Advertisement

އެ ބުނާ ހަވަރަކީ ކޮބާ؟

27 ޖަނަވަރީ 2023 - 09:13 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


އެ ބުނާ ހަވަރަކީ ކޮބާ؟

27 ޖަނަވަރީ 2023 - 09:13 0

"ހަވަރު" މި ލަފުޒު އަޑު އިވޭއިރަށް އެންމެ ފުރަތަމަ ވެސް ހަނދާންވަނީ ހަވަރަށް ދިނުމޭ ބުނާ ބުނުމެވެ. އޭރު އަހަރެން ހީކޮށްގެން ހުރީ ހަވަރަކީ ޖުމުލަކޮށް، ހުރިހާ ރައްޔިތުންނޭ ބުނަން ބޭނުންކުރާ ލަފުޒެއް ކަމަށެވެ. ހީތައް ޔަޤީނަށް ހެދުމުގެ ބޭނުުމުގައި ބަސްފޮތް ހުޅުވާލީ މާ ފަހުންނެވެ. ކަމަކު ދާކަށް ނެތެވެ. ހަވަރަކީ ރައްޔިތުންނެއް ނޫނެވެ. އެއީ ރަދުންގެ ލަޝްކަރަށް ކިޔާ ނަމެވެ. ރަދުންގެ ލަޝްކަރު ބެހޭ ހަ ވަރު ނުވަތަ ހަ "ރޭންކް" އަށް ނިސްބަތްކޮށްގެންނެވެ. "ހަ" އަދި "ވަރު" މި ދެ ނަން އެކުލެވިގެން އުފެދިފައިވާ ލަފުޒެކެވެ.

ދިވެހި ބަސްފޮތް "ހަވަރު" މާނަކުރަނީ "ރަދުންގެ ލަޝްކަރު"ގެ ގޮތުގައްޔާއި "ހަނގުބޭކަލުން ބެހިފައި އޮންނަ ހަ ބައި"ގެ ގޮތުގައެވެ. ހަވަރަށް ދިނުމަކީ ނުވަތަ ހަވަރަށް ދެއްވުމަކީ "ދައުލަތަށް ނުވަތަ ރަދުންނަށް ބޮޑުކުށެއް ކޮށްފި މީހަކަށް އަދަބު ދިނުމަށްޓަކައި، ޚާއްޞަގޮތެއްގައި ހަނގުބޭކަލުން ބޭނުން ކޮންމެ ގޮތެއް އެމީހާއަށް ހަދައިލުމަށް ރަދުން އެ މީހަކު އެ ބޭކަލުންނަށް ދެއްވުމެވެ." ހަވަރު އެއްކުރުމަށް ނުވަތަ ރަދުންގެ ލަޝްކަރު އެއްކުރުމަށް ޖަހާނީ ހަވަރުބެރެވެ. ބެރު ޖެހީމާ ނުވަތަ ހަވަރަށްގޮވީމާ ހާޒިރު ނުވާ މީހެއް ހުރިނަމަ، އެމީހެއްގަ އަތުން ފައިސާ އަތުލާނެއެވެ. މިއަށް ކިޔަނީ "ހަވަރުދުރޯ"އެވެ.

އަދި އިތުރު ތަފްޞީލަށް ދަމާ ބަހީއެވެ. ހަވަރުކަމުގައި ބެލެވޭ ހަ ބަޔަކީ ރަދުން ބަނޑުހަނޑޫދެއްވާފައިވާ ރަދުންގެ ލަޝްކަރެވެ. ބަނޑުހަނޑުލަކީ، ފޯޔަކު ބާރަ ނާޅީގެ މަގުން ރަދުން ހަނގުބޭކަލުންނަށް ދެއްވާ ހަނޑުލެވެ. މިބުނާ ހަ ވަރަކީ:

1. ދޮށިމޭނާވަރު ނުވަތަ އިސްވަރު (މި ވަރުގައި ތިބޭނީ ދޮށިމޭނާ ބޭކަލުން)

2. ހަކުރާވަރު (މިއީ ހަކުރާ ބޭކަލުން)

3. ވެލާނާވަރު (މިއީ ވެލާނާ ބޭކަލުން)

4. މާފަތްވަރު (މިއީ މާފަތް ބޭކަލުން)

5. ދަހަރާވަރު (މިއީ ދަހަރާ ބޭކަލުން)

6. ފާމުލަދޭރިވަރު (މިއީ ފާމުލަދޭރި ބޭކަލުން) ، މިއެވެ.

ބާބާގޭ ދޮންމަނިކާއި މޫސާޢަލީވެސް އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ދިވެހި ލަޝްކަރުގެ އޭރުގެ މައިގަނޑު ޒިންމާތަކަކީ، ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢުކުރުމާއި، ތިންރެއިން އެއް ރޭ ގަނޑުވަރު ތެރޭ ދަމަށް ދިއުމާއި، ރަދުން ރަސްމީ ޢިއްޒަތުގައި ވަޑައިގަންނަވާއިރު ސިލޭހަ ހިފައިގެން ރަސްމީ ހެދުމުގައި އެ ތަންތަނަށް ދިއުމާއި، ޢީދު ދުވަހު ހަވަރުން އުޟުހިޔާގެ ގޮތުގައި ކަތިލުމަށް ރަދުން ދެއްވާ ގެރި ނުވަތަ ހަވަރުގެރި ހިފުމާއި، ބޮޑު ގަނޑުވަރާއި މާލޭގެ ބުރުޒުތަކާއި އެފަދަ ތަންތަން ދޮވެ ހުނިލުމާއި، ކޮށީމީހުންނާއެކު ބޮޑު ބަޑި އުފުލުމާއި، ދާންކޮޅު ހިފުމާއި، މި ނޫންވެސް އިތުރު އެތަށް ޒިންމާއެކެވެ. މިއަދުގެ ގޮތަށް ވިސްނާލައިފިނަމަ، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ބައެއް ޒިންމާތަކާއި މާލޭ ސިޓީ ކައުންސިލުގެ ބައެއް ޒިންމާތަކެވެ.

ހަވަރު މި ލަފުޒު އާއްމުކޮށް އިވޭ ބައެއް އިސްތިއުމާލުތަކަށް ބަލާލަމާހެއްޔެވެ. ފުރަތަމަ "ހަވަރުތިނަދޫ"އެވެ. މިއީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުގެ ވެރިކަމުގައި ގދ ތިނަދޫއަށް ހަވަރު ފޮނުވައި، ރައްޔިތުންނާއި ރަދުންގެ ލަޝްކަރާ ދެމެދު ހަނގުރާމަކުރުމަށްފަހު އެރަކަށް ނިސްބަތްކޮށް ކިޔައިއުޅޭ ނަމަވެ. ރަދުން އެރަށަށް ހަވަރު ފޮނުވަން ޖެހުނު ސަބަބެއްކަމުގައި ފެންނާން އޮތީ، އޭރު ތިނަދޫގައި ޣައިރު ދީނުގެ މީހުން ތިބިކަމަށް ބުނާ ބުނުމެވެ. ދޫދޫމަތިން ކިޔައި އުޅޭގޮތަށް މި ވާހަކަ އަޑުއަހާލަމާހެއްޔެވެ. އަޅުގަނޑު ހަވާލާދޭނީ މަޑަވެލި ޢަލީ ނަޞީރު، ފަންވަތް މަޖައްލާގައި 2013 ވަނަ އަހަރު ޝާއިޢުކުރައްވާފައިވާ "ހަވަރު" ދިވެހި ދައުލަތުގެ އަސްކަރީ ބާރު" މި ލިޔުމަށެވެ. ބޮޑުތަކުރުފާނު ވެރިކަމަށް އިސްވެވަޑައިގަތް އިރު، ރާއްޖޭގައި އިސްލާމް ދީން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން ދެކުނަށް ކުރެއްވި ދަތުރެއްގައި އެ ރަސްގެފާނަށް، ގދ. ތިނަދޫއިން ޣައިރު ދީނުގެ ބަޔަކާ ދިމާވުމުން، އެމީހުންނަށް ދީނަށް ގޮވާލެއްވިއެވެ. އެ ބަސް ޤަބޫލުކޮށް، އެމީހުން އޭރު އިސްލާމްވި ކަމުގައިވެއެވެ. އެހެންނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ތިނަދޫގައި ވިހާ ހުރިހައި ކުޑަކުދިން މަރުވާން ފަށައިފިއެވެ. އެ ހިނދު ކޮންމެވެސް މީހަކު، އެއީ ކަލޭމެން ދީން ދޫކޮށްލީމާ ވީގޮތެކޭ ބުނުމުން، ތިނަދޫ މީހުން އަނެއްކާ ޣައިރު ދީން ޤަބޫލުކުރީ ކަަމަށް ބުނެވެއެވެ. ގދ.ތިނަދޫ މަދަރުސާދޮށުގޭ ޢަބްދުﷲ ޙިލްމީއާ ހަވާލާދެއްވައި ޢަލީ ނަޞީރު ލިޔުއްވާފައިވެއެވެ.

"ކޮންމެއަކަސް ތިނަދޫ މީހުން ދީނުން ބަރީޢަވީ ޚަބަރު ސަރުކާރަށް ލިބުމާއެކު، އެފަހަރު ފޮނުއްވީ ހަވަރު ބޭކަލުން ނުވަތަ ސަލާމަތީ ބާރުތަކުންނެވެ. ސަލާމަތީ ބާރުތައް އެ ރަށަށް ގޮސް އެ މީހުންނާ ހަނގުރާމަކޮށް، ގިނަބަޔަކު ޤަތުލުކުރުމުން ދެންތިބި މީހުން އިސްލާމްދީން ޤަބޫލުކުރީއެވެ. އެކިގޮތްގޮތަށް ވަޅުލެވިފައިވާ، ގިނަބައެއްގެ ކަށިތައް މީގެ ތިރީހަކަށް އަހަރު ކުރިން އެތަނުން ފެނިފައިވާ ކަމަށް ބުނެ އެވެ. އެ ކަށިތައް ފެނިފައިވާ މީހުން މިހާރު ވެސް އެރަށުގައި އެބަތިބޫ އެވެ. ބުނެވޭ ގޮތުގައި އެދުވަސްވަރު ތިބި މީހުންނަށް ޝަހާދަތުގެ ދެކަލިމަ ދަސްކޮށްދެއްވީ ލާ އަކާއި، އިލާގަނޑެއް ބޭނުންކޮށްގެންކަމަށް ޙަސަން ޙިލްމީ ބުނުއްވި އެވެ."

ކޮންމެއަކަސް އެއަށްފަހު ހަވަރުުތިނަދޫއިން ހަވަރަށް ވަރުވާ ދައްކަންޖެހެއެވެ. މިކަމަށް އަހަރަކު އެއްފަހަރު ތިނަދޫން މާލެ އަންނަ އޮޑިއަށް ނަންދީފައި އޮންނަނީވެސް "ހަވަރުއޮޑި"އޭ ކިޔާފައެވެ.

ހަވަރޭ ކިޔައިގެން ދެން އެންމެ އާއްމުކޮށް އަޑު އިވޭ އިސްތިއުމާލަކީ "ހަވަރުތުންފުއްސެވެ." ލަފުޒީ މާނައަކީ "ހަވަރު ގޮވާލުން (އީދު ރޯދައަށް ހަވަރަށް ދެއްވާ ޖާފަތް) ކޭން ބައްލަވައިގެން ހަވަރު އަތްފުއްސަވާން އެލުވާފައި ހުންނަ ފޮތިގަނޑެވެ." މަޖާޒީ މާނައަކީ "ޝަހުވާނީ ގޮތުން ތިމާ ގާތަށް އައި ކޮންމެ ފިިރިހެނަކާ ޤަބޫލުވާ އަންހެނާއެވެ." އެެހެން ނަމަވެސް މިއަދި މި މަޖާޒު މި ނޫން މާނައިގައިވެސް ބޭނުންކޮށްފައިވާތީ ފެނެއެވެ. މިސާލަކަށް ސިޔާސީ ގޮތުން ތިމާއަށް ކޮންމެވެސް ފައިދާއެއް އޮތިއްޔާ ކޮންމެ ޕާޓީއަކާ ގުޅެންވެސް ނުވަތަ ތާއީދުކުރަންވެސް ވަރިހަމަ މީހުންނަށް ނިސްބަތްކޮށްވެސް މިއަދު ހަވަރުތުންފުއްސޭ ކިޔައެެވެ. ބަހަށް ލިބުނު އިތުރު މުއްސަނދިކަމެއް ކަމުގައި ދެކެމެވެ.

ދެން ފެންމަތިވަނީ، ތާރީޚުގައްޔާއި މިހާރުވެސް، "ހަވަރު" މި ލަފުޒު ބޭނުންކޮށްފައި އޮތީ ހައްތަހާވެސް ރަދުންގެ ލަޝްކަރަށް ނިސްބަތްކޮށްގެންތޯ ކުރެވޭ ސުވާލެވެ. ޖަވާބެއް ހޯދުމަށް އަޅުގަނޑު އަނެއްވާނެސް ހަވާލާ މިދެނީ ޢަލީ ނަޞީރަށެވެ. ވިދާޅުވެފައިވެއެވެ.

"ބައެއް ޙާލަތްތަކުގައި ހަވަރަކީ، ރައްޔިތުންނެވެ. އެފަދަ ބައެއް ޙާލަތްތަކަކީ، ރައްޔިތުން އިސް ނަގައިގެން ކަމެއްކުރުން ނުވަތަ ރައްޔިތުން ލައްވައި ކަމެއް ކުރުވުން ކަމަށް ވެސް ވެފައި އެބަހުއްޓެވެ. މީގެއިތުރަށް ރައްޔިތުންނަށް ނިސްބަތްވާ ބައެއް ކަންތައްތަކަކީވެސް ހަވަރުކަމުގައި ބެލެވޭފަހަރު އާދެއެވެ."

މިއަދު ހަވަރު ބޭނުންކުރަނީ ޢާއްމުގޮތެއްގައި ރައްޔިތުން މި މާނައިގައި ކަމުގައި ބުނުން އެންމެ ރަނގަޅު ވާނޭކަމުގައި ދެކެމެވެ. އެހެން ނަމަވެސް ހަވަރުގެ ތާރީޚާއި، މިހާރުގެ ސިފައިންގޭގެ ރޭންކުތައް ނުވަތަ ވަރުތަކުގެ ތެރެއިން އެ ހަ ރޭންކާ އެންމެ އެއްގޮތް ރޭންކްތަކަކީ ކޮބައިކަން ދިރާސާކޮށްލަން ރަނގަޅެވެ. ބަނޑުހަނޑޫ ދިނުމުގެ އުސޫލާއި، އެއާ އެއްގޮތް އަސްކަރީ އުސޫލުތަކެއް މިހާރު ވޭތޯ ބަލާލުން ރަނގަޅެވެ. ބުނެވޭ ގޮތުގައި މިއަދުވެސް ވަކި ރޭންކްތަކަކަށް ދައުލަތުން ހަތަރު އިރު ކާންބޯންދީ ބަލަހައްޓަން ޖެހެއެވެ. މުސާރައަށްދޭ "ބަނޑުހަނޑުލުގެ" އިތުރުންނެވެ. އަސްކަރީ ތާރީޚުގެ މި ފަދަ އަޅައިކިޔުމެއް، ހާދަހާ ކިޔާލާހިތްވެއެވެ.