Advertisement

ތިނަދޫގައި ބޮޑުބައެއް ޝޫޓް ކޮށްފައިވާ "ލޯބިވެވިއްޖެ"ގެ ޓްރެއިލާ ދައްކާލައިފި

24 ޖަނަވަރީ 2023 - 22:40 0


ތިނަދޫގައި ބޮޑުބައެއް ޝޫޓް ކޮށްފައިވާ "ލޯބިވެވިއްޖެ"ގެ ޓްރެއިލާ ދައްކާލައިފި

24 ޖަނަވަރީ 2023 - 22:40 0

އެސް ޕްރޮޑަކްޝަންސް އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް ''ލޯބިވެވިއްޖެ'' ގެ އޮފިޝަލް ޕޯސްޓަރު އަދި ޓްރެއިލަރު މިއަދު ލޯންޗުކޮށްފި އެވެ.

މިއަދު ހަވީރު ސޮލައިޓް ރެސްޓޯރަންޓުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓެއްގައި ޓްރެއިލާ ލޯންޗުކޮށްދެއްވީ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އެވެ.

މި ފިލްމު އޮލިމްޕަހަށް އަންނާނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. މިއީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން އޮލިމްޕަސް ހުޅުވައި އެތަނުގައި އަޅުވާނެ ދެވަނަ ފިލްމެވެ.

މި ފިލްމުގެ ޕޯސްޓަރު ވެސް ލޯންޗުކޮށްދެއްވީ އަމްރު. މިއީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެއް.


މި އިވެންޓްގައި ފިލްމުގެ ލީޑު ކާސްޓުންނާއި ފިލްމްގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ފިލްމީދާއިރާގެ ބައެއް ފަންނާނުން ބައިވެރިވެފައިވެ އެވެ.

މި ފިލްމަކީ ޑިސެމްބަރު 24، 2020 ގައި ގދ. ތިނަދޫގައި ޝޫޓިން ފެށި ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތިނަދޫ، މާލެ ސިޓީ ގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާ ގަ އެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ އަލީ ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ) އަދި އިރުފާނާ އިބްރާހީމް (އެރޫ) ފެނިގެންދާނެ އެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ. އަދި، ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ) އެވެ. މި ފިލްމު ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން އެވެ. އަދި، ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ހުސައިން އެވެ.

ޖުމުލަ އަށް ލަވަ ހިމެނޭ މި ފިލްމުގެ ހުރިހާ ލަވައެއް ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑަށް އަޕްލޯޑުކޮށްފަ އެވެ.

އެގޮތުން، މި ލަވަތައް ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ހަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް އަލީ އާއި ނަފްހާ ހިމެނެ އެވެ.