Advertisement

ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިނާއި އިޓަލީގެ ކުރިމަތިލުމެއް

26 ޖަނަވަރީ 2023 - 09:13 0


ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިނާއި އިޓަލީގެ ކުރިމަތިލުމެއް

26 ޖަނަވަރީ 2023 - 09:13 0

ޕެރިސް (ޖެނުއަރީ 26) - މި އަހަރު ޖޫން މަހު ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީ އާއި ސްޕެއިން ބައްދަލުކުރަން ޖެހިއްޖެ އެވެ.

ނޭޝަންސް ލީގުގެ ފައިނަލްސް މި ފަހަރު ނެދަލެންޑްސްގައި ކުޅޭއިރު، ސެމީ ފައިނަލް އޮތީ 14 އާއި 15 ގަ އެވެ. އަދި ފައިނަލް މެޗު އޮތީ 18 ވަނަ ދުވަހު އެވެ.

އެއް ސެމީގައި ޔޫރަޕް ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ސްޕެއިނާއި އިޓަލީ ބައްދަލުކުރާއިރު، އަނެއް ސެމީގައި ވާދަކުރަނީ ނެދަލެންޑްސް އާއި ކްރޮއޭޝިއާ އެވެ. ނެދަލެންޑްސް އިން ވަނީ ނޭޝަންސް ލީގުގެ އަލަތު މުބާރާތުގެ ފައިނަލުގައި 2019 ވަނަ އަހަރު ޕޯޗުގަލް އަތުން ބަލިވެފަ އެވެ.

ސްޕެއިން ވަނީ 2020-2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީގައި އިޓަލީ އަތުން 2-1 އިން އިޓަލީ ބަލިކޮށްފަ އެވެ. އެކަމަކު، ފައިނަލުގައި ފްރާންސް އަތުން 2-1 އިން ބަލިވީ އެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ސްޕެއިނާއި އިޓަލީ ވަނީ ގިނަ ފަހަރުތަކެއް މަތިން ބައްދަލުކޮށްފަ އެވެ. އެ ގޮތުން، އިޓަލީން ވަނީ 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގެ ސެމީގައި ވަނީ ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށްފަ އެވެ.

ސްޕެއިނާ އިޓަލީ ޓީމު މިހާތަނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެކި ލެވަލްގެ މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތަކުގައި ބައްދަލުކޮށްފައިވާ މެޗުތަކަށް ބަލާއިރު، ސްޕެއިން ވަނީ 13 މެޗުން މޮޅުވެފަ އެވެ. އިޓަލީން 10 މެޗު ކާމިޔާބުކުރިއިރު، 12 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނޭޝަންސް ލީގުގެ ފޯމެޓަށް ބަދަލެއް

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް މަދުކޮށް، ވާދަވެރި ރޫހެއްގެ ސިފައިގައި ޓީމުތަކަށް މެޗުތަކެއް ދިނުމުގެ ވިސްނުމުގައި ޔުއެފާ އިން 2018 ވަަނަ އަހަރު ފެށި ނޭޝަންސް ލީގުގައި މި ފަހަރުގެ މުބާރާތާ އެކު ތިން މުބާރާތް ފުރިހަމަވާނެ އެވެ. މީގެ ކުރިން ޔުއެފާ އިން ވަނީ ނޭޝަންސް ލީގުގެ ފޯމެޓަށް ރަނގަޅު ބަދަލުތަކެއް ގެންނަން ޖެހޭ ކަމުގެ ވާހަކަތަކެއް ދައްކައިފަ އެވެ.

އެ ގޮތުން، ޔުއެފާ އިން މިހާރު ނިންމާފައިވަނީ، ކުއާޓާ ފައިނަލެއް ތައާރަފް ކުރުމާއި އެއް ޑިވިޝަނުން އަނެއް ޑިވިޝަނަށް ދިއުމަށް ޕްލޭއޮފެއް ތައާރަފްކުރުމަށެވެ.

އާ ފޯމެޓަށް ނޭޝަންސް ލީގު އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ކުޅެން ފަށާއިރު، މި ފޯމެޓްގައިވާ ގޮތުން، ޑިވިޝަން އޭގެ ހަތަރު ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެއް ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ. ކުއާޓާ ފައިނަލް ކުރިއަށްދާނީ 2025 ވަނަ އަހަރުގެ މާޗް މަހު ދެ ލެގަށެވެ. އެ ތަނުން، މޮޅުވާ ޓީމުތަކުގެ މެދުގައި "ފައިނަލް ފޯ" ފޯމެޓަށް ސެމީ ފައިނަލާއި ފައިނަލް ކުޅެން ވަނީ ނިންމައިފަ އެވެ.

ނޭޝަންސް ލީގުގެ އާ ފޯމެޓާ އެކު، ޔޫރޯ އާއި ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން ޔުއެފާ އިން ގެންގުޅޭ ފޯމެޓަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. އެ ގޮތުން، މި ވަގުތު ޔުއެފާ އިން ވޯލްޑް ކަޕަށް ކޮލިފައިން 10 ގްރޫޕް ތައާރަފް ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް ދެން އޮންނާނީ 12 ގްރޫޕެކެވެ. އެއީ ފަސް ޓީމު ހިމެނޭ ހަ ގްރޫޕާއި ހަތަރު ޓީމު ހިމެނޭ ހަ ގްރޫޕް އެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕްތަކަށް، ނޭޝަންސް ލީގުގެ "ފައިނަލް ފޯ" ގައި ވާދަކުރާ ގައުމުތައް އޮޓޮމެޓިކުން ހޮވޭނެ އެވެ.