Advertisement

އީގަލްސް ބަލިކޮށް ގައުމީ ފައިނަލުގެ ފަހު ޖާގަ ވެމްކޯ އަށް

25 ޖަނަވަރީ 2023 - 23:45 0

އީގަލްސް އަތުން މޮޅުވުމަށް ފަހު ވެމްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އީގަލްސް ބަލިކޮށް ގައުމީ ފައިނަލުގެ ފަހު ޖާގަ ވެމްކޯ އަށް

25 ޖަނަވަރީ 2023 - 23:45 0

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މިރޭ 3-1 އިން ކްލަބް އީގަލްސް ބަލިކުރުމަށް ފަހު، ކްލަބް ވެމްކޯ އިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ކްލަބް ވެމްކޯ އިން ބައްދަލުކުރާނީ ލީގު ބުުރުގެ އެއް ވަނަ ހޯދި ކްލަބް ވޮލީބޯލްއާ ދެކޮޅަށެވެ. ކްލަބް ވޮލީބޯލް އިން ވަނީ ލީގު ބުރުގައި ވެމްކޯ އަތުން 3-1 ސެޓުން މޮޅުވެފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗު ފަށައިގެން ކްލަބް ވެމްކޯ އިން އެ ޓީމުގައި ހިމެނޭ ދިވެހި ސީނިއާ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ރަނގަޅު ކުޅުމާ އެކު، ފުރަތަމަ ސެޓު ގެންދެވޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރި އެވެ. އެ ޓީމުން ފުރަތަމަ ސެޓުގައި، އީގަލްސް އަށް މާ ބޮޑު ފުރުސަތެއް ނުދީ ރަނގަޅު ލީޑެއް މުޅި ސެޓުގައި ކަހަލަ ގޮތަކަށް ދެމެހެއްޓި އެވެ.

ވެމްކޯގެ ޕްރަތީބާ (ކ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން އީގަލްސްގެ ސަހާ މަސައްކަތްކުރަނީ: މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯ އަށް ކުޅޭ ނޭޕާލުގެ ޕްރަތީބާ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެ ގޮތުން ވެމްކޯ އިން ފުރަތަމަ ސެޓު ގެންދިޔައީ 25-15 އިންނެވެ. ވެމްކޯގެ ސެޓަރު، ޖޫޒާން ޒަރީރު އާއި އެޓޭކަރުން ކަމަށްވާ، އައިޝަތު މާޖިދާ އާއި ނޭޕާލް ގައުމީ ޓީމުގެ ކުޅުންތެރިޔާ، ޕްރަތީބާ މަލީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސްގައި ވެސް ގައުމީ އަންހެން ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިންނާއި މި ވަގުތު ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ތިބިިއިރު، ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހިމެނޭތީ، ފުރަތަމަ ސެޓަށް ވުރެ ހިތްވަރުކޮށް އެ ޓީމުން ދެ ވަނަ ސެޓުގައި ކުޅުން ރަނގަޅުކުރި އެވެ.

ދެ ވަނަ ސެޓު ފަށައިގެން ވެމްކޯ އިން ލީޑެއްގައި އޮތެވެ. އެކަމަކު، ސެޓުގެ މެދަކާ ހަަމައިން މުހިންމު ވަގުުތުތަކުގައި، ވެމްކޯ އަށް ވުރެ އީގަލްސްގެ އެޓޭކްތައް ރަނގަޅުވުމުގެ ނަތީޖާ އަކަށްވީ މި ސެޓު، 19-25 އިން އީގަލްސް ގެންދިއުމެވެ.

އީގަލްސް އިން މެޗުގެ ދެ ވަނަ ސެޓު ގެންދިއުމުގައި އެ ޓީމުގެ ސެޓަރު، ފާތިމަތު މަޒިއްޔާގެ އިތުުރުން ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިން ކަމަށްވާ، މަރިޔަމް އަޒީފާ (އައްޒަ) އައިޝަތު ޝައްފަ އަދި ހައްވާ ސަހާ ރަނގަޅަށް ކުޅުނުއިރު، ކޮލަމްބިއާގެ ކުޅުންތެރިޔާ، ކޮލަމްބިއާގެ މަނުއެލާ ސިއޭރާ ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ވެމްކޯގެ ސެޓަރު، ޖޫޒާން، މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދެ ވަނަ ސެޓުގައި، އީގަލްސްގެ ކޯޗު، މުނާ މުނީރު (މުންނަ)ގެ ރަނގަޅު ނިންމުންތަކުގެ ފައިދާ ޓީމަށް ކުރިމަތިިވި ޕްރެޝަރު ދަނޑިވަޅުގައި ކުރި އެވެ. އެއީ ސެޓު ކާމިޔާބު ކުރެވުމުގައި އިސް ރޯލެއް ކުޅުނު ސަބަބެކެވެ.

ތިން ވަނަ ސެޓު ފެށިއިރު، ދެ ޓީމު އެއް ސެޓު އެއް ސެޓުން އެއްވަރުވެފައި އޮތުމާ އެކު، ތިން ވަނަ ސެޓުން ފެށިގެން ވެމްކޯ އިން ކުޅެން ފެށީ ސަމާލުވެގެންނެވެ. ވެމްކޯ އިން ދިޔައީ އެ ޓީމަށް ދެ ވަނަ ސެޓުގައި ގެއްލުނު ޕޮއިންޓްތަކުގައި ހެދުނު ގޯސްތައް ތިން ވަނަ ސެޓުގައި ރަނގަޅު ކުރަމުންނެވެ. އޭގެ ނަތީޖާ އަކަށްވީ ވެމްކޯ އިން ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ގެންގޮސް މެޗުން މޮޅުވުމެވެ.

އިބްރާހިމް ނިޒާރު (ބޮޑޭ) އާއި އައިޝަތު ނާޒިމާ ކޯޗިން ޓީމުގައި ހިމެނޭ ވެމްކޯ އިން ފަހު ދެ ސެޓު ގެންދިޔައީ، 25-20 އާއި 25-19 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ޕްރަތީބާ އެވެ. ޕްރަތީބާ ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ޓީމުތަކުގައި މޮޅު ކުޅުމެއް ދައްކައި، ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި، ޏ. ފުވައްމުލަކު، މިސްކިތްމަގު ޓީމަށް ކުޅުނުއިރު، 2016 އާއި 2017 ވަނަ އަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއި 2019 ވަނަ އަހަރު ޕޮލިހާ އެކު ގައުމީ ތަށި އުފުލާލުން ހިމެނެ އެވެ.

މެޗަށް ފަހު ވެމްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ: ވެމްކޯގެ ގިނަ ސަޕޯޓަރުން މި މެޗުގައި ޓީމަށް ތަރުހީބު ދޭން ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓަށް ވަނީ ގޮސްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެންމެ ފަހުން ދެ ފަަހަރު ވެސް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ހޯދީ ޕޮލިހެވެ. އެ ގޮތުން، 2018 ވަނަ އަހަރުގެ ފައިނަލުގައި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އަތުން މޮޅުވިއިރު، އެންމެ ފަހުން ފަހަރު، 2019 ވަނަ އަހަރުގެ ފައިނަލުގައި ކްލަބް ވެމްކޯ އަތުން ޕޮލިސް ވަނީ ކާމިޔާބު ހޯދައިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ޕޮލިސް ވަނީ މެޗަކުން މޮޅެއް ނުލިބި ކަޓައިފަ އެެވެ. މިއީ ގައުމީ މުބާރާތުގައި ޕޮލިސް ޓީމުން މިހާތަނަށް އެންމެ ދަށް ނަތީޖާ ނެރުނު ފަަހަރެވެ.

އަންނަ ހުކުރު ދުވަހުގެރޭގެ ފައިނަލުގައި ކްލަބް ވޮލީބޯލް އާއި ކްލަބް ވެމްކޯ ބައްދަލުކުރާއިރު، ކޮންމެ ޓީމެއް މޮޅުވި ކަމަށް ވިޔަސް މިއީ އެ ޓީމަށް ލިބޭނެ ފުރަތަމަ ގައުމީ ތަށްޓެވެ. މިއީ ކްލަބް ވޮލީބޯލްގެ ފުރަތަމަ ގައުމީ ފައިނަލެވެ. އެ ޓީމުގެ ކޯޗަކީ ޔޫތު ލެވަލްގައި ކާމިޔާބު ކޯޗެއް ކަމަށްވާ ސޮފްވާން އަހުމަދު އެވެ.