Advertisement

ގައުމީ ވޮލީ މުބާރާތް: އީގަލްސް އާއި ވެމްކޯ ފެށީ މޮޅަކުން

22 ޖަނަވަރީ 2023 - 08:51 0

ޕޮލިސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވެމްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ވޮލީ މުބާރާތް: އީގަލްސް އާއި ވެމްކޯ ފެށީ މޮޅަކުން

22 ޖަނަވަރީ 2023 - 08:51 0

މިހާރު ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ކްލަބް އީގަލްސް އާއި ކްލަބް ވެމްކޯ މޮޅުވެއްޖެ އެވެ.

ގައުމީ އަންހެން ވޮލީ މުބާރާތް އިއްޔެ ހަވީރު ފެށިއިރު، ފުރަތަމަ މެޗުގައި އީގަލްސް އިން ނުކުތީ ކްލަބް ވޮލީބޯލްއާ ދެކޮޅަށެވެ. ކްލަބް ވޮލީބޯލް އަތުން އީގަލްސް މޮޅުވީ 3-2 ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު، ފޯރިގަދަ ކުޅުމަކަށް ފަހު އީގަލްސް އިން ގެންދިޔައީ 27-25، 27-25 އިންނެވެ. އީގަލްސް އިން ތިން ވަނަ ސެޓު ވެސް ގެންގޮސް، މެޗުން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް، ކްލަބް ވޮލީބޯލް އިން ދެން ކުޅުނު ދެ ސެޓު، 22-25، 16-25 އިން ގެންގޮސް އެއްވަރުކުރި އެވެ.

ނަތީޖާ ނެރެން ކުޅުނު ސެޓުގައި އީގަލްސް އިން ކުރިހޯދީ، 15-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސް އަށް ކުޅޭ ކޮލަމްބިއާގެ މަނުއެލާ ސިއޭރާ އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ކްލަބް ވޮލީބޯލް އާއި ކްލަބް އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މުބާރާތުގައި ރޭ ކުޅުނީ 2019 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރި ވެމްކޯ އާއި ޕޮލިހެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް އަތުން ރޭގެ މެޗުގައި ވެމްކޯ ވަނީ ފަސޭހައިން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ވެމްކޯ އިން ސެޓުތައް ގެންދިޔައީ 25-17، 25-23 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯ ޓީމުގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު އެވެ.

ގައުމީ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ، ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަނަ އާއި ތިން ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު ފައނަލްގެ ފަހު ޖާގަ ލިބޭ ޓީމެއް ކަނޑައަޅާ ގޮތަށެވެ.

މުބާރާތުގައި މިިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު، 16:15 ގައި ފަށާ މެޗުގައި އީގަލްސް ބައްދަލުކުރާނީ ޕޮލިހާ އެވެ. އަދި މިރޭ 20:15 ގައި، ވެމްކޯ އިން ކްލަބް ވޮލީބޯލްއާ ދެކޮޅަށް ނުކުންނާނެ އެވެ.