Advertisement

މިނިވަންވުމަށްފަހު ޔާމީންގެ ފުރަތަމަ ބަސް: ހައްގުތަކެއް ގެއްލިއްޖެ، ޝަރީއަތް ލަސް ކުރަން މި ސަރުކާރުން މަސައްކަތް ކުރި

18 އޭޕްރީލް 2024 - 20:12 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ޔާމީން ހައި ކޯޓު ބޭރުގައި: އިންޑިއާ އައުޓް ގަރާރު ބާތިލް ނުކުރާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބު / އަދަދު


މިނިވަންވުމަށްފަހު ޔާމީންގެ ފުރަތަމަ ބަސް: ހައްގުތަކެއް ގެއްލިއްޖެ، ޝަރީއަތް ލަސް ކުރަން މި ސަރުކާރުން މަސައްކަތް ކުރި

18 އޭޕްރީލް 2024 - 20:12 1

އެމަނިކުފާނަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ލަސްވުމުގެ ސަބަބުން ހައްގުތަކެއް ގެއްލުނު ކަމަށާއި ޝަރީއަތް ލަސް ކުރަން މި ސަރުކާރުން ވެސް މަސައްކަތް ކުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށްފަހު "އަދަދު" ނޫހުން ކުރި ސުވާލަކަށް ހައި ކޯޓުގެ ބޭރުގައި ހުންނަވައި ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ކޮށްފައި އޮތް ހުކުމް ބާތިލުވާނެކަން މާ ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުނުވާނެކަން ކުރިން ވެސް ޔަގީންވެވަޑައިގަނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ އިސްތިއުނާފުގެ ޝަރީއަތް ލަސްވުމުން ކަމަށެވެ.

ޔާމީން ވިދާޅުވީ ދައުލަތުގެ ވަކީލުން ޝަރީއަތަށް ހާޒިރުނުވެގެން ދެތިން ފަހަރު އަޑުއެހުން ކެންސަލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ޝަރީއަތް ލަސްވުމަކީ މި ސަރުކާރުން ވެސް ބޭނުންވި ގޮތް ކަމަށެވެ.

އޭގެ އިތުރުން މިރޭ ވާހަކަ ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރުގެ ބައެއް ޕޮލިސީތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އިންޑިއާގެ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށެވެ. އަދި "ގާނޫނާ ހިލާފަށް" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި އިންޑިއާ އައުޓް ގަރާރު ރައީސް މުހައްމަދު މުއިއްޒު ބާތިލުނުކުރާތީ އެކަމަށް ވެސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ރިޝްވަތު ދިނުން އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑިސެމްބަރު 25، 2022، ގަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކުރީ ޖޫން، 2023، ގަ އެވެ.