Advertisement

ސަރުކާރަށް މެޖޯރިޓީ ދިނުމާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ ތަނަވަސްކަމާއި ބާރު ލިބުމުން މީހާގެ ސިކުނޑި ބޭނުން ގޮތަކަށް އަނބުރައިލާނެ ކަމަށް

18 އޭޕްރީލް 2024 - 20:43 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފޮޓޯ: އިޔާދް އަބްދުއްރަހްމާން / އަދަދު


ސަރުކާރަށް މެޖޯރިޓީ ދިނުމާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ ތަނަވަސްކަމާއި ބާރު ލިބުމުން މީހާގެ ސިކުނޑި ބޭނުން ގޮތަކަށް އަނބުރައިލާނެ ކަމަށް

18 އޭޕްރީލް 2024 - 20:43 2

އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މީހަކަށް ތަނަވަސްކަމާއި އާރާއި ބާރު ލިބިއްޖެ ނަމަ ބޭނުން ގޮތަކަށް ސިކުނޑި އަނބުރައިލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެން ކޯޓު ބޭރުގައި ހުންނަވާ "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އާރާއި ބާރާއި ތަނަވަސްކަން ލިބުމުން މީހަކު ބަދަލުވާނެ ގޮތް ދެނަވޮޑިގަންނަވާނީ ހަމައެކަނި ﷲ ކަމަށެވެ.

"މީހަކު އޭނާއަށް އާރާއި ބާރު ލިބުމާއި ފައިސާގެ ތަނަވަސްކަން އިންތިހާއަށް ލިބުނީމަ އެމީހާ ބަދަލުވާނެ ގޮތެއް ހަމަ ﷲ ދެނެވޮޑިގަންނަވާނީ،" ޔާމީން ވިދާޅުވި އެވެ. "އިންސާނާގެ ސިކުނޑި ބޭނުން ގޮތަކަށް އަނބުރާލާނެ އޭނާއަށް ތަނަވަސްކަމާއި ބާރު ލިބިއްޖެއްޔާ. އަދި އެކްޗުއަލީ އަންފެޓާޑް [ހިފެހެއްޓުމެއް ނެތި] ބާރު ލިބިއްޖެއްޔާ."

ޔާމީން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި ހުރި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރާ ގުޅޭ މައްސަލަތައް ނުހިނގާ ކަމަށެވެ. އެއީ ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ބާރު ގަދަވެފައި، މުއައްސަސާތައް ވަރުގަދަނުވުމުގެ ނަތީޖާ އެވެ.

މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ހުރި މައްސަލަތައް، ސަރުކާރުގެ ބާރާ ޗެލެންޖް ކުރެވޭނެ ގޮތެއް ނެތް. މީޑިއާއަކުން ވެސް އެކަމަށް އެ ހޫނެއް ނުކުރޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ވިދާޅުވުމުން ވެސް ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތަށް ދެކެވަޑައިގަންނަވާ ބޭފުޅަކަށް މަޖިލީހުގެ ކޮންޓްރޯލް ދިނުން ރަނގަޅުނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި އޮތް ތައުލީމީ ޒަމާނުގައި ތިމަންނަގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމްއޭ ވިދާޅުވާ ހިސާބުން ދެން ތިބޭފުޅުން ތަސައްވަރު ކުރައްވާ ކިހާ ހިސާބަކަށްތޯ މި ދުރަށް ދެމިގެންދާނީ،" ޔާމީން ވިދާޅުވި އެވެ.

ހައި ކޯޓުން މިއަދު ހުކުމް ކުރީ ޔާމީންގެ މައްޗަށް ކޮށްފައި އޮތް 11 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށްފަހު އަލުން އެ މައްސަލަ ދަށު ކޯޓުން ބެލުމަށެވެ. އެ މައްސަލައިގައި ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ޖަވާބުދިނުމަށް އެކަށީގެންވާ ފުރުސަތެއް ދަށު ކޯޓުން ދީފައިނުވާ ކަމަށް މިއަދު ހައި ކޯޓުން ބުންޏެވެ.

ރިޝްވަތު ދިނުން އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑިސެމްބަރު 25، 2022، ގަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކުރީ ޖޫން، 2023، ގަ އެވެ.