Advertisement

އެންމެ ބޮޑު ތިން ސިޓީގެ މެޖޯރިޓީ ރައީސް ސޯލިހަށް

28 ޖަނަވަރީ 2023 - 22:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނު ވަނީ މިއަދު ބޭއްވި ޕްރައިމަރީގައި އެންމެ ބޮޑު ތިން ސިޓީގެ މެޖޯރިޓީ ހޯއްދަވާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެންމެ ބޮޑު ތިން ސިޓީގެ މެޖޯރިޓީ ރައީސް ސޯލިހަށް

28 ޖަނަވަރީ 2023 - 22:12 0

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތިން ސިޓީގެ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދަވައިފި އެވެ.

ރައީސް ސޯލިހު ވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މެޖޯރިޓީ ހޯއްދަވާފަ އެވެ. ވާދަވެރި ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ކާމިޔާބުކުރެވުނީ ކުޅުދުއްފުށި ސިޓީ އެވެ.

ވެރިކަންކުރާ މާލެ ސިޓީގެ ނަތީޖާއަށް ބަލާއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 1719 ވޯޓެވެ. އަދި ނަޝީދަށް ލިބިވަޑައިގަތީ 1602 ވޯޓެވެ. މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މާލޭގެ މެޖޯރިޓީ ހޯއްދެއްވީ ނަޝީދު ތާއިދުކުރެއްވި ކެންޑިޑޭޓު އިމްތިޔާޒު ފަހުމީ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީއިން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 2461 ވޯޓެވެ. އައްޑޫއިން ނަޝީދަށް ލިބިވަޑައިގަތީ 2147 ވޯޓެވެ. ޗެއާޕާސަން އިންތިހާބުގައިވެސް އައްޑޫ ކާމިޔާބު ކުރެއްވީ ރައީސް ސޯލިހު ތާއީދުކުރެއްވި ކެންޑިޑޭޓު އަދި މިހާރު ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.

ފުވައްމުލަކު ސިޓީއިން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 773 ވޯޓެވެ. ނަޝީދަށް އެ ސިޓީއިން 699 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދުގެ ޓީމުން ކެމްޕޭނު ތެރޭގައި އެންމެ ޔަގީންކަމާއެކު ނަންގަވާނެ ސިޓީކަމަށް ވިދާޅުވީ ފުވައްމުލަކު ސިޓީ އެވެ.

ނަޝީދު ކާމިޔާބުކުރެއްވި ހަމައެކަނި ސިޓީ ކަމަށްވާ ކުޅުދުއްފުށީ ސިޓީއިން އެމަނިކުފާނަށް ލިބިވަޑައިގަތީ 245 ވޯޓެވެ. ރައީސް ސޯލިހަށް އެ ސިޓީއިން ލިބިވަޑައިގަތީ 219 ވޯޓެވެ. ކުޅުދުއްފުށީ ސިޓީގެ މާލޭ ވޯޓުފޮށްޓައް އަތޮޅުގެ އެހެން ދާއިރާތަކުގެ މެންބަރުންވެސް ވޯޓުލާގޮތަށް އިންތިޒާމުކުރެވިފައިވުމާއެކު، މި ހަބަރުގައި ހިމަނާލާފައި މިވަނީ ކުޅުދުއްފުށީގައި ބެހެއްޓުނު ފޮށިން ލިބުނު ވޯޓުގެ އަދަދެވެ.

މިއަދުގެ ޕްރައިމަރީގައި ވޯޓުލީ އެއް ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓެއްގެ ނަތީޖާ "އަދަދު" އިން ގެނެސްދީފައިވާއިރު 61 އިންސައްތަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ރައީސް ސޯލިހެވެ. ނަޝީދަށް ލިބިވަޑައިގަތީ ޖުމްލަ ވޯޓުގެ 39 އިންސައްތަ އެވެ.