Advertisement

ގުރުއާން އަންދަން ހުއްދަ ދިނުމުން ތުރުކީ އާއި ސްވިޑަންގެ ގުޅުން ގޯސްވެއްޖެ

22 ޖަނަވަރީ 2023 - 16:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާންއާ ދެކޮޅަށް ސްވިޑަންގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: ގަތަރް ޓްރިބިޔުން


ގުރުއާން އަންދަން ހުއްދަ ދިނުމުން ތުރުކީ އާއި ސްވިޑަންގެ ގުޅުން ގޯސްވެއްޖެ

22 ޖަނަވަރީ 2023 - 16:41 0

ތުރުކީ އާއި ސްވިޑަންގެ މަޝްރަހު ހޫނުވެފައި ވަނިކޮށް، ތުރުކީ އެމްބަސީ ކުރިމައްޗަށް އެއްވެ، ގުރުއާން އަންދަން ހުއްދަ ދިނުމުން، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.

"އަޅުގަނޑުމެންގެ މާތްވެގެންވާ ކީރިތި ގުރުއާނާ ދެކޮޅަށް ހިންގި މުޑުދާރު އަމަލު އެންމެ ހަރުކަށިކޮށް ކުށްވެރިކުރަން. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ދެކޮޅު އަމަލުތައް ހުއްދަކޮށް، މުސްލިމުންނަށް ޓާގެޓުކޮށް، އިސްލާމީ އުސޫލުތަކަށް ފުރައްސާރަކޮށް ހެދުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ތުރުކީގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ސްވިޑަންގެ ސަރުކާރުން ހުއްދަ ދިނީ ތުރުކީ އެމްބަސީ ބޭރުގައި ގުރުއާން އެންދުމަށެވެ. އެގޮތަށް ހުއްދަ ދިނީ ކަނާއަތު ފިޔައިގެ ހަރުކަށި ވިސްނުން ގެންގުޅޭ ސިޔާސީ މީހަކު ހުށަހެޅުމުންނެވެ.

އޭގެ އިތުރުން ކުރުދީންނަށް ތާއީދުކޮށް، ސްވިޑަން ނޭޓޯއާ ގުޅުމަށް ތާއީދުކޮށް، ތުރުކީއާ ދެކޮޅު ވަކި މުޒާހަރާއެއް ހޮނިހިރު ދުވަަހު ސްވިޑަންގައި ކުރިއަށް ދިޔަ އެވެ.

ސްވިޑަންގެ ފޮރިން މިނިސްޓަރު ޓޯބިއަސް ބިލްސްޓްރޮމް ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް އެ ގައުމުން އުޅޭ ކަމަށް ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ.

"ސްވިޑަންގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދެނީ ވަރަށް ފުޅާކޮށް. އެކަމަކު އޭގެ މާނައެއް ނޫން، ވަކި މީހަކު ފާޅުކުރާ ހިޔާލަކީ ސްވިޑަންގެ ސަރުކާރާއި އަޅުގަނޑުގެ ވެސް ވިސްނުން ކަމަށް،" އޭނާ ވިދާޅުވި އެވެ.

ގުރުއާން އެންދީ ޑެންމާކްގެ ހާޑް ލައިން ޕާޓީގެ ލީޑަރު ރަސްމުސް ޕަލުޑަން އެވެ. އޭނާއަކީ ސްވިޑަންގެ ޕާސްޕޯޓު ވެސް އޮންނަ މީހެކެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އެކި އެއްވުންތަކުގައި ގުރުއާން އަންދާފަ އެވެ.

ފުލުހުން އޭނާއަށް ދިން ހުއްދައިގައި ބުނީ މުޒާހަރާ ކުރަނީ އިސްލާމްދީނާ ދެކޮޅަށް އަދި ސްވިޑަންގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާ ދެކޮޅަށް ކަމަށެވެ.

އޭނާގެ އެ އަމަލު ގިނަ އަރަބި ގައުމުތަކުން ވަނީ ކުށްވެރިކޮށްފަަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާ، އުރުދުން އަދި ކުވެއިތު ހިމެނެ އެވެ.

ތުރުކީ އާއި ސްވިޑަންގެ ގުޅުން ކުރިން ވެސް އޮތީ ގޯސްވެފައި

ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އެމެރިކާގެ އަސްކަރީ ކޯލިޝަން ނޭޓޯގައި ބައިވެރިވާން ސްވިޑަން އާއި ފިންލޭންޑުން ހުށަހެޅީ މިދިޔަ އަހަރު އެވެ. އެކަމަކު މެމްބަރުކަން ލިބޭނީ ނޭޓޯގެ މެމްބަރު ހުރިހާ ގައުމެއްގެ ރުހުން ލިބުމުންނެވެ. އޭގެ ތެރޭގައި ތުރުކީ ހިމެނެ އެވެ.

ތުރުކީއިން ބުނީ ސްވިޑަންއާ މެދު ހިތްހަމަނުޖެހެނީ ކުރުދީންގެ މައްސަަލައިގައި ކަމަށެވެ. ތުރުކީގައި ވަކި ދައުލަތެއް ގާއިމްކުރަން ބޭނުންވާ ކުރުދީންނަކީ ޓެރަރިސްޓުން ކަމަށް ތުރުކީއިން ދެކެ އެވެ. ކުރުދީންގެ ބައެއް މީހުންނަށް ސްވިޑަންއިން ހިމާޔަތް ދީގެން އުޅޭ ކަމަށް ވެސް ތުރުކީއިން ތުހުމަތުކުރެ އެވެ.

ހޮނިހިރު ދުވަހު ސްވިޑަންގައި ކުރުދީންނަށް ތާއީދުކޮށް އެއްވި މީހުން ބުނީ އެއީ "ޕީކޭކޭ" ގެ މެމްބަރުން ކަމަށެވެ. ޕީކޭކޭ ނުވަތަ ކުރުދިސްތާން ވޯކާޒް ޕާޓީއަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގާތީ ތުރުކީ އާދި ސްވިޑަން އަދި އެމެރިކާގެ އިތުރުން ވެސް ގިނަ ގައުމުތަކެއްގައި މަނާކޮށްފައިވާ ގްރޫޕެކެވެ.

އެކަންކަމާ ހެދި ގުޅުން ގޯސްވެފައި އޮއްވާ، ހޮނިހިރު ދުވަހު ތުރުކީ އެމްބަސީ ކައިރިއަށް އެއްވާން ހުއްދަ ދިނުމުން އިތުރަށް މަޝްރަހު ގޯސްވި އެވެ. އޭގެ އިތުރުން ގުރުއާން އެންދި މައްސަލައިގައި ވެސް ތުރުކީއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ސްވިޑަންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ކުރަން ހަމަޖެހިފައި އޮތް ރަސްމީ ދަތުރެއް ތުރުކީ ސަރުކާރުން ހޮނިހިރު ދުވަހު ކެންސަލް ކުރުމުން، ދެ ގައުމުގެ ގުޅުން ގޯސްވެފައި އޮތް މިންވަރު ދައްކުވައިދެ އެވެ. ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލުސީ އަކަރް ވިދާޅުވީ "ޖެނުއަރީ 27 ވަނަ ދުވަހަށް ތާވަލުކުރި ދަތުރުގެ މާނައެއް މިހާރު ނެތް" ކަމަށެވެ.