Advertisement

އިނގިރޭސި ލީގުގެ ރެކޯޑް އަގެއްގައި އެންޒޯ ޗެލްސީ އަށް، ލޯން ޑީލެއްގައި ސަބިޓްޒާ ޔުނައިޓެޑަށް

1 ފެބުރުވަރީ 2023 - 10:10 0

ޗެލްސީން ގަތް އެންޒޯ (ވ) މެންޗެސްޓާ ޔުނައިޓެޑުން ގެނައި ސަބިޓްޒާ


އިނގިރޭސި ލީގުގެ ރެކޯޑް އަގެއްގައި އެންޒޯ ޗެލްސީ އަށް، ލޯން ޑީލެއްގައި ސަބިޓްޒާ ޔުނައިޓެޑަށް

1 ފެބުރުވަރީ 2023 - 10:10 0

ލަންޑަން (ފެބްރުއަރީ 1) - އިނގިރޭސި ލީގުގެ ރެކޯޑް އަގެއްގައި ޗެލްސީން ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް ގަންނަން އެއްބަސްވުމަކަށް އައިއިރު، ލޯން ޑީލެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.

މިދިޔަ މަހު ނިމުނު ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި، އެންޒޯ، 21، ގަންނަން ޗެލްސީން ކުރި މަސައްކަތް ހުއްޓައިނުލައި، އެކަން ކާމިޔާބުކުރީ ޓްރާންސްފާގެ ފަހު ވަގުތުގަ އެވެ. ޗެލްސީން ވަނީ އެންޒޯ ގަންނަން ދައްކަން ޖެހޭ 130 މިލިއަން ޑޮލަރު ދޭން އެއްބަސްވެފަ އެވެ. މިއީ އެއް ކުޅުންތެރިއަކަށް އިނގިރޭސި ކްލަބަކުން ކުރާ އެންމެ ބޮޑު ހޭދަ އެވެ.

މީގެ ކުރިން އެންމެ އަގުބޮޑުކޮށް އިނގިރޭސި ކްލަބަކުން ސޮއިކުރި ކުޅުންތެރިއަކީ، 2021 ވަނަ އަހަރު އެސްޓަން ވިލާ އިން މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޖެކް ގްރީލިޝް އެވެ. ގްރީލިޝްގެ ސޮއި ސިޓީން ހޯދީ 120 މިލިއަން ޑޮލަރު ދީފަ އެވެ.

އެންޒޯ ވެގެންދާނީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޗެލްސީން ގަތް އަށް ވަނަ ކުޅުންތެރިޔާ އަށެވެ. ޗެލްސީ ހިންގުމާ މި ސީޒަނުގައި ހަވާލުވި، އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، އެ ކްލަބުން ވަނީ ޖުމްލަ އެކު، 600 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާ ކުޅުންތެރިން ހޯދަން ހަރަދުކޮށްފަ އެވެ.

ޖެނުއަރީ މަހު އެންޒޯގެ ކުރިން، ޗެލްސީއާ ގުޅުނު ކުޅުންތެރިންނަށް ބަލާއިރު، ޝަކްޓާ ޑޮނެސްކްގެ މިކައިލޯ މުޑްރިކް، މޮނާކޯގެ ބެނޮއިޓް ބާޑިއަޝައިލް، މޯލްޑާގެ ޑާޓްރޯ ޑޭވިޑް ފޮފާނާ، ވަސްކޮޑަގަމާގެ އަންޑްރޭ ސަންޓޯސް، ޕީއެސްވީގެ ނޯނީ މަޑުއޭކޭ، ލިޔޯންގެ މާލޯ ގަސްޓޯގެ އިތުރުން ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑްގެ ޔާއޯ ފެލިކްސް އެވެ.

ޔުނައިޓެޑުން ސަބިޓްޒާ ގެންނަން ނިންމި އެންމެ ބޮޑު ސަަބަބަކީ އެ ޓީމަށް ކުޅެމުން އައި ކްރިސްޓިއަން އެރިކްސަންގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ.

އެރިކްސަންގެ އަނިޔާގެ ވާހަަކަ މީޑިއާ އަށް ހިއްސާ ކުރުމަށް ފަހު، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ބަދަލުގައި ކުޅުންތެރިއަކު ހޯދުމަކީ ފަސޭހައިން ވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު، ޓެން ހާގް އެ ވާހަކަ ދެއްކިތާ، ފަސް ގަޑިއިރު ވެސް ނުވަނީސް ޔުނައިޓެޑުން ވަނީ ފަސް މިިލިއަން ޑޮލަރު ލޯން ފީއެއްގެ ގޮތުގައި ދައްކައި، ބަޔާނަށް ކުޅެމުން އައި ސަބިޓްޒާ، 28، ލޯން ޑީލެއްގައި ގެންނަން ނިންމައިފަ އެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގު ދޫކޮށް، 2021 ވަނަ އަހަރު ބަޔާނަށް ބަދަލުވި ސަބިޓްޒާ އަށް ގަވާއިދުން އެ ޓީމުގައި ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. މިހާތަނަށް ބަޔާން ޖޯޒީގައި ސަބިޓްޒާ ކުޅެފައިވަނީ 54 މެޗެވެ.