24 ޖަނަވަރީ 2023 - 08:39 0
24 ޖަނަވަރީ 2023 - 08:39 0
މެލްބަން (ޖެނުއަރީ 24) - ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ މެޗުތަކުގައި ސާބިއާގެ ތަރި، ނޯވަކް ޖޮކޮވިޗް އަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ނުވަ ފަހަރު، އޮސްޓްރޭލިއަން އޯޕަންގެ ތަށި އުފުލާލާފައިވާ ޖޮކޮވިޗް ވަނީ އިއްޔެ ކުޅުނު ގަދަ 16 ބުރުގެ މެޗުން އޮސްޓްރޭލިއާގެ އަލެކްސް ޑި މިނޯ ބަލިކޮށްފަ އެވެ. މި މެޗުގައި ވާތުފައިގެ ފަލަމަސްގަނޑު ޓޭޕްކޮށްގެން ކުޅުނު ޖޮކޮވިޗް ސެޓުތައް ގެންދިޔައީ، 6-2، 6-1 އަދި 6-2 އިންނެވެ.
މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ދެ ގަޑިއިރެއްހާއިރަށް ދިގުދެމިގެންދިޔަ މެޗަށް ފަހު، ޖޮކޮވިޗް ބުނީ މިއީ މި މުބާރާތުގައި މި ފަހަރު އޭނާ އެންމެ ހިތްހަމަޖެހޭ ވަރަށް ކުޅެވުނު ދުވަސް ކަމަށެވެ.
"މިއަދު އަހަންނަށް ތަދެއް ނުވޭ، ވަރަށް ހިތްހަމަ ޖެހޭ ވަރަށް ކުޅެވިއްޖެ، އަހަރެންގެ މެޑިކަލް ޓީމާއި ފިޒިއޯ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަންނަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ލިބުނީ އެ މީހުންގެ ވެސް މަސައްކަތުން،" ޖޮކޮވިޗް، 35، ބުންޏެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖޮކޮވިޗް ނުކުންނާނީ ރަޝިއާގެ އަންޑްރޭ ރުބްލޭވްއާ ދެކޮޅަށެވެ. ރުބްލޭވް ކުއާޓާ އިން ފުރުސަތު ހޯދީ ޑެންމާކްގެ ޒުވާން ކުޅުންތެރިޔާ، ހޯލްގާ ރޫން ބަލިކުރުމަށް ފަހު އެވެ.
މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްގެން ޖޮކޮވިޗަށް 10 ވަަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދުމުގެ އިތުރުން ވެސް ހާސިލްކުރެވޭނެ މުހިންމު ކަންތައްތަކެއް އެބަހުރި އެވެ.
އެއީ އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދައިގެން، ސްޕެއިނުގެ ރަފައެލް ނަޑާލް ހަދާފައިވާ ރެކޯޑާއި ހަމަ ކުރުމާއި މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އެރުމެވެ. މި ފަހަރުގެ، އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުން ކެޓި، ނަޑާލް ވަނީ ޖުމްލަ އެކު، 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ޖޮކޮވިޗް ވަނީ މިހާތަނަށް 21 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފަ އެވެ.
މިހާރު އޮތްގޮތުން، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފޭވަރިޓަކީ ޖޮކޮވިޗް އެވެ. އޭނާ އެންމެ ފަހުން، މި މުބާރާތުގެ މެޗަކުން ބަލީވީ 2018 ވަނަ އަހަރު އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖޮކޮވިޗަށް ވާދަނުކުރެވުނީ މުބާރާތަށް ދިޔަ ފަހުން އޮސްޓްރޭލިއާ އިން އޭނާ ޑީޕޯޓްކޮށްލުމުންނެވެ. އެއީ ކޮވިޑް-19 ވެކްސިނާ ގުޅޭ މައްސަލައެއްގަ އެވެ.
Comment