Advertisement

ޑެމްބެލޭގެ ގޯލުން ބާސެލޯނާ ސްޕެނިޝް ކަޕްގެ ސެމީ އަށް

26 ޖަނަވަރީ 2023 - 08:47 0

ލަނޑު ޖެހުމަށް ފަހު ޑެމްބެލޭ އުފާފާޅުކުރަނީ.


ޑެމްބެލޭގެ ގޯލުން ބާސެލޯނާ ސްޕެނިޝް ކަޕްގެ ސެމީ އަށް

26 ޖަނަވަރީ 2023 - 08:47 0

ބާސެލޯނާ (ޖެނުއަރީ 26) - ސްޕެނިޝް ކަޕް (ސްޕެނިޝް ކޮޕަ ޑެލް ރޭ)ގެ ކުއާޓާ ފައިނަލުގައި ރޭ އޮސްމާން ޑެމްބެލޭ ޖެހި ގޯލުން 1-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް، ބާސެލޯނާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މި އަހަރު ފެށި ފަހުން، ބާސެލޯނާ އިން އަންނަނީ ރަނގަޅު ފޯމެއް ދަމަހައްޓަމުންނެެވެ. ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ސްޕެނިޝް ލީގުގެ އެއް ވަނައިގައި ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އަދި ރޭގެ ނަތީޖާއާ އެކު ސްޕެނިޝް ކަޕްގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދުމަށް މި ވަނީ ފުރުސަތު ފަހިކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން 17 ވަނަ މިނިޓްގައި ބާސެލޯނާގެ ޑެމްބެލޭ އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން، ޑެމްބެލޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން އެރި ފްރެންކީ ޑި ޔޯން ވެއްޓިގެންފައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ސޮސިއެޑާޑުން މެޗުގެ 30 ވަނަ މިނިޓްގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެެރެއިން ސޮސިއެޑާޑަށް ކުޅޭ ޖަޕާނުގެ ވިންގް، ޓަކެފޫސާ ކޫބޯ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ސޮސިއެޑާޑަށް ރޭގެ މެޗުގައި މައްސަލަ ދިމާވީ، 40 ވަނަ މިނިޓްގައި އެ ޓީމުގެ ބްރައިޒް މެންޑޭޒް އަށް ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީ ބައިގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް އަށް ކުރި ފައުލަށް ފުރަތަމަ ބްރައިޒް މެންޑޭޒަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ލަފާ ހޯދައި، ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.

ސޮސިއެޑާޑްގެ ކޫބޯ (ވ) ކައިރިން ބާސެލޯނާގެ ޑި ޔޯން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.


މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، 52 ވަނަ މިނިޓްގައި، ޑެމްބެލޭ ކާމިޔާބުުކުރިއިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ. ކޫންޑޭ ދިން ބޯޅައެއް އަރިމަތިން ހިފައިގެން ގޮސް، އޭރިއާތެރެއަށް ވަދެ، ޑެމްބެލޭ ޖެހި ބޯޅަ ގޯލަށް ވަނީ ސޮސިއެޑާޑްގެ ކީޕަރު، އަލެކްސް ރެމީރޯ އަތުގައި ޖެހިފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ސޮސިއެޑާޑުން ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ހޯދި އެވެ. އެ ގޮތުން، މެޗުގެ 59 ވަނަ މިނިޓްގައި ސޮސިއެޑާޑްގެ ކޫބޯ ހުސްކޮށްލާފައިއެ ޓީމުގެ ފޯވާޑް އަލެކްސަންޑަ ސޯލޯތަށް ދިން ބޯޅަ ކުޑަ އޭރިއާތެރޭގައި ހުރެފައި ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ބާސެލޯނާ އަށް ލީޑުފުޅާކޮށްދޭން މެޗުގެ 68 ވަނަ މިނިޓްގައި ޑެމްބެލޭ ނެގި ހުރަހަކުން އޭރިއާތެރެއިން ގަވީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ. އޭގެ ކުރިން، ސޮސިއެޑާޑްގެ އޭރިއާތެރެއިން ގަވީ އަށް ކުރި ފައުލަކަށް ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ނުލިބުނެވެ.

މެޗުގެ ފަހު މިނިޓްގައި ބާސެލޯނާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ސޮސިއެޑާޑަށް އެއްވަރުކޮށްދޭން އެ ޓީމުގެ ރޮބާޓޯ ނަވާރޯ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ އަނެއް މެޗުން އޮސަސޫނާ އިން ވަނީ ސެވިއްޔާ އަތުން 2-1 އިން މޮޅުވެ، 2005 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ސެމީގެ ފަހު ދެ ޖާގަ ލިބޭނީ މިރޭ ކުޅޭ ކުއާޓާ ދެ މެޗުން މޮޅުވާ ދެ ޓީމަކަށެވެ. މިރޭ ކުޅޭ ކުއާޓާގެ މެޗުތަކަކީ، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑްގެ ކުރިމަތިލުމާއި ވެލެންސިއާ އިން އެތުލެޓިކް ބިލްބާއޯއާ ބައްދަލުކުރާ މެޗެވެ.