Advertisement

އަލްހާންގެ ކިންގްސްގެ އެކައުންޓްތައް ދޫކޮށްލަން ކުރި ހުކުމް ބޭންކުން އިސްތިއުނާފްކުރަނީ

25 ޖަނަވަރީ 2023 - 20:34 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކިންގްސް ކުންފުނީގެ ވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް؛ ކިންގްސްގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި


އަލްހާންގެ ކިންގްސްގެ އެކައުންޓްތައް ދޫކޮށްލަން ކުރި ހުކުމް ބޭންކުން އިސްތިއުނާފްކުރަނީ

25 ޖަނަވަރީ 2023 - 20:34 1

ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނީގެ ބޭންކް އެކައުންޓްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކަށް، އިސްތިއުނާފީ މަރުހަލާގައި ހައި ކޯޓޫން ރިއާޔަތްކޮށް އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އެ ބޭންކުން ގަބޫލުކުރާ ކަމަށެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރަމުން ދަނިކޮށް އޭގައި އޮޅުވާލުމާއި މަކަރާއި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ. އަދި، ބީއެމްއެލުން ވަނީ އެ ކުންފުނީގެ އެކައުންޓުތައް ޑިއެކްޓިވޭޓްކޮށްފަ އެވެ.

ސިވިލް ކޯޓުގެ ހުކުމް؛

ކިންގްސް ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ ބީއެމްއެލުން އެ ކުންފުނީގެ އެކައުންޓުތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ކިންގްސްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން އަންނަ ސަބަބު ބަޔާން ކޮށްދިނުމަށް އީމެއިލް މެދުވެރިކޮށް އެންގުމަށް ފަހު ދުވަހެއްގެ ތެރޭގައި އެކައުންޓުތައް ޑީއެކްޓިވޭޓް ކުރީ، ކޯޓު އަމުރެއް ނެތި ކަމަށެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓުމަށް ކޯޓު އަމުރެއް ހޯދަން ޖެހެ އެވެ. ކޯޓު އަމުރެއް ނެތި، ބީއެމްއެލް އިން ފައިސާ ހިފަހައްޓާފައި ވަނީ އެ ގާނޫނުގައި އޮތް އިޖުރާއަތާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.

ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށް ކަމަށާއި، އެކައުންޓުގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް ވެސް ސިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.

އޭގެ އިތުރަށް އެއްބަސްވުމަކާ ހިލާފުވެއްޖެނަމަ އޭގެ ސަބަބުުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަން ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި އޮންނާތީ، ގާނޫނުގައި އޮންނަ ގޮތުގެ މަތިން 14 ދުވަހުގެ ތެރޭގައި އެ ކަމަށް އެދި ދައުވާ ކުރުމުގެ ހައްގު ކިންގްސްއަށް ލިބޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.