Advertisement

ޝަރީއަތް ލައިވް ކުރުމަށް ނިޝާނާއި ފަޒްލޫން އެދިއްޖެ

1 ފެބުރުވަރީ 2023 - 10:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝައިހް ނިޝާން އަދި ޝައިހް ފަޒްލޫން ކްރިމިނަލް ކޯޓުގައި؛ ޝަރީއަތް ލައިވްކޮށްދިނުމަށް ދެ އިލްމުވެރިންގެ ފަރާތުން އެދުނު


ޝަރީއަތް ލައިވް ކުރުމަށް ނިޝާނާއި ފަޒްލޫން އެދިއްޖެ

1 ފެބުރުވަރީ 2023 - 10:04 0

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކޮށްދިނުމަށް، އެ ދެ އިލްމުވެރިންގެ ފަރާތުން އެދިއްޖެ އެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި ޔޯގާ ހަރަކާތް ހުއްޓުވަން، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި އެ ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި، ދެ އިލްމުވެރިން ވަޑައިގަތީ ވަކީލަކު ނެތި އެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވުމުން އެ ކަމަށް ފުރުސަތު ދީފައި، އެ ދުވަހުގެ އަޑުއެހުން ނިންމާލި އެވެ.

މިއަދުގެ އަޑުއެހުމަށް ދެ އިލްމުވެރިން ވެސް ތަމްސީލު ކުރުމަށް ދިފާއީ ވަކީލެއްގެ ގޮތުގައި، ހާޒިރުވީ ވަކީލު އަލީ ސައީދެވެ. އޭނާ ދެ ކަމަކަށް ޝަރީއަތުގައި އެދިވަޑައިގަތެވެ. ފުރަތަމަ ކަމަކީ، ޝަރީއަތް ލައިވް ކޮށްދިނުމެވެ. ދެވަނަ ކަމަކީ، އޭނާ އައްޔަންކުރީ މިއަދު ކަމަށްވާތީ ލިޔެކިއުންތައް ދިރާސާކުރުމަށް ފުރުސަތެއް ދިނުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ޝަަރީއަތް ލައިވް ކުރުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ. ދެން އަޑުއެހުމެއް ބޭއްވޭނީ އަންނަ މާޗު މަހުގެ ތެރޭގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އަދި، ދައުވާތަކާ ގުޅުން ހުރި ލިޔެކިއުންތައް ދިރާސާކޮށް ދައުވާތަކަށް ޖަވާބުދާރީވުމަށާއި ދިފާއީ ހެކި ހުށަހަޅަން ބޭނުންވާނަމަ އެ ކަމަށް ވެސް ދެން އޮންނަ އަޑުއެހުމަކަށް ތައްޔާރުވެގެން އައުމަށް ދިފާއީ ވަކީލަށް ގާޒީ ފާއިޒު އެންގެވި އެވެ.

ތަހުގީގު މަރުހަލާގައި ފަޒްލޫނާއި ނިޝާން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.