Advertisement

ޗައިނާގެ އާ އަހަރާ ދިމާކޮށް އެމެރިކާގައި ބަޑި ޖަހައި 10 މީހުން މަރާލައިފި

23 ޖަނަވަރީ 2023 - 06:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަޑި ޖެހުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭޕީ


ޗައިނާގެ އާ އަހަރާ ދިމާކޮށް އެމެރިކާގައި ބަޑި ޖަހައި 10 މީހުން މަރާލައިފި

23 ޖަނަވަރީ 2023 - 06:36 0

ޗައިނާގެ އާ އަހަރު ނުވަތަ "ލޫނާ" އާ އަހަރު ފެށުމާ ދިމާކޮށް އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ މޮންޓެރޭ ޕާކް ސިޓީގެ ސްޓޫޑިއޯއެއްގައި ބަޑި ޖަހައި 10 މީހުން މަރާލައިފި އެވެ.

ފުލުހުން ބުނީ އިތުރު 10 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި ބަޑި ޖެހި މީހާ ފިލާފައިވާ ކަމަށެވެ. އާދީއްތަ ދުވަހުގެ ރެއާ ހަމައަށް ވެސް އެ މީހާ ފެނިފައެއް ނުވެ އެވެ.

ބަޑި ޖެހުމުގެ ހާދިސާ ހިނގުމުގެ ކުރިން "ލޫނާ" އާ އަހަރުގެ ފެސްޓިވަލްގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު މޮންޓެރޭ ޕާކް ސިޓީއަށް ޖަމާވި އެވެ.

ލޮސް އެންޖެލެސް ކައުންޓީގެ ޝެރިފް ޑިޕާޓްމަންޓުން ބުނީ ތުހުމަތު ކުރެވެނީ ފިރިހެނަކަށް ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ކެލިފޯނިއާ ސްޓޭޓުގައި ހިނގި އެންމެ ބޮޑު ބަޑި ޖެހުމުގެ ހާދިސާ އެވެ. މީގެ ކުރިން ހިނގި އެންމެ ނުރައްކާތެރި ހާދިސާއަކީ 1984 ވަނަ އަހަރު މެކްޑޮނަލްޑްސް ރެސްޓޯރެންޓެއްގައި ބަޑި ޖަހައި 21 މީހުން މަރުވި ހާދިސާ އެވެ.

ތަހުގީގު ކުރާ އޮފިޝަލުން ބުނީ ބަޑި ޖެހީ ކީއްވެގެންކަން ބުނަން އަދި ނޭނގޭ ކަމަށާއި މިއީ ނަސްލީ ތަފާތުކުރުމާއި ނަފުރަތާ ގުޅުން ހުރި ހާދިސާއެއްތޯ ބުނަން ވެސް އަދި މާ އަވަސް ކަމަށެވެ.

މޮންޓެރޭ ޕާކްގެ އާބާދީއަކީ ގާތްގަނޑަކަށް 60،000 މީހުންނެވެ. އެ ސިޓީގައި އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅެ އެވެ.