Advertisement

ތެލޫގޫ ފިލްމުގެ ލަވަ އޮސްކާ އެވޯޑަށް ވެސް ނޮމިނޭޓްވެއްޖެ

25 ޖަނަވަރީ 2023 - 10:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

"ނާޓު ނާޓު" ލަވަޔަށް ވަނީ ބައިނަލްއަގްވާމީ އެވޯޑުތައް ލިބިފައި. -- ފޮޓޯ: ޔޫޓިއުބް ސްކްރީންޝޮޓް


ތެލޫގޫ ފިލްމުގެ ލަވަ އޮސްކާ އެވޯޑަށް ވެސް ނޮމިނޭޓްވެއްޖެ

25 ޖަނަވަރީ 2023 - 10:52 0

ތެލޫގޫ ފިލްމް "އާރްއާރްއާރް" (ޓްރިޕްލް އާރް) ގެ ލަވަ "ނާޓު ނާޓު" އޮސްކާ އެވޯޑަށް ނޮމިނޭޓު ވެއްޖެ އެވެ.

އެއީ އޮސްކާ އެވޯޑުގައި އެންމެ މޮޅު އިންޓަނޭޝަނަލް ފިލްމު ކެޓެގަރީ ނޫން ކެޓަގަރީއަކަށް ނޮމިނޭޓުވި އިންޑިއާގެ ފުރަތަމަ ފީޗާ ފިލްމެވެ.

"ނާޓު ނާޓު" ލަވަ ނޮމިނޭޓުވީ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓެގަރީއިންނެވެ. އޮސްކާ ނުވަތަ އެކެޑެމީ އެވޯޑް ހަފުލާ އޮންނާނީ މާޗު މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލެސްގަ އެވެ.

ގިނަ ބަޔެއްގެ މަގްބޫލުކަން ލިބިފައިވާ އެ ލަވައަށް ގޯލްޑަން ގްލޯބްގެ އިތުރުން ކްރިޓިކްސް ޗޮއިސް އެވޯޑް ދާދި ފަހުން ލިބުނެވެ.

އޮސްކާގައި އެ ލަވަޔާ ވާދަކުރަނީ ލޭޑީ ގާގާ އަދި ރިއާނާ ފަދަ ބޮޑެތި ތަރިންގެ ލަވަތަކެވެ.

އެންމެ ފަހުން އިންޑިއާ މީހަކު ފިލްމަކަށް ތައްޔާރު ކުރި މިޔުޒިކުން އޮސްކާ އެވޯޑް ލިބުނީ 2009 ގަ އެވެ. އެއީ ޑެނީ ބޮއިލް ޑައިރެކްޓް ކުރި ފިލްމު "ސްލަމްޑޯގް މިލިއަނާ" އަށް އޭއާރް ރަހްމާން ތައްޔާރު ކުރި ލަވަ "ޖޭ ހޯ" އެވެ.

"ނާޓު ނާޓު" ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ 2021 ވަނަ އަހަރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ރަސްމީ ގެކޮޅުގެ ކުރިމަތީގަ އެވެ.

އެ ލަވަ ހިމެނޭ "އާރްއާރްއާރް" ފިލްމު ލިޔެ ޑައިރެކްޓް ކުރީ އެސްއެސް ރާޖަމޫލީ އެވެ. އެއީ އިންޑިއާގައި އިނގިރޭސިންގެ ވެރިކަމާ ދެކޮޅަށް ދެ މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ތަރިންނކީ ރާމް ޗަރަން އަދި ޖޫނިއާ އެންޓީއާރް އެވެ.

އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމަކީ "އާރްއާރްއާރް" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނެވެ. އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް އެ ފިލްމު ހިނގި އެވެ.