Advertisement

މި ފަހަރު ފެންމުތުގެ ޝަރަފް ހޯދީ މެރާލް އާއި އިމްއާން އަށް

29 ޖަނަވަރީ 2023 - 13:32 0


މި ފަހަރު ފެންމުތުގެ ޝަރަފް ހޯދީ މެރާލް އާއި އިމްއާން އަށް

29 ޖަނަވަރީ 2023 - 13:32 0

ޗެމްޕިއަން އޮފް ޗެމްޕިއަންސް 2023ގެ ފެތުމުގެ މުބާރާތުގެ އެންމެ މޮޅު ފެތުންތެރިޔާ އަށް ދޭ ފެންމުތުގެ ޝަރަފް އަލީ އިމްއާން އާއި މެރާލް އައިން ލަތީފް ހޯދައިފި އެވެ.

މި މަހުގެ 25-28 އަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ ޗެމްޕިއަން އޮފް ޗެމްޕިއަންސް ގައި ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ މުބާރާތްތަކުގެ ކޮންމެ އިވެންޓަކުން ވެސް އެންމެ މޮޅު އަށް ފެތުންތެރިންނެވެ. އެ ގޮތުން އަންހެން އަދި ފިރިހެން ފެތުންތެރިން އެއްކޮށް ޖުމްލަ 48 ފެތުންތެރިއަކު ވަނީ މުބާރާތުގައި ވާދަކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފެތުންތެރިޔާ ހޮވާފައިވަނީ މުބާރާތުގައި ކޮންމެ ކުއްޖަކު ވެސް ފަތާ އިވެންޓުތަކުން ޕޮއިންޓް ދީގެންނެވެ. އެ ގޮތުން ފިރިހެން ބައިން އެންމެ ގިނަ ޕޮއިންޓު ހޯދައި ފެންމުތުގެ ޝަރަފު ހޯދީ އިމްއާން އެވެ.

އިމްއާން ވަނީ ވާދަކުރި އަށް އިވެންޓުގެ ތެރެއިން މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ފްރީސްޓައިލް، 200 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިން އެއް ވަނަ ހޯދައިފަ އެވެ. ދެން ވާދަކުރި 50 މީޓަރު ފްރީސްޓައިލް އަދި 50 މީޓަރު ބަޓަފްލައި އިން އޭނާ އަށް ލިބުނީ ދެ ވަނަ އެވެ.

އަންހެން ބަޔަށް ބަލާއިރު އެއް ވަނަ ހޯދި މެރާލް ވަނީ 400 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބަޓަފްލައި، 100 މީޓަރު ބަޓަފްލައި، 200 މީޓަރު ބަޓަފްލައި، 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިން އެއް ވަނަ ހޯދައިފަ އެވެ. އޭގެ އިތުރުން ދެ އިވެންޓަކުން ދެ ވަނަ އަދި އެއް އިވެންޓުން އޭނާ އެއް ވަނަ ހޯދި އެވެ.

މިއީ މެރާލް އަދި އިމްއާން، ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމް ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވި ދެ ފަހަރުވެސް އެންމެ މޮޅު ފެތުންތެރިންގެ މަގާމް ހޯދީ ތަފާތު ހަތަރު އެތުލީޓުންނެވެ. ފުރަތަމަ މުބާރާތުގެ އެއް ވަނަ މުހައްމަދު އާން ހުސައިން އާއި ހަމްނާ އަހްމަދު ހޯދިއިރު، މިދިޔަ އަހަރުގެ މުބާރާތުގެ މޮޅު ފެތުންތެރިންނަށް ހޮވުނީ މުހައްމަދު ރިހާން ޝިހާމް އާއި އައިޝަތު ސައުސަން އެވެ.

މި ފަހަރު އެންމެ މޮޅު ފެތުންތެރިޔާގެ މަގާމް ހޯދި އިމްއާން އަކީ ދުނިޔޭގެ ފެތުމުގެ ޖަމިއްޔާ (ފީނާ) އިން ދީފައިވާ ސްކޯލަޝިޕެއްގައި ތަމްރީން ހަދަމުން އަންނަ އެތުލީޓެކެވެ.

ތޭރަ އަހަރުގެ މެރާލް އަކީ މިވަގުތު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެއް އަންހެން އެތުލީޓެވެ. އޭނާ ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 100 މީޓަރުގެ ބަޓަފްލައި އިވެންޓުގެ ލޯންގް ކޯސްގައި ވާދަކޮށް ރާއްޖޭގެ 18 އަހަރުވީ ގައުމީ ރެކޯޑް މުގުރާލާފަ އެވެ.

ޗެމްޕިއަން އޮފް ޗެމްޕިއަންސް 2023ގެ އިވެންޓުތައް ކުރިއަށް ގެންދިޔައީ ހަވީރު ހީޓު ބައި ކުރިއަށް ގެންދިޔުމަށްފަހު ފައިނަލްތައް ރޭގަނޑު ކުރިއަށްދާ ގޮތަށެވެ. މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު ފެތުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހުޖޫބު ސުޖާއު އެވެ.