Advertisement

އެންޒޯ ހޯދަން ޗެލްސީން ކުރާ މަސައްކަތް ހުއްޓައެއްނުލާ

24 ޖަނަވަރީ 2023 - 12:31 0


އެންޒޯ ހޯދަން ޗެލްސީން ކުރާ މަސައްކަތް ހުއްޓައެއްނުލާ

24 ޖަނަވަރީ 2023 - 12:31 0

ލިސްބަން، ޕޯޗުގަލް (ޖެނުއަރީ 24) - ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް ހޯދުމުގެ މަސައްކަތް އަނެއްކާ ވެސް ޗެލްސީ އިން ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ނިމުނު ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި އެންޒޯ އަކީ ޖެނުއަރީ ޓްރާންސްފާ ފެށުނުއިރު ޗެލްސީ އިން ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކުޅުންތެރިޔާ އެވެ.

އެންޒޯ، ހޯދުމަށް ޗެލްސީ އިން ބޮޑު ބިޑެއް ތައްޔާރުކުރި ކަމަށް މީޑިއާތަކުން މި މަހުގެ ކުރީކޮޅު ރިޕޯޓްކުރިއިރު ބެންފީކާ އިން އޭރު ވަނީ ޗެލްސީ އިން "އޮޅުވާލައިގެން" އެންޒޯ ގެންދަން އުޅޭ ކަމަށް ބުނެފަ އެވެ.

އެންޒޯ، 21، ހޯދަން ޗެލްސީ އިން އަނެއްކާވެސް މަސައްކަތް ފަށާފައިމިވަނީ އެ ކުލަބުގެ ނަތިޖާތައް ރަނގަޅު ނުވެ، މިޑްފިލްޑްލައިނުގެ ކުޅުންތެރިންނަށް ކޯޗު ގްރަހަމް ޕޮޓާގެ އިތުބާރު ގެއްލެން ފެށުމުންނެވެ. ޕޮޓާގެ ފުރަތަމަ އެގާރަ ޔަގީންވާ އެއްވެސް މިޑްފިލްޑަރެއް މި ވަގުތު އެ ޓީމްގައި ފިޓުކޮށް ނެތެވެ. އެންމެ އިތުބާރު މިޑްފިލްޑަރު އެންގޯލޯ ކާންޓޭ އަށް އަނިޔާވުމުގެ ސަބަބުންވެސް އެ ޓީމަށް މިޑްފިލްޑަރެއް ބޭނުންވާ ކަމަށް ކޯޗު ޕޮޓާ ކުރިން ފާހަގަކުރި އެވެ.

އެންޒޯ ގަންނަން ޗެލްސީ އިން ނިންމައިފި ނަމަ އޭނާ އަށް 138 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ އެވެ. ބެންފީކާ އިން ތިބީ އެންޒޯ ވިއްކާލާ އަގު ކުޑަކުރާ ކަހަލަ ވިސްނުމެއްގަ އެއް ނޫނެވެ. އަނެއްކޮޅުން، އެންޒޯ ވަނީ އެކި ފަހަރު މަތިން ޗެލްސީ އަށް ދާން ބޭނުންވާ ކަމުގެ އިޝާރާތްތަކެއް ދީފަ އެވެ.

އެންޒޯ ޗެލްސީ އަށް ދާން ބޭނުންވެގެން ވޯލްޑް ކަޕްގެ ޗުއްޓީއަށް ފަހު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ ދުވަސްކޮޅަކު މަޑުކުރި އެވެ. ނަމަވެސް ބެންފީކާ އިން އެންޒޯ އަށް ފިޔަވަޅު އަޅާނެ ކަމަށް ބުނުމުން އެނބުރި ޓީމާ ގުޅުނީ އެވެ.

ބެންފީކާ އިން ބޭނުންވަނީ މި ސީޒަންގެ ނިޔަލަށް އެންޒޯ އެ ކުލަބުގައި މަޑުކުރާށެވެ. އޭގެ ފަހުން، އެންޒޯ ގެންދަން ބޭނުންވާ ކުލަބަކުން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ އޭނާ ވިއްކާލަން ބެންފީކާ އޮތީ ތައްޔާރަށެވެ.

އެންޒޯ ނުލިބިއްޖެ ނަމަ ޗެލްސީ އިން ދެން ގެންނަން މަސައްކަތް ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަނީ ބްރައިޓަންގެ އެލެކްސިސް މެކެލިސްޓާ ނޫނީ މޮއިސެސް ކައިސޭޑޯ އެވެ.

ފިނި މޫސުމުގެ ޓްރާންސްފާ ފެށިއިރު އެންޒޯ ހޯދުމުގެ ރޭހަށް ހަތަރު ކުލަބަކުން ވަނެވެ. އެއީ ޗެލްސީއާ އެކު ޕްރިމިއާ ލީގުގައި ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް އަދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.

އެންޒޯ ގެންދަން ބޭނުންވެގެން އުޅޭ ޗެލްސީ އަކީ ޖެނުއަރީ ޓްރާންސްފާގައި އެންމެ ބޮޑު ހޭދައެއް ކުރި ކުލަބެވެ. އެޓީމުން ވަނީ ހަ ކުޅުންތެރިއަކަށް 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ހޭދަކޮށްފަ އެވެ.

އޭގެ ތެރޭގައި 108 މިލިއަން ޑޮލަރަށް އެ ޓީމާ ގުޅުނު ޔޫކްރެއިންގެ މިކައިލޯ މުޑްރިޗް އާއި މޮނާކޯ އިން ގަތް ޑިފެންޑަރު ބެނޮއިޓް ބާޑިއަޝިލް ހިމެނެ އެވެ. މީގެ އިތުރުން އައިވަރީ ކޯސްޓްގެ ފޯވާޑް، ޑޭވިޑް ޑަޓްރޯ ފޮފާނާ، ބްރެޒިލްގެ ވަސްކޮޑަ ގަމާ އިން ގަތް މިޑްފީލްޑަރު އަންދްރޭ ސަންޓޯސް، ޕީއެސްވީ އިން ގެނައި ނޮނީ މަޑުއެކޭ އަދި އަދި ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ގެނައި ފޯވާޑް، ޔާއޯ ފެލިކްސް ހިމެނެ އެވެ.