Advertisement

ޕެޑްރީގެ ގޯލުން މޮޅުވެ ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

29 ޖަނަވަރީ 2023 - 01:33 0

ާބާސެލޯނާ އަށް ގޯލު ޖަހައިދިނުމަށް ފަހު ޕެޑްރީ އުފާފާޅުކުރަނީ.


ޕެޑްރީގެ ގޯލުން މޮޅުވެ ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

29 ޖަނަވަރީ 2023 - 01:33 0

މެޑްރިޑް (ޖެނުއަރީ 28) - ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުން ޕެޑްރީ ގޮންޒާލޭޒްގެ ގޯލުން 1-0 އިން ޖިރޯނާ އަތުން މޮޅުވެ، ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ބާސެލޯނާ އިން އެއް ވަނައިގައި ލީޑުފުޅާކުރީ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބާސެލޯނާ އަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ރެއާލް އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލުން ލީގުގައި ދެން ކުޅޭ މެޗުގައި މާދަމާރޭ ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ. ސޮސިއެޑާޑް، ލީގުގެ ތިން ވަނައިގައި އޮތީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.

ޖިރޯނާގެ ދަނޑު އެސްޓަޑީ މުނިސިޕަލް ޑި މޮންޓިލީވީގައި މިރޭ ކުޅުނު މެޗުގައި ބާސެލޯނާ އަށް މައްސަލަ ދިމާވީ ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން އޮސްމާން ޑެމްބެލޭ ބަދަލުކުރަން ޖެހުމުންނެވެ. ޑެމްބެލޭ ފަހަކަށް އައިސް ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ޑެމްބެލޭގެ ބަދަލުގައި 26 ވަނަ މިނިޓްގައި ކުޅެން ނުކުތީ ޕެޑްރީ އެވެ. މިއީ އުމުރުން 20 އަހަރުގެ ޕެޑްރީ ބާސެލޯނާ އަށް ކުޅެދިން 100 ވަނަ މެޗެވެ.

ސަސްޕެންޝަނުގެ ސަބަބުން ބާސެލޯނާ ރޮބަޓް ލެވަންޑޯސްކީ މި މެޗުގައި ވެސް ނުކުޅެވޭއިރު، މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ބާސެލޯނާގެ ޖޯޑީ އަލްބާ ނެގި ހުރަހެއް، ޖިރޯނާ ކީޕަރު ޕައޮލޯ ގަޒަނީގާ އަތުގައި ޖެހިފައި ގޯލު ކުރިމަތިން ޕެޑްރީ އަށް ލިބުމުން އޭނާ ވަނީ ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ފަހަރު ލީގުގައި ޕެޑްރީ ޖެހި ފަސް ވަނަ ގޯލެވެ.

މެޗުގެ ފަހު ކޮޅުގައި ނަތީޖާ ހަމަހަމަކުރަން ޖިރޯނާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން އެންމެ ހުސް ފުރުސަތު ލިބުނީ އިވާން މާޓިން އަށެވެ. ކުޑަ އޭރިއާ ރޮނގުމަތީގައި މުޅިން ހުސްކޮށް ހުއްޓައި، އިވާން މާޓިން އަށް ލިބުނު ފުރުސަތުގައި ބޯޅަ އެއް ފަހަރުން ގޯލަށް ފޮނުވާލަން އުޅުމުން، އޭނާ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.