28 ޖަނަވަރީ 2023 - 16:48 0
މުހައްމަދު ޝަހްޒާން
28 ޖަނަވަރީ 2023 - 16:48 0
ގަދަކަމުން ވެރިވެގަނެފައިވާ އިރުމަތީ ގުދުސްގެ އިތުރު ބިތުގައި ހުންނަ ފައްޅިއެއްގެ ކައިރީގައި އިއްޔެ ދިން ބަޑީގެ ހަމަލާއެއްގައި އިޒްރޭލުގެ ހަތް މީހަކު މަރުވެ އިތުރު ދިހަ މީހަކު ޒަހަމުވެއްޖެ އެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ބަޑީގެ ހަމަލާ ދީފައި ވަނީ ޔަހޫދީން ފައްޅިއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތެއްގެ ބޭރުގަ އެވެ. އެ ހަމަލާ ދިން މީހާ އެ ސަރަހައްދަށް ގޮސްފައި ވަނީ ކާރެއްގައި ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.
"އިރުމަތީ ގުދުސްގެ އުތުރު ބިތުގައި ހުރި ފައްޅިއެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ކައިރިއަށް ހަމަލާ ދިން މީހާ ކާރެއްގައި އައިސް ބަޑި ޖެހީ،" އިޒްރޭލު ފުލުހުން ބުނެފައިވެ އެވެ.
ހަމަލާ ދިނުމަށްފަހު، ހަމަލާ ދިން މީހާ ވަނީ ފައިމަގުގައި އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އިޒްރޭލު ފުލުހުން ވަނީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އެ ހަމަލާ ދިން މީހާ ހޯދައި އޭނާ ގަޔަށް ބަޑި ޖަހައި މަރާލާފަ އެވެ. އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރި އިރު އެ ހަމަލާ ދިނުމަށް ބޭނުންކުރި ބަޑި ފެނިފައިވާ ކަމަށް އިޒްރޭލު ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.
މި ހަމަލާ ދީފައި މިވަނީ ހުޅަނގު ޖެނިންގައި އިޒްރޭލު ސިފައިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ދިހަ މީހުން މަރާލިތާ އެއް ދުވަސް ފަހުންނެވެ. އެއީ މިފަހުގެ ތާރީހެއްގައި ފަލަސްތީނުން ކޮންޓުރޯލު ކުރާ ސަރަހައްދެއްގައި އިޒްރޭލުން ހިންގި އެންމެ ބޮޑު ގަތުލުއާންމެވެ.
ގަދަކަމުން ވެރިވެގަނެފައިވާ ގުދުސްގައި ދިން ބަޑީގެ ހަމަލާއާ ގުޅިގެން އެމެރިކާގެ ވައިޓު ހައުސްއިން ބަޔާނެއް ވެސް ނެރެފަ އެވެ. އެ ހަމަލާ އެމެރިކާގެ ރައީސް، ޖޯ ބައިޑެން ކުއްވެރި ކުރައްވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖޯ ބައިޑެންގެ ނެޝަނަލް ސެކިއުރިޓީ ޓީމަށް އިރުޝާދު ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ފަލަސްތީނުގެ ވެރިކަން ކުރަމުން އައި ގުދުސްގައި އިޒްރޭލު މީހުން ވަޒަންވެރިވެފައި ވަނީ އެ ސިޓީއަށް ގަދަމުން އަރައި އެތަން ހިދުމަށްފަހު 1967 ވަނަ އަހަރު އެވެ. ގުދުސްގެ ހުޅަނގާއި އިރުމަތީ ބިތުގައި ދިރިއުޅެމުންދާ އިޒްރޭލުގެ މީހުން އެތަނުގައި ވަޒަންވެރިވެ ދިރިއުޅެމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށެވެ.
ފާއިތުވި މަހެއްހައި ދުވަސް ތެރޭގައި އެކަނިވެސް އިޒްރޭލުގެ ފައުޖުތަކުން ވަނީ ފަލަސްތީނުގެ 30 މީހުން މަރާލާފަ އެވެ.
ހުސްވި އަހަރަކީ މިފަހުގެ ތާރީހުގައި ވެސް ހުޅަނގާއި އިރުމަތީ ގުދުސްގައި އެންމެ ގިނަ އަދަދަކަށް ފަލަސްތީނު ރައްޔިތުން މަރާފައިވާ އަހަރެވެ.
މިދިޔަ އަހަރު އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 220 މީހުން މަރާލާފައިވެ އެވެ. އޭގެތެރޭގައި 48 ކުޑަކުދިން ހިމެނެ އެވެ.
Comment