Advertisement

ސަޕޯޓަރުންނާ ހެދި ބާސެލޯނާ 33000 ޑޮލަރުން ޖޫރިމަނާކޮށްފި

19 އޭޕްރީލް 2024 - 15:24 0


ސަޕޯޓަރުންނާ ހެދި ބާސެލޯނާ 33000 ޑޮލަރުން ޖޫރިމަނާކޮށްފި

19 އޭޕްރީލް 2024 - 15:24 0

ޕެރިސް (އޭޕްރީލް 19) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެއް ފެނުމުން، ޔުއެފާ އިން ބާސެލޯނާ 33000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

މީގެ ހަފްތާއެއް ކުރިން ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބާސެލޯނާ ވަނީ 3-2 އިން މޮޅުވެފަ އެވެ. ދެ ވަނަ ލެގުގައި ޕީއެސްޖީން ވަނީ ބާސެލޯނާ ދަނޑުގައި 4-1 އިން މޮޅުވެ، ސެމީ އަށް ދަތުރުކޮށްފަ އެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުުނު މެޗުގައި ބާސެލޯނާގެ ސަޕޯޓަރުން ވަނީ ދަނޑުތެރޭގައި ޕީއެސްޖީގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. މީގެ އިތުރުން، ދަނޑަށް އަލިފާން ބޯޅަ އެއްލުމާއި ޕީއެސްޖީގެ ދަނޑަށް ގެއްލުން ވެސް ދީފައިވެ އެވެ.

ރަސްމީ ސިފައެއްގައި ޕީއެސްޖީން މި މައްސަލަ ޔުއެފާ އަށް ހުށަހަޅާފައިނުވި ނަަމަވެސް، މި ކަންކަން ޔުއެފާގެ ސަމާލު ކަމަށް އައުމާ އެކު، ވަނީ އެ ކަން ބަލައިފަ އެވެ. އެ ގޮތުން، ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ، ބާސެލޯނާ 33000 ޑޮލަރުން ޖޫރިމަނާ ކުރުމަަށެވެ.

މީގެ އިތުރުން، ޔުއެފާ މުބާރާތްތަކުގައި ބާސެލޯނާ އިން ދެން ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ކަމެއް ކޮށްފިނަމަ، ރަށުންބޭރުގައި ކުޅޭ އެއް މެޗަށް ސަޕޯޓަރުން ނުވެއްދޭ ގޮތަށް ސަސްޕެންޑްވާނެ އެވެ. ޕީއެސްޖީގެ ދަނޑަށް ލިބުނު ގެއްލުންތަކުގެ ކަންކަމާ ގުޅޭގޮތުން، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޕީއެސްޖީއާ މަޝްވަރާކޮށް ގޮތެއް ނިންމަން ވެސް ޔުއެފާ އިން ވަނީ ބާސެލޯނާ އަށް އަންގައިފަ އެވެ.