،000 ރުފިޔާއަށް ވުރެ ދަށުގެ ދަތުރުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރިއަށް ގެންދަން އަންގާފައިވެ އެވެ.

އެއަށްވުރެ ބޮޑު ހަރަދެއް ކުރާ ނަމަ ސީދާ ފިނޭންސް މިނިސްޓްރީގެ ހުދަ ހޯދުމަށް ވެސް ސަރުކާރުގެ އިދާރާތަކަށް އަންގާފައިވާ ކަމަށް ފިނޭސް މިނިސްޓަރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން، އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދެވޭނެ އެވެ. އަދި ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދެވޭނެ އެވެ.

އޭގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ މަރާމާތުތައް ވެސް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވެ އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާ ބަޖެޓުން މި އަހަރު މިހާތަނަށް ވަނީ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.