Advertisement

ކޮރަޕްޝަން ފެންމަތިވެ ޔޫކްރެއިން ސަރުކާރުގެ ވެރިންތަކެއް އިސްތިއުފާ ދީފި

25 ޖަނަވަރީ 2023 - 06:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ރައީސް އޮފީހުގެ ޑެޕިއުޓީ ވެރިޔާ ކިރީލޯ ޓިމޮޝެންކޯ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ކޮރަޕްޝަން ފެންމަތިވެ ޔޫކްރެއިން ސަރުކާރުގެ ވެރިންތަކެއް އިސްތިއުފާ ދީފި

25 ޖަނަވަރީ 2023 - 06:01 0

ޔޫކްރެއިންގެ ސަރުކާރަށް ބަދަލުތަކެއް ގެންނަން ރައީސް ވޮލޮޑިމިރް ޒެލެންސްކީ ނިންމެވުމާ އެކު ގިނަ އަދަދެއްގެ ވެރިންތަކެއް އިސްތިއުފާ ދެއްވައިފި އެވެ.

އެގޮތުން ސަރުކާރުގެ އިސް އެޑްވައިޒަރަކާއި، ހަތަރު ޑެޕިއުޓީ މިނިސްޓަރުންނާއި، ފަސް ސަރަހައްދީ ގަވަރުނަރުން އަންގާރަ ދުވަހު އިސްތިއުފާ ދެއްވި އެވެ.

ގިނަ ވެރިންތަކެއް އިސްތިއުފާ ދެއްވި އިރު، ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ. ރިޝްވަތުގެ ތުހުމަތާއި މުއްސަނދި ދިރިއުޅުމެއް އުޅޭކަމުގެ ތުހުމަތު ބައެއް ވެރިންގެ މައްޗަށް ކުރެ އެވެ.

ޒެލެންސްކީގެ އެންމެ އަރިސް އެއް އޮފިޝަލްގެ ގޮތުގައި ހުންނަވާ މިކައިލޯ ޕޮޑޯލިޔަކް ވިދާޅުވީ އިންސާފަކީ އެންމެންނަށް ހަމަހަމަ އެއްޗަކަށް ހެދުމަށް "އާއްމުން ޑިމާންޑު ކުރާ" ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިނަކީ އެ ޑިމާންޑާ އެއް ގޮތަށް އަމަލު ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށެވެ. ދައުލަތުގެ އޮފިޝަލުން ހުއްދަ ނުހޯދައި ޔޫކްރެއިނުން ފުރުން މި ވަގުތު އޮތީ މަނާކޮށްފަ އެވެ.

ޔޫކްރެއިނަކީ ކޮރަޕްޝަން ވަރަށް ބޮޑަށް އޮންނަ ގައުމެކެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ 2021 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ޔޫކްރެއިން އޮތީ 122 ވަނައިގަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރުކަން ހޯދަން ޔޫކްރެއިނުން ހުށަހަޅާފައިވާ އިރު އީޔޫގެ އެންމެ ބޮޑު އެއް ޝަރުތަކީ ކޮރަޕްޝަން ހުއްޓުވުމެވެ.